މިދިޔަ މަހު ރާއްޖެއަށް 7628 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެގޮތުން އެގައުމުން 1627 ޓޫރިސްޓުން އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން 715 ޓޫރިސްޓުން އައިސްފައިވެއެވެ.
ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އެމެރިކާއިންނެވެ. އެގައުމުން 674 ފަތުރުވެރިން އައިސްފައިވެއެވެ. ސްޕެއިނުން 513 ޓޫރިސްޓުން އަދި ރަޝިޔާއިން 423 ޓޫރިސްޓުން މިދިޔަ މަހު އައިސްފައިވެއެވެ.
އިމިގްރޭޝަނުން ބުނީ މިދިޔަ މަހު ދުވާލެއްގެ މައްޗަށް 218 ފަތުރުވެރިޔަކު އައިސްފައިވާ ކަމަށެވެ. އަދި ޖުލައި މަހު ދުވާލެއްގެ މައްޗަށް 100 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން އޮގަސްޓް މަހުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހު 373 ޓޫރިސްޓުން އައިސްފައިވެއެވެ. އަދި ޖުލައި މަހު 218 ފަތުރުވެރިން އެއް ދުވަހެއްގައި އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހު 15 ގައެވެ. އެމަހު ރާއްޖެއަށް އައިސްފައިވަނީ 1،769 ފަތުރުވެރިންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުމެވެ. ރާއްޖޭގައި 150 އަށްވުރެ ގިނަ ރިސޯޓް އޮޕަރޭޓް ކުރާއިރު، މިހާތަނަށް އަދި ހުޅުވާފައިވަނީ މަދު ރިސޯޓުތަކެކެވެ.