މާދަމާއިން ފެށިގެން ހެނދުނު 6:00 ގައި ފިހާރަތައް ހުޅުވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް މާދަމާއިން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށާއި

އެގޮތުން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 6:00 އިން ރޭގަނޑު 9:30 އަށް ކަމަށެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީގެ ކުރިން އޮތީ ފިހާރަތައް ހުޅެވޭނީ ހެނދުނު 9:30 އިން ރޭގަނޑު 9:30 އަށް ކަމަށް ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މާސްކް އެޅުން މަޖުބޫރުކޮށް، ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.