ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ފުލުސް އޮފީހަށް ހާޒިރު ކުރުމުން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގޮތެއް ފޮތެއް ނެތްކަން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެ، ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ސައިކަލް ބުރަށްފަހު ޕީޕީއެމް އޮފީސް ކުރިމަތީގައި ސައިކަލް ބުރުގެ ބައިވެރިންނާ މުހާތަބުކުރެއްވިއިރު މާސްކް ނާޅުއްވައި ހުންނެވުމުންނެވެ.
ފުލުސް އޮފީހުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން ރައީސް ވަހީދު ވިދާޅުވީ މާސްކު ނެންގެވީ ވާހަކަދެއްކުމަށް ފަސޭހައަކަށް ކަމަށާއި އެވަގުތު އެމަނިކުފާނާ ތިން ފޫޓު ކައިރީގައި އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި ވާހަކަ ދެއްކެވިއިރު ހުންނެވީވެސް ޕީޕީއެމް އޮފީސްތެރޭގައި ކަމަށެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދެއްވާފައިނުވާނެ ކަަމަށާއި ވަކީލަކާއެކު ހާޒިރުވުމަށް ފުރުސަތު ދިނުމަށް އެދިފައިވާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
މުޒާހަރާ ކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވަހީދު ވިދާޅުވީ ރައްޔިތުން ކެކިއަރައި ހިތްހަމަނުޖެހުން އިތުރުވުމުން ނުކުންނާނެ ކަމަށެވެ. އިހުތިޖާޖު ކުރަންޖެހޭ ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ޑިމޮކްރެޓިކް ގައުމެއްގައި އެއީ ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ސަރުކާރަށް ކޮވިޑް ކޮންޓްރޯލް ނުކުރެވުނު ކަމަށާއި ސަރުކާރުގެ ހުރިހާ ފައިސާއެއް ހަރަދުކޮށް ނިމުނު އިރުވެސް ގައުމުގެ ހާލަތުވީ އިތުރަށް ގޯސް ކަމަށެވެ. އެކަމުގައި ޒިންމާވާ ފަރާތްތަކެއް އެބަތިބި ކަމަށާއި އެހެންކަމުން އެކަމާ ގުޅިގެން ރައްޔިތުން ނުކުމެ ޝުއޫރު ފާޅުކުރަންވާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
މިހާރު މި ފެންނަނީ ކުރިން ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރާ މަންޒަރު ކަމަށާއި އެމަނިކުފާނު އެކަނި ފުލުހަށް ހާޒިރު ކުރަންޖެހޭ ސަބަބެއް ނުފެނުނު ކަމަށެވެ. ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ މުހައްމަދު ނަޝީދުވެސް އެމަނިކުފާނު ފޮތް ނެރުއްވި ދުވަހު މާސްކު ނާޅުއްވައި އިންނެވި ކަމަށާއި ނަމަވެސް އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށްފައިނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާއަކީ މިއަށްވުރެ ފުދޭ މީހަކަށް ވާންޖެހޭނީ. ހިތްވަރު ހުރި މީހަކަށް ވާންޖެހޭ. އަޅުގަނޑުމެން ހަމަ އެއް ފަހަރު އަނގައިން ބުނާއިރު ނުޖެހޭ ޕޮލިސް އޮފީހަށް ދަމާކަށް. އަޅުގަނޑަމެންނަކީ ވެސް ދެއަހަރެއްހާ ދުވަހު މުޅި ގައުމު ދަމަހައްޓަން، ހިފަހައްޓަން ވަރަށް ބުރަ މަސައްކަތެއް ކުރިބައެއް މިއީ. މިހާ ދަށު ދަރަޖައަށް އަޅުގަނޑުމެން ވައްޓާލީމާ އެއީ އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ވެސް އެއްވެސް ގޮތެއް ފޮތެއް ނެތީއޭ އިނގޭތޯ،" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އެންމެ ފުރަތަމަ ފުލުސް އޮފީހަށް ހާޒިރު ކުރީ މީގެ 20 އަހަރު ކުރިން ކަމަށާއި އެފަހަރުވެސް ހާޒިރު ކުރީ އަޑުއުފުލައި ބަސްބުނުމުން ކަމަށެވެ. މިއަދުވެސް އެފަދަ ކަމެއްގައި ކަމަށާއި އަނެއްކާވެސް 20 އަހަރު ފަހަތަށް ދިޔައީތޯ ވިދާޅުވެ ވަހީދު ވަނީ ސުވާލު އުފައްދަވައިފައެވެ. އަދި ވަހީދު ވަނީ ހުދުމުހުތާރު ވެރިކަން އަނެއްކާވެސް މި ސަރުކާރުން ގެނައިތޯވެސް ސުވާލު އުފައްދަވައިފައެވެ.
އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮވިޑް ކޮންޓްރޯލް ނުކުރެވި ސަރުކާރު ނާގާބިލުވުމުން އެކަން ފޮރުވުމަށްޓަކައި ކަމަށެވެ. އަދި މިއީ ސަރުކާރުން ރައްޔިތުންގެ ނަޒަރު ބަދަލުކުރުމަށް ކުރަމުންދާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު