ދިވެހިރާއްޖޭގެ ތާރީޚު

ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުން 3

މުހައްމަދު ނާޖިހު

4

"ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުން" މި މައިގަނޑު މައުލޫއަށް ވޭތުވެ ދިޔަ ދެ ހަފުތާގައި އަޅުގަނޑުވާނީ ދެ މަޒުމޫނެއް ލިޔެފައެވެ. މިހަފުތާގައި މި ލިޔަނީ އެ ސިލްސިލާގެ ތިންވަނަ މަޒުމޫނެވެ. މި ސިލްސިލާގެ ފުރަތަމަ މަޒުމޫނުގައި އަޅުގަނޑު ލިޔެފައި ވާނީ، ދިވެހިރާއްޖެ އިސްލާމްވުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ދެކެވެމުން އަންނަ ވާހަކަތަކުގެ ތެރެއިން ދިވެހިރާއްޖެއިން އެންމެ ފުރަތަމަ އިސްލާމްވީ އައްޑޫ އަދި ފުވައްމުލައްކަމަށް ބުނާ ވާހަކަތަކާ ގުޅޭ ގޮތުންނެވެ. އަދި ދެވަނަ މަޒުމޫނު ހާއްސަކުރީ ދިވެހިރާއްޖޭގެ ވެރިކަން އިސްލާމްވީ ގޮތުގެ މައްޗަށް މީލާދީން ވިހިވަނަ ގަރުނުގެ ކުރީކޮޅާ ޖެހޭންދެން ދިވެހީން ކިޔަމުން އައި ވާހަކަތަކުގެ މައްޗަށެވެ. މިގޮތުން އަލިއަޅުވާލީ ދިޔަމިގިލީ ބަންޑާރައިންގެ އަމުރުފުޅަށް ހަސަން ތާޖުއްދީން ލިޔުއްވަން ފެއްޓެވި ތާރީޚު އިސްލާމި ދީބާމަޙަލްގައި އެހާދިސާ ގެނެސްފައިވާ ގޮތަށާއި ދިވެހި ފޯކުލޯރުގައި އެ ވާހަކަ ކިޔަމުން އަންނަ ގޮތުގެ މައްޗަށެވެ. ފޯކުލޯރުގައި ކިޔާ ވާހަކަ ގެނެސްދީފައިވާނީ އިހުގެ މަޝްހޫރު ވާހަކަ ކިޔުންތެރިޔާ ބުރާރަކޮއި އެވާހަކަ ކިޔައިދީފައިވާ ގޮތަށެވެ.

ކޮންމެއަކަސް ދިޔަމިގިލީ ބަންޑާރައިންގެ ތާރީޚު ފޮތުންނާއި، ހާޖީ އިމާދުއްދީނުގެ ތާރީޚު ފޮތުންނާއި، ޝަމްސުއްދީން ރަދުންގެ ދުވަސްވަރާ ހަމައަށް، އެ ދުވަސްވަރުގެ ލިޔެކިޔުންތައްވެސް ހިމެނޭ ގޮތަށް ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖޭގެ ރަސްގެފާނު އެބޭކަލެއްގެ އަތްޕުޅުމައްޗަށް އިސްލާމްވެ، ދިވެހި ވެރިކަން އިސްލާމީ ވެރިކަމަކަށް ބަދަލުކޮށްލުމުގެ މެދުވެރިއެއް ކަމުގައި މާތްރަސްކަލާނގެ މެދުވެރިކުރެއްވި ފަރާތަކީ މިއަދު އީރާނުގެ ސަރަހައްދުގައި އޮތް ތަބްރީޒް އޭ ކިޔުނު ރަށަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެއް ކަމަށްވާ އައްޝައިޚު ޔޫސުފް ޝަމްސުއްދީން އައްތަބްރީޒީއެވެ. އާދެ، ތަބްރޭޒުގެފާނެވެ. އަދި ތާރީޚުންނާއި ފޯކުލޯރުން ލިބެން ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެކަލޭގެފާނު ދިވެހިރާއްޖެ އިސްލާމްކުރެއްވީ އޭރު ހުންނެވި ރަދުންނަށް ބޮޑުވެގެންވާ ކަރާމާތެއް ދައްކަވައިގެންނެވެ. އެކަރާމާތަކީ ކަނޑުން އަރާ ފުރޭތައެއްކަމަށް ބުނެވޭ އެއްޗަކާ ގުޅިގެން ދެއްކެވި ކަރާމާތެކެވެ. އެ ފުރޭތައަކަށް ދިވެހީންގެ ފޯކުލޯރުގައި ކިޔަމުން އަންނަ ނަމަކީ ރަންނަމާރިއެވެ. މީގެ ކުރިން އަޅުގަނޑު ލިޔުނު މަޒުމޫނެއްގައި ރަންނަމާރިއާ ގުޅޭ ގޮތުން ވާހަކަތަކެއް ލިޔެ ހާމަކޮށްފައިވާނެއެވެ. އެހެންކަމުން މި މަޒުމޫނުގައި އިތުރަށް ރަންނަމާރީގެ ވާހަކަ ނުދައްކާނަމެވެ.

އާދެ! އިސްވެ ދެންނެވުނު ފަދައިން މީލާދީން ވިހި ވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށް ދިވެހިރާއްޖެ އިސްލާމްކުރެއްވީ ތަބްރޭޒުގެފާނުކަމަށް ދިވެހީން ކިޔައި އުޅެނިކޮށް މި ނަން އެހެން ގޮތަކަށް ބަދަލުވެ، އެއީ މުޅީން އެހެން ހިސާބެއްގެ ބޭކަލަކަށްވެ ނިމި، ގައުމުގެ ރަސްމީ އިދާރާތަކުން ލިޔަން ފެށީ، ވިހި ވަނަ ގަރުނުގެ ކުރީކޮޅު މި ރާއްޖޭގެ ތާރީޚު ދިރާސާކުރައްވަން ވަޑައިގެންނެވި ބޭކަލެއް ކަމަށްވާ އިނގިރޭސިވިލާތުގެ އެޗް.ސީ.ޕީ. ބެލްގެ ފަރާތުން ލިބިގެން ދިޔަ އާ މައުލޫމާތުތަކެއްގެ ސަބަބުންނެވެ.

އެޗް.ސީ.ޕީ. ބެލްއަށް ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވުނީ 1879 ގެ ނޮވެންބަރުގައި އޭނާ ދަތުރުކުރެއްވި ނަވެއް ކަމަށްވާ "ސީގަލް" ގާފަރު ފަރަށް އުރުމުގެ ސަބަބުންނެވެ. އެ ފަހަރު މާލެއަށް ދުރުވެ ހޭދަކުރެއްވި ދެތިން ދުވަހުން އެއްކުރެއްވި މައުލޫމާތުގެ މައްޗަށް 1881 ގައި ރިޕޯޓެއް ތައްޔާރުކުރައްވައި އޭރު އޭނާ މަސައްކަތްކުރައްވަމުން ގެންދެވި ސިލޯނުގެ އިނގިރޭސި ސަރުކާރަށް ހުށައެޅުއްވިއެވެ. އޭގެ ސާޅީސް އަހަރު ފަހުން 1920 ގެ ޖެނުއަރީގައި އޭނާ ދެވަނަ ދަތުރެއްގައި ރާއްޖެ ދުރުވިއެވެ. އެ ފަހަރު ދުރުވީ ކުރީން އޭނާ ލިޔުއްވި ރިޕޯޓު އަލުން މުރާޖާކޮށް އާ ރިިޕޯޓެއް ތައްޔާރުކުރުމަށާއި ދިޔަމިގިލީ ބަންޑާރައިންގެ ތާރީޚު (ހަސަން ތާޖުއްދީނު ލިޔުއްވަން ފެއްޓެވި ތާރީޚު އިސްލާމި ދީބާމަޙަލް) ގެ ކޮޕީއެއް ހޯއްދެވުމުގެ ބޭނުމުގައްޔާއި ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން އޮތް ކަމަށް ބުނެވޭ ބުދުދީނުގެ ތަންތަނާއި ކަންތައްތަކާއިބެހޭ ތަހުގީގެއް ކުރެއްވުމަށެވެ. މިގޮތުން މި ދަތުރުގެ މައްޗަށް ހާއްސަ ރިޕޯޓެއް ލިޔުއްވައި ފޮތެއްގެ ސިފައިގައި ޝާއިއުކުރެއްވިއެވެ. އޭގެ ފަހުން 1922 ވަނަ އަހަރުގެ ފެބްރުއަރީ 2 ގައި ތިން ވަނަ ދަތުރެއްގައި ބެލް ރާއްޖެ ދުރުވިއެވެ. މި ދަތުުރު އެ އަހަރުގެ ސެޕްޓެންބަރު 22 ގެ ނިޔަލަށް ދެމިގެން ދިޔައެވެ. މި ދަތުރުގައި މާލޭގެ އިތުރުން ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކަށް ދުރުވެ އާސާރީ ތަންތަނާއި ދުވަސްވީ ލިޔެކިޔުންތައް ބައްލަވައި އެކަމުގެ މައްޗަށް ރޯޔަލް އޭޝިޔާޓިކް ސޮސައިޓީގެ ސިލޯނު ގޮފީގެ ޖަރނަލްގައި އެކްސާރޕްޓާ މޯލްޑިވިއާނާގެ ނަމުގައި ސިލްސިލާ މަޒުމޫނުތަކެއް ލިޔުއްވިއެވެ. އަދި ފަހުން އެމަޒުމޫނުތައްވަނީ އެނަމުގައި އެއްފޮތަކަށް ޖަމާކޮށް ޝާއިއުކުރައްވާފައެވެ. އޭގެފަހު އޭނާ އެއްކުރެއްވި ގިނަ މައުލޫމާތުތައް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ތާރީޚާއި، އާކެއޮލޮޖީއާއި، މުސްކުޅި ލިޔުންތަކުގެ މައްޗަށް ދަ މޯލްޑިވް އައިލެންޑްސް، މޮނޮގްރާފް އޮން ދި ހިސްޓްރީ، އާކެއޮލޮޖީ އެންޑް އެޕިގްރަފީގެ ނަމުގައި ފޮތެެއްވެސް ވަނީ ޝާއިއުކޮށްފައެވެ. އެޗް.ސީ.ޕީ. ބެލްގެ އެންމެ ފަހުގެ ދިރާސީ މަސައްކަތުގައި އޭނާއަށް އެހީތެރިކަންދެއްވި ދިވެހި ބޭބޭފުޅުންކަމަށް ބަޔާންކޮށްފައިވަނީ އަތިރީގޭ އަހުމަދު ދޮށިމޭނާ ކިލަގެފާނާއި އަތިރީގެ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނާއި އަތިރީގޭ އަބްދުލްހަމީދު ދީދީއާއި އަތިރީގެ މުހައްމަދު އަމީން ދީދީއާއި ދަރަވަންދޫގޭ ހުސައިން ދީދީ، އާދެ ޝައިޚު ހުސައިން ސަލާހުއްދީނެވެ.

އަޅުގަނޑު މިއަދު މިލިޔާ މައުލޫއަކީ އެޗް.ސީ.ޕީ. ބެލްގެ ވާހަކައޭ ހީވާ ވަރަށް އޭނާގެ ވާހަކަ ދެކެވިއްޖެއެވެ. އޭނާގެ ވާހަކައާއި އޭނާއަށް އެހީތެރިވެދެއްވި ބޭބޭފުޅުންގެ ނަންތައް އަޅުގަނޑު ހާމަކޮށްލީ ވަރަށްވެސް މުހިއްމު މަގުސަދެއްގައެވެ. ދިވެހި ތާރީޚުގައި، ދިވެހި ފޯކުލޯރުގައި ކިޔަމުން އައި ބޭކަލެއްގެ ނަމާއި ރަށް މުޅީން ބަދަލުވެގެން ދިޔައީ ބެލް ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތުގެ ތެރެއިން ތިލަވެގެން އައި ލިޔުމެއްގެ ސަބަބުންކަން ހާމަކޮށްލުމުގެ ގޮތުންނެވެ. އަދި އޭނާއަށް އެހީތެރިވެ ވަޑައިގެންނެވި ބޭބޭފުޅުންނަކީ، މިދެންނެވި ފަހުން ފެނުނު ލިޔުމުގެ މައްޗަށް ތާރީޚު ބަދަލުކޮށް ރަސްމީ ކުރެއްވި އަދި އޭރު ދިވެހިީންގެ މައްޗަށް ވެރިކަން ހިންގަވަން ތިއްބެވި ބޭބޭފުޅުންނަށް ވީތީއެވެ. އަދި ހަމަ އެހެންމެ ދިވެހީންގެ ދީނީ ކަންކަމުގައި އެންމެ އިސްކޮށް ހުންނެވި ފަނޑިޔާރު މަނިކުފާނުވެސް އެބޭފުޅުންގެ ތެރޭގައި ޝާމިލުވީތީއެވެ.
އިސްވެ ދެންނެވުނު ފަދައިން ބެލްގެ ފުށުން ތިލަވެގެން ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަމާއި ރަށް އެހެން ގޮތަކަށް ބަދަލުވެގެން ގޮސްފައިވިއެއްކަމަކު ބެލްފޮތުގައި އޭނާ މުޅީންވެސް ލިޔުއްވާފައި ހުރީ އެ ދުވަސްވަރު ދިވެހީން އެބޭކަލެއްގެ ނަން ކިޔަމުން އަންނަ ގޮތަށެވެ. ބެލްފޮތޭ މިދަންނަވަނީ އޭނާ ލިޔުއްވި މޮނޮގްރާފްގެ ވާހަކައެވެ. މިގޮތުން ބެލްފޮތުގެ 8 ވަނަ ސަފުހާގައި ލިޔުއްވާފައި އޮތީ މިފަދައިންނެވެ.
May 24 – Henveru Kuda Hiti (26th Ramazan), Royal procession again at night to Medu Ziyarat, which is opposite to Hukuru Miskit. Fatiha said at the tombs of Shaikh Yusuf Shams-ud-din of Tabriz (apostle of Islam to the Maldives, mid-Twelfth Century),..
ބެލްފޮތުގައި މިވާހަކަ މިގޮތަށް ލިޔުއްވުމަށްފަހު، ދިޔަމިގިލީ ބަންޑާރައިންގެ ދިވެހި ތާރީޚު ފޮތުގައި ހުރި ރަސްރަސްކަންލުންގެ ތާރީޚުގެ އިނގިރޭސި ތަރުޖަމާ ލިޔުއްވި އިރު، ދިވެހިރާއްޖޭ ރަދުން އިސްލާމްކުރެއްވި ޝައިޚް ޔޫސުފް ޝަމްސުއްދީން އައްތަބްރީޒީގެ ނަމާއި އެކަލޭގެފާނު ދެއްކެވި ކަރާމާތުގެ ވާހަކަ ލިޔުއްވުމަށްފަހު، އޭގެ ފުޓްނޯޓެއްގެ ގޮތުގައި އިބްނުބަތޫތާ އެ ވާހަކަ ގެންނަވާ ގޮތް ބަޔާންކުރައްވާފައިވެއެވެ. އޭގައި ބެލް ލިޔުއްވާފައި އޮތީ މިފަދައިންނެވެ.
*Ibn Batuta, as a native of Tangier, would assign the credit of the Conversion to Abul-Barakat, the Berber, a Maghrabin.
އާދެ، މަޣްރިބްކަރައިގެ އިބްނު ބަތޫތާ ދިވެހިރާއްޖެ އިސްލާމްކުރެއްވި ކަމަށް ކަނޑައަޅުއްވާފައިވާ ބޭކަލަކީ އަބުލްބަރަކާތުލް ބަރުބަރީ އަލްމަޣްރިބީ ކަމަށެެވެ. މިއީ ދިވެހީންނަށް އަބުލްބަރަކާތުލް ބަރުބަރީގެ ނަމެއް އިވުނު ކަމަށް ނުވަތަ ފެނުނު ކަމަށް ލަފާކުރެވޭ ހިސާބެވެ. މިދަންނަވަނީ ފޮތުގައި އެވާހަކަ ލިޔުއްވި ހިސާބެއް ނޫނެވެ. ފޮތް ލިޔުއްވުމަށްޓަކައި ބެއްލެވި ލިޔުއްވުންތަކުގެ ވާހަކަ، އޭރު ބެލްއަށް އެހީތެރިކަންދެއްވި ބޭބޭފުޅުންނަށް އިވުނު ހިސާބެވެ. ނުވަތަ އިވުނު ހިސާބުކަމަށް ބެލެވޭ ހިސާބެވެ. އެހާ ހިސާބުން ފެށިގެން ދިވެހި މި ދެންނެވި ބޭބޭފުޅުންގެ ލިޔުންތަކުން އިބްނު ބަތޫތާގެ ވާހަކަ ފެންނަން ފަށައިފިއެވެ. އޭގެ ކުރިން ދިވެހި ތާރީޚުގެ އެއްވެސް ލިޔެކިޔުމެއްގައި އިބްނު ބަތޫތާގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ. ދިޔަމިގިލީ ބަންޑާރައިންގެ ތާރީޚުގައިވެސް ރާދަވަޅިއެއްގައިވެސް އަދި އެނޫންވެސް އެފަދަ ލިޔުމެއްގައި އޭނާގެ ވާހަކަ ނެތީއެވެ.

