އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ރަށު ކޮމިޓީތަކުގެ އިންތިހާބު އަންނަ މަހުގެ 16 ގައި ބާއްވަން ނިންމައިފިއެވެ.

މިކަން އިއުލާންކުރީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އިލެކްޝަންސް ޑިޕާޓުމަންޓުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޑިޕާޓްމަންޓުގެ ހެޑް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ނިއުސްކޮންފަރެންސްގައި، އެ އިންތިހާބާ ބެހޭ އިތުރު ތަފްސީލު ދެއްވަމުން އިންތިހާބާބެހޭ ކޮމިޓީގެ އެހެން ބޭފުޅުން ވިދާޅުވީ، އެ ކޮމިޓީތަކުގެ އިންތިހާބުގައި މެންބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވަނީ އެރަށެއްގެ ނިސްބަތުން ކޮމިޓީތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅައިގެން ކަމަށެވެ.

އެެގޮތުން ރަށްރަށުގެ އާބާދިއާށް ބަލައި، ފަސް މެންބަރުންނާއި ހަތް މެންބަރުންނާއި ނުވަ މެންބަރުންނާއި 11 މެންބަރުން ހިމެނޭގޮތަށް ކޮމިޓީތައް ކެޓަގަރައިޒް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅުން ވިދާޅުވީ އެ ކޮމިޓީތަކުގައި ޒުވާނުންނަށާއި، އަންހެނުންނަށް ވަކި ބައެއް ހާއްސަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ކެޓަގަރީއަށް 18 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ކުރިމަތިލެވޭ އިރު، ޒުވާނުންގެ ކެޓަގަރީއަށް 18 އަހަރާއި 35 އަހަަރާ ދެމެދުގެ ޕީޕީއެމް، ޕީއެންސީގެ ކޮންމެ މެންބަރަކަށް ކުރިމަތިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ފަހުން އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އިންތިހާބާ ބެހޭ އިތުރު މައުލުމާތުވެސް ކުރިއަށް އޮތްތަނުގައި ހާމަކުރަމުން ގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅުން ވިދާޅުވީ ފުރަތަމަ އޮންނާނީ ކޮމިޓީތަކުގެ އިންތިހާބު ކަމަށާއި އޭގެ ފަހުން އެ ކޮމިޓީތަކުގެ ރައީސުން ހޮވަން އިންތިހާބު ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިއީ ޕީޕީއެމްއާއި ޕީއެންސީގެ ހަރަކާތްތައް ވަރުގަދަކޮށް، ހަރަކާތްތައް އިތުރު ކުރުމަށް އުފައްދާ ކޮމިޓީތަކެއް ކަަމަށެވެ. މި ކޮމިޓީތަކުގެ އިންތިހާބު ރާއްޖޭގެ ހުރިހާ ރަށެއްގައާއި، މާލޭގެ އެކި އަވަށްތަކުގައި ބާއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.