މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އެ ފައިސާ އަނބުރާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އެގޮތަށް ނިންމީ މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތައް ހޯދުމަށް މިއަހަރުގެ ފެބްރުއަރީމަހު ކުރި އިއުލާން ބާތިލް ކުރުމާ ގުޅިގެން ކަމަށެވެ.

އެ ކަމަށްޓަކައި ކުރި އިއުލާން ބާތިލް ކުރީ، ކޮވިޑް 19 އާ ގުޅިގެން އެއްވެސް ގައުމަކުން މީހުން ހައްޖަށް ދިއުމުގެ ފުރުސަތު ސައުދީ ސަރުކާރުނުް ދީފައިނުވާތީއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރި ވުމުގެ ފުރުސަތު ދީފައިވަނީ، ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނާއި، އެ ގައުމުގައި އުޅޭ އެކި އެކި ގައުމުގެ މީހުންނަށް އެކަންޏެވެ. އެހެންކަމުން މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ވަނީ ފުރުސަތު ނުލިބިއެވެ.

ނަމަވެސް ސައުދީގައި ދިރިއުޅޭ ދިވެހިންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަަތުވަނީ ލިބިފައެވެ.

ކޮވިޑް 19 އާ ގުޅިގެން ހަމަޖައްސާފައިވާ އުސޫލުތަކުގެ ދަށުން މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުމުގެ ފުރުސަތު ލިބުނީ އެންމެ 10،000 މީހުންނަށެވެ.

ނަމަވެސް ﷲ ގެ ރަހުމަތުންނާއި ހައްޖުގެ ކަންތައްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، ހައްޖުގެ އަޅުކަމުގެ އެއްވެސް ހިސާބެއްގައި ކޮވިޑްގެ ނުރައްކާ ހައްޖުވެރިންނަށް ދިމާވެފައެެއް ނުވެއެވެ.