ގދ. ހޯނޑެއްދޫގައި ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ގދ. ހޯނޑެއްދޫ ހެލްތު ސެންޓަރުގެ އެޑްމިނިސްޓްރޭޓަރު އަހުމަދު ޝިފާއު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޝިފާއު ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ ހަ އަހަރާއި 10 އަހަރުގެ ފިރިހެން ދެ ކުދިންނާއި 34 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށް ޝިފާއު ވިދާޅުވިއެވެ. މީގެ އިތުރުން އެ އާއިލާއަށް ނިސްބަތްވާ ފަސް އަހަރުގެ ކުއްޖެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށާއި އެޗްޕީއޭ މެދުވެރިކޮށް އެ ކުއްޖާގެ ނަތީޖާ ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުން ފަސް މީހުންގެވެސް ކޮވިޑް ސާމްޕަލް ނަގާފައިވަނީ އިއްޔެ ހެނދުނު ކަމަށް ޝިފާއު މައުލޫމާތުދެއެވެ. އަދި ޕޮޒިޓިވްވި މީހުންގެ ނަތީޖާ ލިބިފައިވަނީ މިއަދު ހެނދުނު ކަމަށާއި މިހާތަނަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި ބައެއް ކަމުން ރަށު ތެރެއިން މިހާތަނަށް ކޮންޓެކްޓު ވެފައިވާ އެއްވެސް މީހެއް ފާހަވެފައިނުވާކަން ޝިފާއު ފާހަގަކުރެއްވިއެވެ.

ކޮވިޑް 19ގެ މި ދަނޑިވަޅުގައި ކެތްތެރިވެ، އެޗްޕީއޭއާއި ކަމާ ބެހޭ އިދާރާތަކުން އާންމު ކުރާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ޝިފާއު ނަސޭހަތްތެރިވިއެވެ.