އިބްނު ބަތޫތާއަކީ މީލާދީން 1304 ގައި މަޣްރިބްކަރައިގެ ތަންޖާގައި އުފަންވި ބޭކަލެކެވެ. އޭނާއަކީ ދުނިޔޭގެ ބޮޑު ބަޔަކަށް ދަތުރުކުރައްވައި ދުނިޔޭގެ ތާރީޚުގައި ނަން ހިނގާ ސައްޔާހެއްގެ ގޮތުގައި ފާހަކަކުރެވޭ ބޭކަލެކެވެ. މިގޮތުން އޭނާގެ ދުނިޔެ ބެެއްލެވުމަށްޓަކައި ދަތުރު ފެއްޓެވީ އުމުރުން 21 އަހަރުގައެވެ. އޭނާގެ މި ދަތުރުގައި 29 އަހަރު ހޭދަކުރެއްވިއެވެ. އަދި މި ދެތުރުގައި ދިވެހިރާއްޖެއަށް ދުރުވެ ގިނަ ދުވަސްތަކެއް ރާއްޖޭގައި ހޭދަކުރެއްވިއެވެ. އޭނާ ނިޔާވީ މީލާދީން 1377 ގައެވެ. އިބްނު ބަތޫތާގެ މި ދަތުރުނާމާގެ މައްޗަށް ފޮތެއް ލިޔުއްވީ މަޣްރިބްކަރައިގެ ރަސްކަލެއް ކަމަށްވާ އަބޫ އިނާން ފާރިސް (1348 – 1358 މ.) ގެ އަމުރުފުޅަށެވެ. ނަމަވެސް އެފޮތުން ކުށް ކަނޑުއްވައި، އެޑިޓްކުރައްވައި، ފޮތުގައި އަދަބީ ސިފަޖެއްސެވީ ރަސްގެފާނުގެ މަޝްހޫރު ކާތިބު މުހައްމަދު އިބްނު އަހުމަދު އިބްނު ޖުޒައްޔުއޭ ކިޔުނު ބޭކަލެކެވެ. އިބްނު ބަތޫތާގެ ދަތުރުނާމާއާމެދު ބައެއް ބޭބޭފުޅުން ވިދާޅުވާ ގޮތުން އެއީ އިބްނު ބަތޫތާ އަނގަބަހުން ކިޔުއްވީމާ އިބްނު ޖުޒައްޔު ނޯޓުކުރައްވައިގެން ލިޔުއްވައި އެޑިޓްކުރައްވާފައިވާ ފޮތެކެވެ. އޭނާ އިބްނު ބަތޫތާގެ މި ދަތުރުނާމާ ލިޔުއްވި ކަމަށް ބެލެވެނީ 1352 އާއި 1355 އާ ދެމެދުގައެވެ. ބައެއް ބޭބޭފުޅުން ތުހުމަތުކުރައްވާފައިވާ ގޮތުގައި އިބްނު ޖުޒައްޔު މި ރިހުލާ ލިޔުއްވި އިރު އޭގެ ކުރިން ބައެއް ބޭބޭކަލުން ލިޔުއްވާފައިވާ ދަތުރުނާމާތަކުން ބައިތައް ކޮޕީކުރައްވާފައިވެއެވެ. އަދި ހަމަ އެހެންމެ އިބްނު ބަތޫތާގެ ދަތުރުނާމާގެ ތަހުގީގު ކުރެއްވި ބައެއް އިލްމުވެރި ބޭބޭކަލުންވެސް އެ ފޮތުގައި ވަރަށް ގިނަ ކުށް ހުރިކަން ފާހަގަކުރައްވާފައިވެއެވެ. 29 އަހަރުގެ ދިގު ދަތުރެއް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރައްވައި، ތަފާތު އެކި ތަޖުރިބާތައް ކުރައްވާފައިވާ ބޭކަލަކު އެހުރިހާ ތަނަކާއި ކަމެއްގެ ވާހަކަ އެއްފަހަރާ ލިޔުއްވާއިރު އޮޅުންބޮޅުންތައް އެރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އާދެ، އިބްނު ބަތޫތާގެ ދަތުރުނާމާގެ ދިވެހިރާއްޖެއާ ބެހޭ ބައިގެ ދިވެހި ތަރުޖަމާއެއް އެންމެ ފުރަތަމަ ކުރެއްވީ، ކުރިން ބެލްއަށް އެހީތެރިވެދެއްވި ކަމަށް ބަޔާންކުރައްވާފައި ބޭބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޝައިޚް ހުސައިން ސަލާހުއްދީނެވެ. ދެވަނައަށް އެ މަސައްކަތްކުރެއްވީ ދިވެހި ތާރީޚު ދިރާސާކުރެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީއެވެ. މުހައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާފައިވާ ގޮތުން ހުސައިން ސަލާހުއްދީނުގެ ތަރުޖަމާ ޗާޕެއް ނުކުރެވެއެވެ. ނަމަވެސް، ބެލްއަށް އެހީތެރިވެދެއްވި ލިސްޓުގައި ހިމެނިވަޑައިގަންނަވާ އަތިރީގޭ މުހައްމަދު އަމީން ދީދީ ލިޔުއްވި "ތަންޤީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު" މި ފޮތުގައި އެތަރުޖަމާ، ހިސާބަކަށް އިސްލާހުކުރެއްވުމަށްފަހު ލިޔުއްވާފައިވެއެވެ. އިބްނު ބަތޫތާގެ ރިހުލާގައި ހިސާބަކަށް ކުށް ހުރިކަމަށް މުހައްމަދު އަމީން ދީދީގެ ތަންގީހު ފޮތުގައި އެމަނިކުފާނުވެސް ލިޔުއްވާފައިވެއެވެ.
8 ޖުލައި 1934 ގައި ނެރުނު އަލްއިސްލާހު މަޖައްލާގެ ފުރަތަމަ އަދަދުގައި "ދިވެހިރާއްޖޭގެ ތާރީޚު" މި މައިގަނޑު މައުލޫގެ މައްޗަށް ޝައިޚް ހުސައިން ސަލާހުއްދީން ލިޔުއްވާފައިވާ ލިޔުއްވުމުގައި އިބްނު ބަތޫތާގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އަންނަނިވި ގޮތަށެވެ.

