މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މާލޭގައި ބޭއްވި ސައިކަލު ބުރާ ގުޅިގެން، މިރޭ ފުލުހަށް ހާޒިރުކުރި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ޝުޖާއު ވިދާޅުވީ ފުލުހަށް ހާޒިރު ކުރީ ހުކުރު ދުވަހު ބޭއްވި ސައިކަލު ބުރާ ގުޅިގެން ކަމަށާއި ގާނޫނީ އުގޫބާތުގެ ހަތަރު މާއްދާއަކާ އޭނާ ހިލާފުވެފައިވާ ކަމަށް ފުލުހުން ތުހުމަތުކުރި ކަމަށެވެ. އޭގެ އިތުރުން، އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވިކަމަށް ބުނެ 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ގެއަށް ފޮނުވައިލީ ކަމަށް ވިދާޅުވިއެވެ.

"ގަޑިއިރެއްހާއިރު އެތަނުގައި ބައިންދާފައި 1000 ރުފިޔާއިން ޖޫރިމަނާކޮށްފައި ފޮނުވައިލީ،" ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ސުޖާއު ވިދާޅުވީ، ވަކިބަޔަކު ގޯސްކަމެއް ކުރީމައި އެކަން ބަލާ އުސޫލު ދޫކޮށްލަން ޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާސްކު ނާޅައި އުޅުއްވި މައްސަލައިގައި ފުލުހުން އެއްޗެއް ބުނެފައި ނުވާ ކަމަށާއި އެއީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ސުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އިދިކޮޅުގެ ފަރާތްތަކުން ފުލުހަށް ހާޒިރު ކުރުމަކީ ބިރު ދައްކަން ކުރާ ކަމެއް ކަމަށެވެ.

އިދިކޮޅު ސައިކަލު ބުރާ ގުޅިގެން އެ ކޯލިޝަންގެ ބައެއް ވެރިން މާދަމާވެސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނެއެވެ.