ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ވާޗުއަލް ރަން، "އުރީދޫ އަތޮޅު ދުވުން" ފަށައިފި އެވެ.
އުރީދޫން ބުނީ، ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި އެކަނިވިޔަސް އަދި އާއިލާ އާއި ރައްޓެހިންނާއެކުގައި ވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދައިދިނުމުގެ ބޭނުމުގައި ބާއްވާ މި ދުވުން ފެށީ 5000 އަށްވުރެ ގިނަ ބައިވެރިންނާއެކުގައި ކަމަށެވެ.
އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ދުވުން ކުރިއަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯ މީޓަރާއި 15 ކިލޯމީޓަރުގެ ކެޓަގަރީ އެވެ.
ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެސް ބައިވެރިވެވޭ ފަސް ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވާ މީހުން، އެމީހެއްގެ ގޭގައި ހުރެގެން ވެސް ނުވަތަ ކައިރީގައިވާ ދުވާ ޓްރެކެއްގައި ވެސް މި ދުވުން ފުރިހަމަ ކުރެވޭނެ އެވެ.
ނަމަވެސް އުރީދޫ އަތޮޅު ދުވުމުން ރެކޮމެންޑް ކޮށްފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން އެޕްލިކޭޝަނެއް މެދުވެރިކޮށް ދުވުން ޓްރެކް ކުރަން ޖެހޭނެ އެވެ. އަދި ދުވުން ފުރިހަމަ ކުރުމަށްފަހު ދުވުން ފުރިހަމަކުރި ރޫޓް ފެންނަ ގޮތަށް ސްކްރީން ޝޮޓެއް އަތޮޅު ދުވުން ޕޯޓަލް މެދިވެރިކޮށް ފޮނުވުމުން ވާޗުއަލް މެޑަލް އެއް ލިބޭނެ އެވެ.
ފަނަރަ ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވާނީ 20 އަތޮޅުން އުރީދޫން ކުރިން އެޕްރޫވް ކޮށްފައިވާ 20 ދުވުންތެރިއެކެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ފުރިހަމަކުރާ މި ދުވުމަކީ ވާޗުއަލް ރިލޭ އެކެވެ.
އުރީދޫން ބުނީ، އަތޮޅު ދުވުމުގެ ޕާޓްނަރުންނާ ގުޅިގެން ދުވުންތެރިންނަށް ހާއްސަ އިނާމްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ދުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ވަނީ ހުށަހަޅައިފަ އެވެ. ފޮޓޯ ޝެއާ ކުރާއިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގްކޮށް، #OoredooAtholhuDhuvun #MavesDhuvan ހޭޝްޓެގް ބޭނުންކުރަން ޖެހޭނެ އެވެ.
އޭގެ އިތުރުން ދުވުން ނިންމުމަށްފަހު މެޑަލް ޕޯޓަލް އަށް ދުވި ގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް ހެބިޓަސް ފްރެޝްގެ ފަރާތުން 100 ރުފިޔާގެ ވައުޗާއެއް ހުށަހަޅާފައިވާ އިރު ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި ފަސް ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާގެ ވާޗުއަލް އަދި ނަސީބުވެރި ތިން ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ މީހަކަށް ރޭގަނޑުގެ ކެއުމަށް ވަނީ ހުށަހަޅައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު