މީސް މީޑިއާގައި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާ ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމާއި ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި ރެގިއުލޭޓްކޮށް ފިޔަވަޅު އެޅުމުގެ ޒިންމާއާ ހަވާލުވެ ތިބޭ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ސިޔާސީ ޕާޓީތަކާ މެދު އަމަލުކުރަމުން އަންނަނީ ހަމަހަމަކަމާއެކު ވަކި ސިޔާސީ ފިކުރަކަށް ތަފާތުކުރުމެއްނެތި ކަމަށެވެ.
އެ ކޮމިޝަނުން މިހެން ބުނީ، މީސް މީޑީއާ މެދުވެރިކޮށް އެ ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކަމުންދާތީ ކަމަށްވެސް ބުންޏެވެ.
"ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން އަމަލުކުރަމުންދާ އިރު، ސޯޝަލް މީޑީއާ އާއި އެހެނިހެން ގޮތްގޮތަށް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށްވާތީ، މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރަން.." ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުތައް ހިނގަނީ އިންސާފުވެރިކަމާއެކެ، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކުކަން ކަށަވަރުކުރުމަކީ ވެސް އެ ކޮމިޝަނުން އަބަދުވެސް ޔަގީން ކުރާ ކަމަށެވެ.
އިލެކްޝަންސް އިން މިހެން ބުނެފައިވާ އިރު މިދިޔަ ދުވަސްތަކުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އިން މާލެތެރޭގައި ހިންގި ހަރަކާތްތަކާ ގުޅިގެން އެ ކޮމިޝަނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި ޕީއެންސީ އާއި ޕީޕީއެމް ވަނީ 75،000ރ. އިން މިއަދު ޖުރިމަނާވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު