އެފްއޭ ކޮމިއުނިޓީ ޝީލްޑް

ލިވަޕޫލް ބަލިކޮށް، އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ބަލިކޮށް، އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ޕްރިމިއާ ލީގު ޗެމްޕިއަނުންނާއި އެފްއޭ ކަޕުގެ ޗެމްޕިއަނުން ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލުގެ މައްޗަށް އާސެނަލުން ކުރި ހޯދާފައިވަނީ 4-5ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 12 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބުކާޔޯ ސަކާ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ގެބޯން ފޯވަޑް ޕިއޭރޭ އެމެރިކް އޮބަމަޔާންއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ލިވަޕޫލު ގޯލުގެ ތިރީ ކަނަކަށެވެ.

ގިނަ މަސައްކަތްތަތަކަށްފަހު ލިވަޕޫލަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖަޕާނު ފޯވަޑް ޓަކުމީ މިނަމީނޯއެވެ. އެ ލަނޑަކީ މިދިޔަ ސީޒަނުގައި އޮސްޓްރިއާގެ ސަލްޒްބާގް ދޫކޮށް ލިވަޕޫލާ ގުޅުނު މިނަމީނޯ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ރެއިސް ނެލްސަން އާއި މައިޓްލޭންޑް ނައިލްސް އާއި ސެޑްރިކް ސޯރެސް އާއި ޑޭވިޑް ލުއިޒް އަދި އޮބަމަޔާންއެވެ. ލިވަޕޫލަށް މުހައްމަދު ސަލާހާއި ފަބީނިއޯ އާއި މިނަމީނޯ އާއި ކާޓިސް ޖޯންސް ޕެނަލްޓީތައް ކާމިޔާބުކޮށްދިން އިރު، ރިއާން ބްރޫސްޓާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން އަންނަ މަހު ފަށާނެއެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ކުޅޭ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފުލަމް އާއި އާސެނަލްއެވެ.