ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި، ޑރ. މުހައްމަދު އިބްރާހީމް އާއި އަލީ ރަޝީދު ހުސެއިން ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ތިއްބެވި 64 މެންބަރުންގެ ތެރެއިން 63 މެންބަރުން ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް، ވޯޓު ދެއްވިއެވެ. އަލީ ރަޝީދަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި، 61 މެންބަރުންގެ ތެރެއިން 55 މެންބަރުންނެވެ. އަލީ ރަޝީދު އެމަގާމަށް އައްޔަން ކުރަން ނުފެންނެ ކަމަށް އެންމެ މެންބަރަކު ވޯޓު ދެއްވިއެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ޑރ. މުހައްމަދު އިބްރާހީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޮގަސްޓް 7، 2010 ގައި ސުޕްރީމް ކޯޓު ގާއިމުކުރެވެންދެން އެކޯޓުގެ އިދާރީ ހިންގުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާދެއްވީ ރައީސް އޮފީހުން ދެއްވި މައުލޫމާތާ ހިލާފު މަސްއޫލިއްޔަތެއް ހަވާލުކުރެއްވުމުން ކަމަށް ވިދާޅުވެއެވެ.

ޑުރަގް ކޯޓުގެ ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަލީ ރަޝީދު ހުސެއިންއަކީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެގެން ހުންނެވި ގާޒީއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރަން ކްރިމިނަލް ކޯޓުން އެކުލަވައިލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ގާޒީ އަލީ ރަޝީދެވެ.

ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރީ، ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ތަސްދީގުކުރެއްވުމުން އައްޔަން ކުރަންޖެހޭ ދެ ފަނޑިޔާރުންގެ މަގާމަށެވެ.

ސުޕްރީމް ކޯޓު ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.