"...ރާއްޖޭގެ تاريخކަށް ރާއްޖޭގެ މީހަކުގެ ކިބައިން ވެވުނު މާކަބޮޑު خدمةއް ފެނިއެއްނެތެވެ. ރަނގަޅަށް އެގޭން ހުރި خبرއްވެސް އެނގޭން ހުރީ ކޮންމެވެސް ރާއްޖެއިން ބޭރު މީހަކު ލިއެފައި ހުރި ލިއުމަކުންނެވެ.. مثلا ރާއްޖެ اسلامވީ ގޮތުގެ ވާހަކައާއި. އެاسلامވުމާއި ގާތް ދުވަސްވަރުގެ ވާހަކަތައް އެންމެ ރަގަޅަށް ފިލާންހުރީ العلامة عبوعبدالله محمد بن بطوطة ގެ تاريخންނެވެ. މިކަލޭގެފާނަކީ هجرއިން سنة ٧٤٤ މިވަނަ އަހަރު ރާއްޖެއަށް ދުރުވެ ދުވަސްކޮޅަކު ފަޑިއާރުކަމުގައި ހުންނެވި ބެއިކަލެކެވެ."
އައްޝައިޚު ހުސައިން ސަލާހުއްދީނުގެ މި އިބާރާތުގެ ފުރަތަމަ ޖުމްލައިގައި އެވާ ވާހަކައަށް އަޅުގަނޑަށް އެއްބަސްވެވޭކަށް ނެތެވެ. ސަބަބަކީ ދިވެއްސަކު ދިވެހި ތާރީޚަށް ކުރި މާބޮޑު ޚިދުމަތެއް ފެންނަން ނެތްކަމަށް ލިޔުއްވާފައި އޮތް ލިޔުއްވުމަކީ ރަނގަޅު ވިދާޅުވުމެއް ނޫނެވެ. އިބްނު ބަތޫތާވެސް ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވީކީ ނޫނެވެ. އޭނާ ދިވެހިރާއްޖެއަށް ކުރި ދަތުރުގެ ވާހަކައިގެ ތެރެއިން އޭނާއަށް ފެނިއިވުނު ކަންކަމުގެ ވާހަކަ ލިޔުނީއެވެ. ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާއި އިސްލާމްވާން މެދުވެރިވީ ސަބަބު ބަޔާންކުރީއެވެ. ހަމަ އެގޮތަށް ދިޔަމިގިލީ ބަންޑާރައިންގެ އަމުރުފުޅަށް ހަސަން ތާޖުއްދީން ލިޔުއްވި ތާރީޚު ފޮތުގައިވެސް ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާއި، އެ ހާދިސާގެ މައްޗަށް އަލިއަޅުއްވާލައި ލިޔުއްވާފައި އެބައޮތެވެ. ދިވެހީން ޒަމާނުއްސުރެއް އެވާހަކަ ކިޔަމުން އަންނަ ގޮތް ބުރާރަކޮއި ކިޔާ ގޮތަށް ލިޔުމުން ފެންނާން އެބައޮތެވެ. އެގޮތަށް ކިޔަމުން އައި އައުމަކީވެސް އެގޮތުން ބަލާކަމަށް ވާނަމަ ބަޔަކު ދިވެހި ތާރީޚަށް ކުޅަ ޚިދުމަތެއްކަމުގައި ނޫނީ ނުވާނެއެވެ. ހަމަ އެހެންމެ ދަރުމަވަންތަ ރަސްގެފާނު އެވެނިމިވެނި ބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގެންނެވި ވާހަކަ އިބްނު ބަތޫތާ ދިވެހިރާއްޖެއަށް ވަޑައިގެންނެވުމުގެ މަދު އަހަރުތަކެއް ކުރީން ހުކުރު މިސްކިތް އައުކޮށްފައި ޝިހާބުއްދީން ރަސްގެފާނު ބެހެއްޓެވު ފިލާގައި އެވަނީއެވެ. އިސްކަންދަރު ރަސްގެފާނު އެމިސްކިތް އަލުން ބޮޑުކުރެއްވުމަށްފަހު ޝިހާބުދީންގެ ފިލާގައި ހުރި ލިޔުން ނަކަލުކުރައްވައި އާ ފިލައެއްގައި ލިޔުއްވައި ހުކުރު މިސްކިތުގައި ހަރުކުރައްވާފައި އެވަނީއެވެ. އިސްކަންދަރު ރަސްގެފާނު އައްޑޫ ގަމު މާމިސްކިތަށް ލިޔެދެއްވި ބޯގަފިލާފަތްކޮޅުގައި ރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަން ބަޔާންކޮށްފައި އެވަނީއެވެ. މިއީ ހުސް އެކިއެކި ދުވަސްވަރު އެކި އެކި ދިވެހީން ދިވެހި ތާރީޚަށް ކުރެއްވި ޚިދުމަތެއް ނޫންތޯއެވެ. ކޮންމެއަކަސް ދިވެހިރާއްޖެ އިސްލާމްވި ތާރީޚާ އެންމެ ކައިރިން ގުޅޭ ލިޔުމަކަށް ފެންނަން އޮތީ އިސްވެ ދެންނެވި ޝިހާބުދީން ރަސްގެފާނުގެ ފިލައެވެ. އެއަށްފަހު އިބްނު ބަތޫތާގެ ދަތުރުނާމާގެ މައްޗަށް އިބްނު ޖުޒައްޔު ލިޔުއްވާފައިވާ ލިޔުއްވުމެވެ.

އާދެ! އިބްނު ބަތޫތާގެ ދަތުރުނާމާގައި ރާއްޖެ އިސްލާމްވި ހާދިސާގެ ދިވެހި ތަރުޖަމާ މިތަނުގައި ނަކަލުކޮށްލާނަމެވެ. ލިޔުން މި ނަކަލުކޮށްލަނީ އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީ 1984 ގައި ފައްޓަވައި 1985 ގައި ލިޔުއްވައި ނިންމަވައި 1991 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިއުކޮށްފައިވާ "އިބުނުބަޠޫޠާ ދިވެހިރާއްޖޭގައި" މިފޮތުން ނަގައިގެންނެވެ.

"އެތާނގެ މީހުންގެ ތެރޭން އަލްފަޤީހު ޢީސަލް ޔަމަނީ އާއި އަލްފަޤީހު معلم على އާއި އަލްޤާޟީ ޢަބްދުﷲ ފަދަ އިތުބާރުކުރެވޭ މީހުންނާއި އެނޫން މީހުން އަހަންނަށް އެ ވާހަކަ ކިޔައިދިން ގޮތުގައި ކުރީ ޒަމާނުގައި މި ރަށްތަކުގައި ވަޒަންވެރިވެ އުޅުނީ ކާފިރުންނެވެ. އެދުވަސްވަރު ކޮންމެ މަހަކު މާކަނޑާވީ ފަރާތުން ބައްތިތައް ދިއްލާފައި އޮންނަ ނަވެއްގެ ސިފައިގާ ޖިންނި ފުރޭތައެއް އެބައިމީހުންނަށް ފެނި ފައުޅުވެއެވެ. އެ ފުރޭތަ ފެނިއްޖެ ނަމަ އެބައިމީހުންގެ އާދަޔަކީ ބިކުރުވެރި އަންހެން ކުއްޖަކު ނަލަހައްދައި ޒީނަތްތެރިކޮށްފައި ބުދުކޯލަކަށް ވެއްދުމެވެ. މިގެއަކީ ބުދުގެ ގެއެވެ. މިގެ އަޅާފައި ހުންނަނީ ކަނޑުގެ އައްސޭރީގައެވެ. މި ބުދުކޯލުގައި ކަނޑު ބެލުމަށް ހުންނަ އާނގެއް ހުރެއެވެ. އެ އަންހެން ކުއްޖާ އެފައްޅީގައި ރޭގަނޑު ބައިންދާފައި އަނެއް ދުވަހު ހެނދުނު އެރަށު މީހުން އައިސް ބަލާއިރު އެކުއްޖާ އޮންނަނީ ބިކުރުވެރިކަން ކެނޑި މަރުވެފައެވެ. ޤުރުޢަތުން ހޮވިއްޖެ މީހެއްގެ ކުއްޖަކު އެކަމަށް ދޫކުރެއެވެ. ދެންފަހެ އެބައިމީހުންގެ ކައިރިއަށް أبو البركات البربرى އޭ ކިޔުނު މަޣުރިބުކަރައިގެ ބޭކަލަކު ދުރުވެއްޖެއެވެ. އޭނާ އަކީ ކީރިތި ޤުރުއާން ހިތުދަސް ބޭކަލެކެވެ. އެކަލޭގެފާނު މާލެ ދުރުވެ ފައިބާ ހުންނެވީ ދިވެހީންގެ ތެރެއިން މުސްކުޅި އަންހެނެއްގެ ގޭގައެވެ. އެއްދުވަހަކު މި ކަލޭގެފާނު ބޭރުން، ދުރުވެ ގެއަށް ވެންނެވިއިރު މީހަކު މަރުވެގެން އުޅޭ ފަދައިން އެ ކަނބުލޭގެ އާއި އެގޭގެ އަހުލުވެރިން ރޮނީއެވެ. ދެން އެބައިމީހުންނަށް ވެގެން އުޅޭ ގޮތް އޮޅުންފިލުއްވަން އުޅުއްވައި ނުފިލައިގެން ތަރުޖަމާނަކު ގެންނަވައިފިއެވެ. އެމީހާ އެކަލޭގެފާނަށް ނަންގަތީ ޤުރުޢަތުން އެ މަހު ހޮވުނީ އެ މުސްކުޅި ދައިތަގެ އަންހެން ދަރިފުޅު ކަމަށެވެ. މި ދައިތަގެ އެންމެ އަންހެން ދަރިއަކު ނޫނީ ނެތެވެ. އެކުއްޖާ މިރޭ ފުރޭތަ މަރާލާނެއެވެ. ދެން އެކަނބުލޭގެ ގާތު އަބުލްބަރަކާތު ބުނުއްވީ "އެދަރިފުޅުގެ ބަދަލުގައި މިރޭ އެތަނަށް ދާނީ އަހަންނެވެ." މިހެންނެވެ. މި ކަލޭގެފާނަކީ ތުނބުޅިއެއް މަތިމަހެއް ނެތް ބޭކަލަކަށް ވާތީ އެބައިމީހުން އެރޭ އެކަލޭގެފާނު ގެންގޮސް ބުދުކޯލަށް ވައްދައިފިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ ވުޟޫކުރައްވައިގެންނެވެ. ދެން ޤުރުއާން ކިޔެވުން މަތީ ދެމިއިންނަވަނިކޮށް އާނގުވަޅުން އެކަލޭގެފާނަށް އެފުރޭތަ ފެނިލައްވައިފިއެވެ. ދެންވެސް ޤުރުއާން ކިޔެވުން މަތީ ދެމިއިންނަވަނިކޮށް ފުރޭތަ އަރައިގެން އައިސް ކީރިތި ޤުރުއާންގެ އަޑު އިވޭ ފަށަށް އައިސްފައި ކަނޑަށް ގެނބިގެންފިއެވެ. އެ "މަޣުރިބީ" ކަލޭގެފާނު އެރޭ ފަތިސް ވަންދެން އެ އިންނެވި ގޮތަށް ޤުރުއާން ކިޔަވަން އިންނަވަނިކޮށް މުސްކުޅި ދައިތަ އާއި އޭނާގެ މީހުންނާއި އަދި ރަށުގެ މީހުން، އެބައިމީހުންގެ އާދަމަތިން އަންހެން އެ ކުއްޖާ ބުދުކޯލުން ނެރެގެން ގެންގޮސް އަންދާލުމަށް އައި އިރު އެ "މަޣުރިބީ" ކަލޭގެފާނު ޤުރުއާން ކިޔެވުން މަތީ ދެމިއިންނަވަނިކޮށް ދެކެފޫއެވެ. ދެން އެބައިމީހުން އެކަލޭގެފާނު ގޮވައިގެން އެބައިމީހުންގެ ރަސްގެފާނު އަރިހަށް ހިނގައްޖައޫއެވެ. އެ ރަސްގެފާނަށް ކިޔަނީ شنورازة އެވެ. ރަސްގެފާނަށް އެކަލޭގެފާނުގެ ޚަބަރުތައް ދެންނެވުމުން ވަރަށް ޢަޖާއިބުވެވަޑައިގަތެވެ. އެވަގުތު އެކަލޭގެފާނު ރަދުންނަށް އިސްލާމްދީން ހުށަހަޅުއްވައި، އެދީނަށް އެރަދުން އެދުންވެރި ކުރެއްވިއެވެ. ރަސްގެފާނު އެކަލޭގެފާނަށް އެންގެވީ "ހަނދުބަލާ މަސް އަންނަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި މި ފަހަރު ކަންތައް ކުރެއްވި މަގުން ކަންތައް ކުރައްވައި އެ ފުރޭތައިގެ ކިބައިން ސަލާމަތްވެއްޖެ ނަމަ އަހުރެން އިސްލާމްވެދާހުށީމެވެ." ދެން އެކަލޭގެފާނު އެބައިމީހުންގެ ތެރޭގައި ހުންނަވާތާ މަސް ދުވަސް ހަމަނުވެ އުޅެނިކޮށް މާތް ﷲ އެރަސްގެފާނުގެ ހިތްޕުޅު، އިސްލާމްދީނަށް ތަނަވަސްކުރައްވައި އެ ރަދުންނާއި، އެ ރަދުންގެ ބޭފުޅުންނާއި ދައުލަތުގެ ކުރިއަށް ތިބި މީހުން އިސްލާމްދީނަށް ވަދެވަޑައިގެންފޫ އެވެ.

ޖެހިގެން އައި މަހު އެކަލޭގެފާނު ގޮވައިގެން ގޮސް ބުދުކޯލަށް ވެއްދޫއެވެ. އެރެއަކު ފުރޭތައެއް ނާދެއެވެ. އެރޭވެސް ފަތިސްވާންދެން އެކަލޭގެފާނު އިންނެވީ ޤުރުއާންކިޔަވާށެވެ. އަނެއް ދުވަހު ހެނދުންކޮޅު، ރަސްގެފާނު، އެ ތަނަށް ވަޑައިގެންނެވި އިރު އެކަލޭގެފާނު އިންނެވީ ހެޔޮ ހާލުގައި ޤުރުއާން ކިޔަވާށެވެ. ދެން ރަސްގެފާނު އެ ބުދުކޯލު ތަޅުއްވާލައްވައި ބުދުތައް މުގުރުއްވުމަށް ފަހު އެރަށު މީހުން (މާލޭ މީހުން) އިސްލާމް ވުމަށް އަމުރުކުރެއްވުމުން އެންމެން އިސްލާމްވެއްޖައޫއެވެ. އަދި ބައެއް މީހުން އެކަލޭގެފާނުގެ މަޒުހަބު ކަމުގައިވި އަލްއިމާމު މާލިކު رضى الله عنه މި ކަލޭގެފާނުގެ މަޒުހަބު ޚިޔާރުކޮށްފޫއެވެ. މި ހާދިޘާއަށް ފަހު ދިވެހީން މަޣުރިބުކަރައިގެ މީހުންނަށް މާތްކޮށް ހިތައެވެ. އިސްލާމްވެވަޑައިގަތް ރަދުން މިސްކިތެއް ބިނާ ކުރެއްވި އެވެ. އެ މިސްކިތް މަޝްހޫރު ވެފައި ވަނީ އެރަދުންގެ ނަންފުޅުގައެވެ. އަދި ހުކުރު މިސްކިތު މިހުރާބުގޭގައި ލަކުޑީގައި ބިންވަޅުނަގައި ލިޔެފައި ހުއްޓާ އަހުރެން ކީމެވެ. أسلم السلطان أحمد شنورازة على يد أبى البركات البربرى المغربى މި ފަދައިންނެވެ. (ތަރުޖަމާ: އައްސުލްޠާން އަޙުމަދު ޝަނޫރާޒާ (ޝަނިވިރާޒާ) އިސްލާމްވެ ވަޑައިގަތީ މަޣްރިބުކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ މިކަލޭގެފާނުގެ އަތްމައްޗަށެވެ.) ދިވެހިރާއްޖެއިން ނެގޭ ވާރުގެ 1/3 އިބުނުއްސަބީލުންނަށް ދަރުމައެއްގެ ގޮތުގައި އެރަދުން ކަނޑައެޅުއްވި އެވެ. އެއީ އިބުނުއްސަބީލުންގެ ސަބަބުން އެ ރަދުން އިސްލާމްދީނަށް ވަދެވަޑައިގަތުމުގެ މަގު ތަނަވަސްވީތީއެވެ. ދިވެހީން އަދި އަދަށް ދާންދެންވެސް ތިބީ އިސްލާމްދީނުގައެވެ. މި ރާއްޖެ އިސްލާމްވުމުގެ ކުރީގައި، އެފުރޭތައިގެ ސަބަބުން ވަރަށް ގިނަ ރަށްތައް ހަލާކުވެ (ފަޅުވެ) ދިޔައެވެ. އަހަރެމެން އެރަށަށް (މާލެ އަށް) ގޮސް ތިބި އިރު އެ ފުރޭތައިގެ ކަމެއް އެނގިފައެއް ނުވެއެވެ. މިގޮތުގައި އަހަރެން އެރަށުގައި (މާލޭގައި) ހުރިދުވަސްވަރު އެއްރެޔަކު އަހުރެން، އަމިއްލަ ކަމެއްގައި އުޅެނިކޮށް މީސްތަކުން ހަރު އަޑުން ތަޙުލީލާއި ތަކުބީރު ކިޔާ އަޑު އިވިގެން އެކަން އޮޅުންފިލުވަން އުޅެނިކޮށް ދެން އަހަންނަށް ފެނުނީ ކުޑަކުދީންތަކެއް ތިރީސް (ختم - مصحف) ބޯމަތީގައި ބާއްވައިގެން އުޅޭ ތަނާއި ލޯގަނޑުތަކާއި ލޯކަންވާރުތަކުގައި އަންހެނުން ތަޅައި އުޅޭ ތަނެވެ. އެބައިމީހުން އެކުރި ކަންތަކާ މެދު ޢަޖާއިބުވެ ހުރެ ކަލޭމެންނަށް ވަނީ ކީއްހޭ އެހީމެވެ. އެބައިމީހުން ބުނީ "ކަލޭގެފާނު ކަނޑަށް ނުބައްލަވަމު ހެއްޔެވެ؟" ދެން އަހުރެން ބެލިއިރު ބޮޑުނަވެއް ކަހަލަ އުޅަނދެއް ފެނުނެވެ. އެ އެއްޗެއް ހީވަނީ ބައްތިތަކާއި ދަންމަރުތަކުން ފުރިފައިވާ ހެނެވެ. ދެން އެބައިމީހުން ބުންޏެވެ. "އެއީ އެ ފުރޭތައެވެ. އޭގެ އާދަޔަކީ ކޮންމެ މަހަކު އެއް ފަހަރު ފައުޅުވެ ފެނުމެވެ. ދެން ތިޔަ ދެކެލެއްވި ގޮތަށް އަޅުގަނޑުމެން ކަންތައް ކުރުމުން އަޅުގަނޑުމެންނަށް ގެއްލުމެއް ނުދީ ހިނގައިދެއެވެ."

އިބްނު ބަތޫތާގެ ދަތުރުނާމާގެ މި ތަރުޖަމާއަށް ބަލާއިރު ކުރީގެ މަޒުމޫނުގައި ބުރާރަކޮއިގެ ވާހަކައިން އަޅުގަނޑުމެންނަށް ހާމަވެގެންދިޔަ ވާހަކައާ މިވާހަކައާ ހިސާބަކަށް އެއްގޮތްކަން އެބަހުއްޓެވެ. އެގޮތަށް ކިޔެމުން އަންނަ ފޯކުލޯރުތަކަކީ ޒަމާނާއެކު އުނިއިތުރުވެ ބަދަލުވަމުން އަންނަ އެއްޗެކެވެ. އެހެންނަމަވެސް ވާހަކައިގެ މައިގަނޑުގައި މާ ބޮޑު ތަފާތެއް ނެތެވެ. ކަނޑުން އަރާ ފުރޭތައެއްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް އަންހެންކުދިން ވާކަމާއި ބޭރުން ވަޑައިގެންނެވި މުސްލިމު ދަންނަބޭކަލަކު އެއެއްޗެއްގެ ކިބައިން ދިވެހީން ސަލާމަތްކޮށްދެއްވައި އޭގެ ސަބަބުން ދިވެހިރާއްޖޭގެ ރަސްގެފާނާއި ވެރިކަމުގެ ބޮޑުން އިސްލާމްވެވަޑައިގެން އަދި އެއަށްފަހު ދިވެހީން އިސްލާމުންނަށްވެ ދިވެހިރާއްޖެ އިސްލާމީ ގައުމަކަށް ވީކަމެވެ. ދެން ހުރީ އުނި އިތުރެވެ. ބައެއް ފަހަރު ވާހަކަ ކިޔާ މީހުން ވާހަކަ ރީތިކުރުމަށްޓަކައި "ފޮނިތޮށިކާފޫރުތޮޅި" އަޅާ ބީދައިން އިތުރުކޮށްފައި ހުންނަ ކަންކަމަށް ވުންވެސް އެކަށީގެންވެއެވެ. އެހެންނަމަވެސް އިބްނު ބަތޫތާގެ ލިޔުމުން ދިވެހި ތާރީޚުގައި ކިޔަމުން އަންނަ ޔޫސުފް ޝަމްސުއްދީނުއް ތަބްރީޒީ މިވަނީ ޔޫސުފުލް ބަރްބަރީ އަލްމަޣްރިބީއަކަށް ވެފައެވެ. މުޅީން އެހެން ސަރަހައްދެއްގެ އެހެން ބަހަކުން ވާހަކަދައްކަވާ ބޭކަލަކަށް ވެފައެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ ފުރަތަމަ މުސްލިމު ރަދުންގެ ނަންފުޅުވެސް މިވަނީ ބަދަލުވެފައެވެ. އިބްނު ބަތޫތާ ވިދާޅުވެފައި އޮތީ އެއީ އަހުމަދު ޝަނޫރާޒާ ކަމަށެވެ.

މިހެންކަމުން އިބްނު ބަތޫތާގެ ވާހަކަ އިތުރަށް ބަލައި ދިރާސާކުރަން އެބަޖެހެއެވެ. އޭނާ ރާއްޖެ އިސްލާމްވި ވާހަކަ ރިވާކުރެއްވި އިރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްކުރެއްވި ކަލޭގެފަނަކީ ތަކުރާރުކޮށް މަޣްރިބީ ބަރްބަރީއެއްކަމަށް ވިދާޅުވެފައި އެބައޮތެވެ. އަދި އިތުރަށް އެއަށް ހެކި ދައްކަވަމުން ބުނުއްވަނީ ހުކުރު މިސްކިތު މިހުރާބުގޭގައި ލަކުޑީގައި ބިންވަޅުނަގައި ލިޔެފައި ހުއްޓާ ތިމަން ކިޔުއްވީމެވެ. أسلم السلطان أحمد شنورازة على يد أبى البركات البربرى المغربى މި ފަދައިންނެވެ. ( ތަރުޖަމާ: އައްސުލްޠާން އަޙުމަދު ޝަނޫރާޒާ އިސްލާމްވެ ވަޑައިގަތީ މަޣްރިބުކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ މިކަލޭގެފާނުގެ އަތްމައްޗަށެވެ.) އޭނާ އެވިދާޅުވާ ލަކުޑި ފިލައަކީ އައްސުލްތާނު އަހުމަދު ޝިހާބުއްދީން ހުކުރު މިސްކިތް ބިނާކުރެއްވި އިރު ބެހެއްޓެވި ފިލައެކެވެ. ފިލާ ބެހެއްޓިފައިވަނީ އޭނާ ރާއްޖެ ދުރުވުމުގެ ހަޔެއްކަ އަހަރު ކުރިންނެވެ. ވީމާ އިބްނު ބަތޫތާ އެ ފިލާ ކިޔުއްވި އިރު ހުންނާނީ ވަރަށް އާކޮށެވެ. އެހެންކަމުން އެކަހަލަ ލިޔުންތައް ބައްލަވައި ކިޔުއްވައި އުޅުއްވާ ބޭކަލަކަށް ކިޔުއްވާކަށް މާ ދައްޗެއްވެސް ނުވާނެއެވެ. އެހެންކަމުން މިއަދުވެސް އަޅުގަނޑުމެންގެ ލޯމަތީގައި ފެންނަން ހުރި އެފިލާގައި ހުރި އެއްޗަކާއި ބެހޭގޮތުން މިސިލްސިލާގެ ދެން އަންނަ މަޒުމޫނުގައި ލިޔުމަށް ގަސްތުކޮށްގެން ކުރުކޮށްލީއެވެ.