އިންސާނެއްގެ އެހީއާ ނުލަިއ ހުންބަލާ ކެމެރާއެއް ދިރާގުން ތައާރަފު ކޮށްފި އެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި ރާއްޖެއަށް މި ހިދުމަތް ތައާރަފު ކޮށްފައިވަނީ ޓެލެކޮމް މެލޭޝިއާއާ ގުޅިގެންނެވެ.
އެގޮތުން ޓެލެކޮމް މެލޭޝިއާ ކުންފުންޏާ ގުޅިގެން ދިރާގުން ތައާރަފު ކުރީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުން ކޮށްގެން "ތާމަލް މާސް ސްކްރީނިން ސޮލިއުޝަން" ކަމަށްވާ "އާލީ ވޯނިންގް، އެލާޓް އަދި ރެސްޕޮންސް" (އީވާރް) ކަމަށް ދިރާގުން ބުނެއެވެ. މި ސޮލިއުޝަން މެދުވެރިކޮށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްވެސް އިންސާނެއްގެ އެހީއަކާނުލައި މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލައިދޭނެ ކަމަށް ދިރާގުން ބުނެއެވެ.
ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ސިއްހީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާއިރު، ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި މާހައުލެއް ދެމެހެއްޓުމުގެ ގޮތުން އީޑަބަލްޔޫއޭއާރް ގެ ދެ ސޮލިއުޝަން ރާއްޖެއަށް ތައާރަފު ކޮށްފައިވާނެ ކަމަށް ދިރާގުން ބުނެއެވެ. އެ ދެ ސޮލިއުޝަނަކީ އީވާރް ކްރައުޑް އަދި އީވާރް ކޮމްޕެކްޓް ކަމަށް ދިރާގުން ބުނެއެވެ.
އީވާރް ކްރައުޑް މެދުވެރިކޮށް އެއްފަހަރާ 10-15 ވަރަކަށް މީހުންގެ ގައިގެ ފިނިހޫނުމިން ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި އީވާރް ކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ވަނީ އީވާރް ކޮމްޕެކްޓް މެދުވެރިކޮށް އަތުން ހިފައިގެން ގެންގުޅޭ ތާމާމީޓަރު ފަދަ ވަސީލަތްތައް ގެންގުޅެން ނުޖެހި، ގައިދުރުކަން އިސްކުރެވޭނެކަން ފާހަގަ ކޮށްފައެވެ.
ހުން އައިސް ނުވަތަ ގައިގެ ފިނިހޫނުމިން ހުންނަން ޖެހޭ ވަރަށްވުރެ އިތުރަށް ހުރި މީހަކު ބިލްޑިންގް އަށް ވަނުމާ އެކު، މި ސޮލިއުޝަން މެދުވެރިކޮށް ސިސްޓަމަށް ވަގުތުން އެލާޓް ފޮނުވައިދޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މޮބައިލް ފޯނުތަކަށް ނޮޓިފިކޭޝަންވެސް ފޮނުވައިދޭނެ ކަމަށާއި މި ޑޭޓާތައް ތިން މަހުގެ ނިޔަލަށް ފަސޭހައިން ބަލައިލެވޭގޮތަށް ކްލައުޑް ސިސްޓަމެއްގައި ރައްކާކުރެވިފައި ހުންނާނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް މިހާރު މި ދެ ސޮލިއުޝަންވެސް ވަނީ ދިރާގު ހެޑް އޮފީހުގައި ގާއިމުކޮށްފައެވެ. މިފަދަ ސިސްޓަމެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އެއްވެސް މީހެއްގެ އެހީއަކާ ނުލައި ނުވަތަ ވަކި މީހަކު ބިލްޑިންގް ގެ ދޮރު ކުރިމަތީގައި ޓެމްޕަރޭޗަރު ބަލަން ބެހެއްޓުމުގެ ބަދަލުގައި ގައިދުރުކަން އިސްކޮށް ބިލްޑިންގަށް ވަންނަ މީހުންގެ ޓެމްޕަރޭޗަރު ބެލޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށް ދިރާގުން ބުނެއެވެ. މިފަދަ ސޮލިއުޝަނެއް ހުރުމުން، ބިލްޑިންގަށް ވަދެ ނުކުމެ އުޅޭ ކަސްޓަމަރުންނާއި މުވައްޒަފުންނަށްވެސް އަމިއްލަ ޓެމްޕަރޭޗަރަކީ ކޮބައިތޯ ބަލައިލުމުގެ އިތުރުން އިތުރު މީހަކާ ކޮންޓެކްޓް ވާން ނުޖެހުމުގެ ސަބަބުން ހިތްހަމަ ޖެހުމާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމަށް ބެލެވޭކަން ދިރާގުން ފާހަގަ ކުރެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު