ކޮވިޑް 19އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމެއް ނެތި ގިނަ ޒުވާނުން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މީޑިއާތަކުގެ އިސްވެރިން ވިދާޅުވެއްޖެއެވެ.

ކޮވިޑް ހުއްޓުވުމަށް މީޑިއާތައް ގުޅިގެން ފެށި "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭން އިފްތިތާހުކުރުމަށް ފަހު އެ ކެމްޕޭން ވިލަރެސްކޮށް ކުރިޔަށް ގެންދާ މީޑިއާތަކުގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމެޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމެޓީގެ ސްޕޯކްސްޕާސަން އަދި ސަން މީޑިއާގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، ކޮވިޑަށް އެންމެ ގިނައިން ޕޮޒިޓިވް ވަނީ ޒުވާނުން ކަމަށާއި ބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވާއިރު، އެމީހުންނަށް ބަލި ގެންގޮސްދެނީ ޒުވާނުން ކަމަށެވެ. އެހެންކަމުން ޒުވާނުން ފިޔަވަޅުތަކަށް އަމަލު ނުކޮށް އުޅުމަކީ "އޯކޭ" ކަމެއް ނޫންކަމުގައި އޭނާ ވިދާޅުވިއެވެ.

"ގައުމުގެ ސީނިއާ ސިޓިޒަނުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކޮވިޑަކީ ހަގީގަތުގައި. އެހެންކަމުން ޒުވާނުން އެއްވެސް ވަރަކަށް ދެކިވަޑައިނުގަންނަވާށޭ ތިމަންނަމެންނަކަށް ނެތޭ މީގައި އެއްވެސް މައްސަލައެއް. މިއީ އޯކޭ ކަމެކޭ. ނަމަވެސް އެ އޯކޭއެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ." ހިރިގާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭން ވިލަރެސްކޮށް ކުރިޔަށް ގެންދާ މީޑިއާތަކުގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމެޓީގެ ޗެއާ އަދި ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މީޑިއާއިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ އިތުރުން ސިނާން ވިދާޅުވީ، ކޮވިޑް 19ގެ ކޮންޓްރޯލް ނުކުރެވިގެން އުޅޭ މައިގަނޑު ސަބަބަކީ ކަމާ ބެހޭ އިދާރާތަކުންދޭ އިރުޝާދުތަކަށް ރައްޔިތުންނަށް އަމަލު ނުކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ އަޅުގަނޑުމެން އާންމު ހާލަތަށް އައުމުގެ ވަރަށް ބޮޑު އިހުތިޔާރެއް މިއޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތުގައިކަން. އެކަމަކު އަޅުގަނޑުމެން އެންމެންނަށްވެސް މި ކުރެވޭ ކަމަކީ މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެނީ. އެހެންނަމަވެސް އެއަށް އަމަލުކުރެވޭ ބައި އަޅުގަނޑުމެންނަށް މި ފެންނަނީ ދަށްކޮށް." ސިނާން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓިއަރިން ކޮމެޓީގެ ކޮމިޔުނިކޭޝަން ޑައިރެކްޓަރު އަދި ދަ ޕްރެސްގެ ޗީފް އެޑިޓަރު އަލީ ޝައްމާން ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އިތުރުން އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާއިރު، ސިއްހީ ހިދުމަތްތެރިންގެ ދަތިކަން ހުރި މިންވަރު ތަސައްވަރުކޮށްލެވޭ ކަމަށެވެ. އެހެންކަމުން، ކޮވިޑްގެ ހާލަތު ސިއްހީ ނިޒާމުގެ ތެރޭގައި މެނޭޖު ކުރެވޭ ލެވެލްއެއްގައި ބެހެއްޓުމަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިހާރު ނޫހުގެ އެޑިޓަރު އަދި ސްޓިއަރިން ކޮމެޓީގެ މެންބަރު، މޫސާ ލަތީފްވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައްވައިފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ކޮވިޑުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހީނަރުވެ، އެތައް ބައެއްގެ އަތްމަތި ދަތިވެއްޖެ ކަމަށެވެ. އެހެންކަމުން ގައުމު އަލުން ކޮޅަށް ޖެހުމަށް ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށާއި، ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ފަރުދީ ޒިންމާ ނަގައިގެން ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާތައް ގުޅިގެން ގައުމީ ފެންވަރުގެ ހާއްސަ ކެމްޕޭނެއް ފަށާއިފައި މި ވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ވަގުތެއްގައެވެ. އެގޮތުން މިއަދުގެ ނިޔަލަށް މި ބަލީގައި ރާއްޖެއިން 29 މީހަކު މަރުވެފައިވާ އިރު، ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 8000 އިން މައްޗަށް އަރައިފައެވެ. އަދި ކޮންމެ ދުވަހަކުވެސް އިތުރު 100 އަށް ވުރެ ގިނަ މީހުންނަށް ދަނީ މި ބަލި އަލަށް ޖެހެމުންނެވެ.

މީޑިއާއިން މި ފެށި ކެމްޕޭނާ ގުޅިގެން މި ކެމްޕޭން ވިލަރެސްކޮށް ކުރިޔަށް ގެންދާން މީޑިއާތަކުގެ ތެރެއިން ހާއްސަ ސްޓިއަރިން ކޮމެޓީއެއްވެސް ވަނީ ހޮވައިފައެވެ. މުޅި ކެމްޕޭންގެ ކަންކަން ކުރިޔަށް ދާނީ މީޑިއާތަކާ ގުޅިގެން މި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ރާއްޖޭގެ މީޑިއާތަކުގެ އެޑިޓާސް ގިލްޑުން ދާދި ފަހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮވިޑަށް ރައްޔިތުން އިތުރަށް ހޭލުންތެރިކޮށް، ބަލި ކޮންޓްރޯލުކުރުމަށް ބާރު އެޅުމަށްޓަކައި ކަމާ ގުޅޭ އެކި ކަހަލަ ވީޑިއޯތަކާއި ރިޕޯޓު ތަކާއި ހޭލުންތެރުކުރުމުގެ މެސެޖުތަކާއި ޕްރޮގްރާމްތައް މި ކެމްޕޭންގެ ތެރެއިން ހުރިހާ މީޑިއާތައް ގުޅިގެން ގެނެސްދޭން ވަނީ ނިންމައިފައެވެ.