މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރު ކުރަން ނިންމައިފި އެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖު ރޭޓަށް ކުރަމުން އަންނަ ޕްރެޝަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖު ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އޭޕްރިލް މަހާއި މެއި ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރު ކޮށްފައިވާ ކަމަށެވެ.
އެއާއެކު މިމަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖު އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާ ކަމަށާއި އެގޮތުން އެ އަދަދު ހާއްސަ ކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އޭގެ އިތުރުން ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އަދި ދިވެހި ރުފިޔާގެ ލިކުއިޑިޓީގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އާއި ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއަމެންޓް ކުރިން ހުރި 10 ޕަސެންޓުން 7.5 ޕަސެންޓަށް އޭޕްރިލް މަހުގެ ތެރޭގައި ދަށްކުރެވިފައިވާ އިރު، ޖުލައި މަހުގެ ތެރޭގައި ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއަމަންޓް 7.5 ޕަސެންޓް އިން 5 ޕަސެންޓަށް އިތުރަށް ދަށް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭ އިން ބުނީ، ރިޒާވަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން، ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށާއި އެ ސްވޮޕްގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
އެމްއެމްއޭ އިން ބުނީ ބާޒާރުގައި މުދަލުގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން، ގައުމީ އުފެއްދުންތެރިކަމާއި އެކަށޭނަ މިންވަރެއްގައި ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ކަމަށެވެ. އަދި ބާޒާރުގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު