މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް، ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މީގެ ކުރިން އިންޑިއާ ހައި ކޮމިޝަންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އައީ ފުލުހުންނެވެ.

އިންޑިއާ ހައި ކޮމިޝަނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ސިފައިން ހަވާލުވީ ކީއްވެގެން ކަމެއް، އެމްއެންޑީއެފުން އަދި ބުނެފައެއް ނުވެއެވެ.

އިންޑިއާ ހައި ކޮމިޝަންގެ ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށްފައިވާ އިރު، އިންޑިއާއަށް އަމާޒުކޮށް އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މާލޭގައި ސައިކަލް ބުރެއް ބާއްވައިފައެވެ. "ރާއްޖެ ވިއްކާލުމާ ދެކޮޅު" ނަމުގައި ކުރިއަށްގެންދިޔަ މި އެއްވުމުގެ ބޭނުމަކީ އިންޑިއާ އިން ރާއްޖޭގެ މައްޗަށް އަތްގަދަކުރުން ހުއްޓުވުން ކަމަށް އިދިކޮޅުން ބުނެއެވެ.

މީގެ އިތުރުން ރޭގެ ވަގުތެއްގައި ވަނީ ހެންވޭރުގައި ހުރި ކެފޭއެއްގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރާ ގޮތުގައި، އެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތެވެ.

ކުރީ ސަރުކާރުން ޗައިނާއާއެކު ގާތް ގުޅުމެއް ބޭއްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަނީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.