ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މަސައްކަތްތައް ނިންމުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް މަޖިލީހުން ފާސްކޮށްގެން ޖަލްސާ މިހާތަަނަަށް ކުރިއަށް ގެންދިއުމަށްފަހު، އަންނަ ހޯމަ ދުވަކަށް މަޖިލީހުގެ ދައުރު ދަންމާލަން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ މި ދައުރުގެ ފަހު ޖަލްސާގެ ގޮތުގައެވެ.

ޖަލްސާ ފެށުމާއެކު މިއަދުގެ ޖަލްސާގެ ރިޔާސަަތުގައި އިންނެވި މަޖިލިހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތައް ނިންމުމަށްފަހު މަޖިލިސް ޗުއްޓީއަށް ދާންޖެހޭތީ، އެ މަސައްކަތްތައް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.

މިއަދު ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އަހައި ނިމެންދެން މަޖިލީހުގެ ޖަލްސާގެ ވަގުތު އިތުރުކުރަން ރިޔާސަތުން ވޯޓަށް އެއްސެވިއެވެ. އެހެންކަމުން ޖަލްސާގެ ވަގުތު އިތުރުކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 28 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ވޯޓަށްފަހު ޖަލްސާ ކުރިއަށް ގެންދިޔައެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާ ހޯމަ ދުވަހަށް ދިގު ދަންމާލަން ނިންމެވީ ހަވީރު 6:30 އާ ހަމައަށް ޖަލްސާ ކުރިއަށް ދިޔައިރުވެސް، 70 އަށްވިރެ ގިނަ ވޯޓަށް އަހަން ޖެހި އެންމެ ވޯޓަކަށްވެސް އެހިފައި ނުވުމާއި، ޓޫރިރަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީގައި އޮތް އިރު، އޭނާއަށް ރުހުން ނުދީ މަޖިލިސް ޗުއްޓީއަށް ގޮސްފިނަމަ މަހެއްހާ ދުވަސް ވަންދެން މަޖިލީހުގެ ރުހުމާމެދު ގޮތެއް ނުނިންމައި ވަޒީރަކު ހުންނަންޖެހޭތީ ކަމަށް ވިދާޅުވެއެވެ.

ހަވީރު 5:20 ގައި ނެންގެވި ބްރޭކަށްފަހު 6:30 ހާއިރު ޖަލްސާ ފައްޓަވައި ރިޔާސަތުގައި އިންނެވި މަޖލީހުގެ ނާއިބު ރައީސް ވިދާޅުވީ، ރާވާފައި އޮތްގޮތަށް މިއަދު މަޖިލިސް ޗުއްޓީއަށް ގޮސްފިނަމަ މަޖިލީހުގެ ރުހުން ނުލިބި، މަހެއްހާ ދުވަސްވަންދެން ވަޒީރަކު ނުހުންނާނެ ކަމަށެވެ. އެއީ ގާނޫނު އަސާސީން ޖާގަދޭ ކަމަކަށްވިޔަސް، ކޮވިޑާ ގުޅިގެން ދިމާވެފައިވާ ކަންތައްތަކުގައި ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ އިރު، މިނިސްޓަރަށް ރުހުންދިނުމުގައި މަޖިލީހުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ރިސެސްއަށް ދިއުން މުހިއްމު ކަމަށެވެ.

އެހެން ފަހަރުތަކުގައި ވެސް ކަންތައް ކުރާ ގޮތަށް މިފަހަރުވެސް މަޖިލީހުގެ ދައުރު އަންނަ ހޯމަ ދުވަސް ކަމަށްވާ ސެޕްޓެމްބަރު ހަތަކަށް ދަންމާލެވިދާނެ ކަމަށާއި އެހާތަނަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފައިވާ މައުސޫމުގެ ނަންފުޅު ދިރާސާކޮށް ކޮމިޓީން ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންވެއްޖެނަމަ މައުސޫމަށް ރުހުންދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމައި، ރިސެސްއަށް ދެވިދާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ހޯމަ ދުވަހާ ހަމައަށް މަޖިލިސް ދައުރު އިތުރު ކުރަން ވޯޓަށް އެއްސެވިއެވެ. އެގޮތަށް ފާސްވީ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެއަށްފަހު ވޯޓަށް އަހަން ހުރި ބައެއް ކަންތައްތައްކަށް ވޯޓަށް އެއްސެވުމަށްފަހު 7:45 ހާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާ އެހެން ދުވަހަކުން ކުރިއަށްގެންދަން މެދުކަނޑައިލެއްވިއެވެ.