ފުލެޓު ކޮމެޓީން ނެރެފައިވާ ވަގުތީ ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ފުލެޓު ކޮމެޓީން އެދިފައެވެ.
ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފުލެޓު ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން (ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓެއް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ އާންމުކޮށްފައެވެ.
ފުލެޓު ކޮމިޓީން ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.
ފުލެޓު ކޮމެޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓުތައް އެކުލަވާލުމުގައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ބަލާނެ ކަމަށެވެ. އެގޮތުން އެ ކޮމިޓީން ނެރޭ ދާއިމީ ލިސްޓުތަކަކީ ފުރިހަމަ ލިސްޓުތަކަކަށް ހެދުމަށްޓަކައި މިމަހުގެ 14 ވަނަ ދުވަހު އެ ކޮމިޓީން ނެރެފައިވާ ވަގުތީ ލިސްޓުތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ އެކަން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.
"މި ކޮމިޓީން ނެރެފައިވާ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ކޮންމެ މީހަކަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ވާހަކަ ދަންނަވަން. މިގޮތުން އެހެން މީހަކަށް ޕޮއިންޓް ލިބިފައިވާ ގޮތާ މެދު ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ މީހުން ވެސް މި ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާއެއް ހުށަހެޅޭނެ،" އިއުލާނުގައިވެއެވެ.
ފުލެޓު ކޮމެޓީން ބުނީ ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއެއް އެ ކޮމިޓީން ބަލައި ދާއިމީ ލިސްޓުތައް އެކުލަވައިލުމުގައި އެ ޝަކުވާތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.
ފުލެޓު ކޮމެޓީން އިއުލާންކޮށްފައިވާ ވަގުތީ ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ހިތްހަމަ ނުޖެހުން ވަނީ އަމާޒުވެފައެވެ. އަދި ޕޮއިންޓް ދީފައިވާ ގޮތް ހާމަކުރުމަށްވެސް ބައެއް އާންމުންގެ އިތުރުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު