(20 އޯގަސްޓުގެ އަދަދާ ގުޅޭ)

އެންމެފަހުން އަޅުގަނޑު ލިޔުނު މަޒުމޫނަކީ ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުން 1 ގެ ނަމުގައި ލިޔުނު މަޒުމޫނެކެވެ. އެ މަޒުމޫނުގައި އަޅުގަނޑު އަލިއަޅުވާލާފައިވާނީ ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުމާއިބެހޭ ގޮތުން ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކަތަކުގެ ތެރެއިން ދިވެހިރާއްޖެއިން އެންމެ ފުރަތަމަ އިސްލާމްވީ އައްޑުއަތޮޅާއި ފުވައްމުލައް ކަމަށް ބުނާ ވާހަކަތަކުގެ މައްޗަށެވެ. އެގޮތުން މީދޫގައި ކިޔަމުން އަންނަ މަޝްހޫރު ވާހަކައަކާއި މަރަދޫގައި ކިޔަމުން އަންނަ މަޝްހޫރުނޫން ވާހަކައަކާއި ފުވައްމުލަކުގައި ކިޔަމުން އަންނަ ވާހަކައިގެ މައްޗަށް ކޮންމެވެސް މިންވަރަކަށް ލިޔެފައިވާނެއެވެ.

އާދެ، މިއަދުގެ މަޒުމޫނުގައި އަޅުގަނޑު ލިޔާން ގަސްދުކޮށްފައިވަނީ އާއްމުކޮށް ދިވެހިރާއްޖެ ނުވަތަ ދިވެހިރާއްޖޭގެ ރަސްކަން އިސްލާމްވީކަމަށް ކިޔައިއުޅޭ ވާހަކަތަކުގެ މައްޗަށެވެ. މި މައުލޫއަށް އިންސާފުކުރުމަށްޓަކައި އަޅުގަނޑު ތަފާތު އެކި މަސްދަރުތަކުން ލިބެންހުރި ލިޔެކިޔުންތަކަށް ބަލާފައިވާނެއެވެ. މިގޮތުން އެންމެ ފުރަތަމަ ހުށައަޅާން މި ގަސްދުކުރަނީ ދިވެހިރާއްޖެ އިސްލާމްވީ ގޮތުގެ މައްޗަށް އަލްޤާޟީ ޙަސަން ތާޖުއްދީނު، ތާރީޚު އިސްލާމި ދީބާމަޙަލްގައި ގެންނަވާފައިވާ ވާހަކައެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވަން ފެއްޓެވި މި ތާރީޚު ފޮތަކީ ދިޔަމިގިލީ ބަންޑާރައިން އައްސުލްތާނު މުޒައްފަރު މުހައްމަދު އިމާދުއްދީނު (1704-1721 މ.) ގެ އަމުރުފުޅަށް އެކަލޭގެފާނު ލިޔުއްވަން ފެއްޓެވި ފޮތެކެވެ. ދިޔަމިގިލީ ބަންޑާރައިންގެ ދަރިކަލުން ކޮރުބަނޑާރައިން، އާދެ، އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީންގެ ރަސްކަމުގައި މީލާދީން 1752 ގައި މަލާބާރީން މާލެ އަރައި އެތެރެކޮއިލު އަންދާލިއިރު ތާޖުއްދީން ލިޔުއްވި ފޮތުގެ އަސްލު އަނދައިގެން ދިޔައީއެވެ. ނަމަވެސް ފޮތުގެ ނަކަލުތައް އެކިއެކި ބޭބޭފުޅުންގެ އަތްޕުގައި ހުއްޓެވެ. ތިރީގައި މިވަނީ އޭގެތެރެއިން ނަކަލަކުން ކޮށްފައިވާ ތަރުޖަމާއެކެވެ. މިއީ ދިވެހި ތާރީޚަށް އައުއަލިކަމެކޭ ކިޔުނު ފޮތުގައި ޝާއިއުކޮށްފައިވާ ތަރުޖަމާއެކެވެ.

"އަރަހުށި މާތްރަސްކަލާނގެ ދިވެހިރާއްޖޭގެ މީހުންނަށް އިސްލާމްދީނަށް ތެދުމަގު ދައްކަވައި، ބުދަށް އަޅުކަންކުރުމާއި، މަގުގެއްލިގެންވުމާއި، މަގުފުރެދުމާއި ޝަރީކުކަމުގެ ހުތުރުކަމުން ސަލާމަތްކުރައްވައި ޖާހިލުކަމާއި ކާފަރުކަމުގެ އަނދިރިކަމުގެ ތެރެއިން ނެރުއްވުމަށް އިރާދަކުރައްވައިފި ހިނދު قطب الرّيّانى سرالرّوحانى شيخ المشائخ الورع الزّاهد الكامل العالم الفاضل الشّامخ الوليّ الكبيرالجلى العارف بربّه القادر العلي مولانا وقدوتنا وعمدتنا الشيخ يوسف شمس الدين التبريزىގެ ހިތްޕުޅުގައި ދިވެހިރާއްޖެއާއި ކުރިމަތިލެއްވުމުގެ އެދުން ޖައްސަވައިފިއެވެ. ދެން އެކަލޭގެފާނުންގެ އަމިއްލަ ރަށްކަމުގައިވާ التبريزىން ޣާއިބުވެ ދިވެހިރާއްޖެއިން ފާޅުވެއްޖެއެވެ. ފަހެ މީސްތަކުން އިސްލާމްވުމަށް ގޮވާލައްވައިފިއެވެ. އޭރު އެމީހުންވަނީ ބުދަށް އަޅުކަންކުޅައުމަށް ބުރަވެ ޣާފިލުކަމުގެ ތެރެއަށް ގެނބިގެންނެވެ. ދެން މިމީހުންގެ ތެރެއިން ހަމަ އެކަކުވެސް މިނަންގަތް ވަލީވެރި ކަލޭގެފާނު އަލިވެގެންވާ ކަރާމާތެއް ދައްކަވައިފުމަށް ދާންދެން އިސްލާމެއްނުވިއެވެ. ވާހަކަ ކިޔައިދީފައިވާ ގޮތަކީ އެކަލޭގެފާނު އެމީހުންނަށް އުޑުގެ ވިލާތަކުގައި ބޯޖެހެން ކައިރިވެފައިވާވަރުގެ ބިރުވެރި ފުރޭތައެއް ދެއްކެވިއެވެ. ދެން އެމީހުން އެކަމުން ވަރަށް ބޮޑަށް ބިރުގަނެ ރަސްގެފާނާއި ރަސްގެފާނުގެ އަރިހުގައިވާހައި މީހުން އިސްލާމްވެއްޖެއެވެ. މިރަސްގެފާނަށް ޝައިޚު ނަންދެއްވީ އައްސުލްތާނު މުހައްމަދެވެ. ދިވެހިބަހުން އެރަސްގެފާނުގެ ކޮލީ ނަމަކީ ސިރީ ބަވަނާދީއްތައެވެ. ދެން އެރަސްގެފާނު ރާއްޖޭގެ ކަންކޮޅުތަކަށް އިސްލާމްދީނަށް ގޮވާލުމަށް މީސްތަކުން ފޮނުއްވިއެވެ. އެމީހުން ރުހުމުގައާއި ނުރުހުމުގައި އިސްލާމްވެއްޖެއެވެ. އޭރު ދެން ރާއްޖޭގައި އިސްލާމެއްނޫން އެއްވެސް މީހެއް ނެތެވެ. މި މުހައްމަދު ރަސްގެފާނާއި އޭނާގެ އަރިހުގައިވާ މީހުން އިސްލާމްވީ الشيخ يوسف شمس الدين التبريزى ގެ އަތްޕުޅު މައްޗަށް ރަބީޢުލްއާޚިރު މަހުގެ ތެރޭގައެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުއެވެ. ބަޣްދާދު ރަސްކަމުގައި ހުންނެވި އައްސުލްތާނު އަލްމުޤްތަފީ ލިއަމްރިﷲ ގެ ޚަލީފާވެރިކަމުގައެވެ. އެއީ އޭނާގެ ޚަލީފާވެރިކަމުން 16 އަހަރު ވޭތުވުމަށްފަހުގައެވެ.... ދެން މިބުނެވުނު الشيخ يوسف التبريزى ގިނަ ދުވަހު ނުހުންނަވައި ދިވެހިރާއްޖޭގައި އަވަހާރަވެއްޖެއެވެ. ވަޅުފުޅުލެއްވީ މިހާރަށްދާންދެންވެސް މެދުޒިޔާރަތުގެ ގުއްބު ހުރިތާގައެވެ."

ދިވެހިރާއްޖެ އިސްލާމްވުމާއި ގުޅޭ ގޮތުން ވިހިވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށް ދިވެހިންގެ ތެރޭގައި އާއްމުވެ މަޝްހޫރުވެފައިވާ ރަސްމީ ވާހަކައަކީ މިއީއެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ތެރޭގައި އޭރު ދިވެހި ތަޚުތުގައި އިންނެވި ރަސްގެފާނު ތަބީރީޒުން ވަޑައިގެންނެވި ޔޫސުފް ޝަމްސުއްދީނޭ ކިޔުނު ބޭކަލެއްގެ އަތްޕުޅުމައްޗަށް އިސްލާމްވެވަޑައިގެންނެވި ވާހަކައާއި އެކަލޭގެފާނު ދެއްކެވި ކަރާމަތެއްގެ ވާހަކައެވެ. މީގެ އިތުރުން މިވާހަކަ އިތުރަށް ތަފްސީލުކޮށްދެނީ ބޯދާ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ކިޔެމުން އަންނަ ފޯކްލޯރުގެ ތެރޭގައި ހިމެނޭ ރަންނަމާރި ވާހަކައެވެ. އެއްބަޔަކަށް މިއީ ފުލޯކު ވާހަކައެކެވެ. އަނެއް ބަޔަކަށް މިއީ ހިނގާފައިވާ ހާދިސާތަކެއްގެ ތެރެއިން އުފެދިގެން އައިސް ކިޔެމުން ކިޔެމުން ބަދަލުވަމުން އައިސްފައިވާ ފޯކުލޯރެކެވެ. މިގޮތުން ދިވެހި ވާހަކަ ކިޔާ މީހުންގެ ތެރެއިން މަޝްހޫރު ބުރާރަ މުހައްމަދުފުޅު ނުވަތަ މަޝްހޫރު ނަމުންނަމަ ބުރާރަކޮއި ކިޔަމުން އައި ކޮއިމަލާ ވާހަކައިގެ ތެރޭގައި ކިޔާ ރާއްޖެ އިސްލާމްވީ ގޮތުގެ ވާހަކައެވެ. މިވާހަކަވެސް މި ނަކަލުކޮށްލަނީ ދިވެހި ތާރީޚަށް އައުއަލިކަމެއް ފޮތުންނެވެ.

"ކޮއިމަލާ ރަސްގެފާނު ރަސްކަންކުރައްވާތާ ދުވަސްކޮޅެއްވީ ފަހުން، ކޮންމެ މަހެއްގެ ސާދަ، ފަނަރާގައި ކަނޑުން އެއްޗެއް އަރަން ފަށައިފިއެވެ. މި އެރުމަށްފަހު އެރޭގެ އަލިވިލޭއިރު ހުރިހާ ޒުވާން އަންހެންކުދިން ތިބެނީ މަރުވެފައެވެ. އެއްވެސް ފިރިހެނަކަށް ކަމެއް ނުވެއެވެ. މިކަން ބޮޑުވާން ފެށުމުން ކޮއިމަލާ ރަސްގެފާނު އެންގެވީ ދޮންއަދަރާދަމަގުގެ އަތިރިމަތީގައި ހުރަގެއެއް ތައްޔާރުކުރުމަށެވެ. އަދި ކޮންމެ މަހަކު އެ ފުރޭތަ އަރާ ރެއަށް ޒުވާން އަންހެންކުއްޖަކު އެ ހުރަގޭގައި ބަނދެފައި ބޭންދުމަށެވެ. މި ގަވައިދުން ކަންތައް ކުރަމުން ދަނިކޮށް ރަށުގެ މީހުން މިކަމާ ނުގަބޫލުވެގެން ހަޅޭއްލަވައިގެންފިއެވެ. މީގެފަހުން ކުއްޖަކު ހޮވަނީ ގުރުއަތުލައިގެންނެވެ.

މިގޮތަށް ކަންތައްކުރަމުން ގެންދަނިކޮށް މާތް ވަލީވެރި ބޭކަލަކު ދިވެހިރާއްޖެއަށް ދުރުވެއްޖެއެވެ. މިކަލޭގެފާނުގެ ނަމަކީ يوسف شمس الدين التبريزى އެވެ. ކޮންމެއަކަސް މިބޭކަލަކު ހުންނަވަނީ ކާޅުގުއިރޭމަގުގައި ހުރި ފަގީރު ދެމަފިރިއެއްގެ ގޭގައެވެ. ދެން އައިމަހު ފުރޭތައަށް ދައްކާނޭ އަންހެންކުއްޖަކަށް ގުރުއަތުން ނެގުނީ تبريزىގެފާނު ހުންނެވި ގޭގައި ތިބި ދެމަފިރިންގެ އަންހެންދަރިފުޅެވެ. މިކަމާއިމެދު މިމީހުން ހިތާމަކޮށް ރޯންފެށުމުން އެރޭ ބުދުކޯލަށް އަންހެންކުއްޖާގެ ބަދަލުގައި ވަޑައިގެންނެވީ އެކަލޭގެފާނެވެ. އެކަލޭގެފާނު ބުދުކޯލުގައި ހުންނަވަނިކޮށް މެންދަމެއްހައި އިރުފަހުން އުދަރެހާއި ދިމާއިން ނަވެއްގެ މިސާލުގައި، އެއްޗެއް އަންނާތީ ދެކެލެއްވިއެވެ. މިނައު ދުވަމުން ހުރަގެއާ ދިމާއަށް އާދެއެވެ. އެކަލޭގެފާނު ޤުރުއާންކިޔަވާވިދާޅުވުން މަތީގައި އިރުއަރަންދެން ހުންނެވިއެވެ. ކިޔަވާވިދާޅުވާ އަޑުއިވުމާއެކު އެނައު އައިކޮޅަށް ގޮސް އޮބާލައިފިއެވެ. އިރުއެރުމުން ކޮއިމަލާ އެކަލޭގެފާނުގެ ޚަބަރު ބެއްލެވުމަށް ހުރަގެދޮށަށް ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ އެންމެ ސަލާމަތުންނެވެ. ކޮއިމަލާ ރަސްގެފާނު މިކަމާ ސުވާލުކުރެއްވުމުން އެކަލޭގެފާނު ދެންނެވިއެވެ. އަޅުގަނޑު ސަލާމަތްވީ މާތްރަސްކަލާނގެ ބަރަކާތްލެއްވި ކީރިތި ޤުރުއާނުގެ ސަބަބުންނެވެ. މަނިއްޕުޅުވެސް އިސްލާމްވެވަޑައިގަންނަވާށެވެ. އެއިރުން މިރަށަށް މިނުރައްކާތެރިކަން ކުރިމައްޗެއްނުވާނެއެވެ. ރަސްގެފާނު ވިދާޅުވީ މިއަންނަ މަހު އެފުރޭތައިގެ ސަބަބުން ރާއްޖެ ސަލާމަތްކޮށްދެއްވައިފިނަމަ އިސްލާމްވެވަޑައިގެންފާނެކަމުގައެވެ. ކޮންމެއަކަސް ދެން އައިމަހު ހުރަގޭގައި ބަނީ ކޮއިމަލާ ރަސްގެފާނުންގެ ދަރިކަނބަލުންނެވެ. އޭރު ސިއްރިޔާތުގައި تبريزގެފާނު ދުރުވެ އެކަމަނާ ސަލާމަތްކުރައްވައި އިސްލާމްވެވަޑައިގަތުމަށް އެންގެވުމުން އެކަމަނާ އިސްލާމްވެވަޑައިގެންފިއެވެ. މިފަހަރުވެސް އެކަލޭގެފާނު އެދިލެއްވީ ރަސްގެފާނުވެސް އިސްލާމްވެވަޑައިގަތުމަށެވެ. ރަސްގެފާނު މިފަހަރު ވިދާޅުވީ ތިޔަ އަންނަ ނުރައްކާތެރި ކަންތައް ދެއްކެވުމަށްފަހު އިސްލާމްވެވަޑައިގެންފާނެކަމަށެވެ. އަދި تبريزގެފާނު، އެދިވަޑައިގަތުމުގެ މަތީން މާލޭގެ ގޮނޑޮދޮށަށް ގެންނަހާ ކަރުގޮހޮރު މޫދަށް ނާޅައި އެއްތަނަކަށް އެއްކުރައްވައިފިއެވެ. މިހުރިހާ ކަރުގޮހޮރު އެޅީ ރަންޖެހިގަނޑުވަރާ ދިމާ އަތިރިމައްޗަށެވެ. އެރޭ ފަހެއްޖެހީމާ ދަރުމަވަންތަ ރަސްގެފާނު ގޮވައިގެން ރަށުތެރެބެއްލެވުމަށް تبريزގެފާނު ނުކުމެވަޑައިގެންފިއެވެ. މިހެންހިންގަވަނިކޮށް ރަށްޑިބާމަގާ ދިމާ ދެކުނުން ކުޑަކުއްޖަކު އަންނަތަން އެކަލޭގެފާނު ދެކެލެއްވިއެވެ. އެކުއްޖާ އައިސް މިހާރު މާންދޫގޭ ދޮށުގައި އެއޮތް ރަށްމެދު ގަލާ ހަމައަށް އައިސްފައި ވަށައިގެން ހޯދާބެލުމަށްފަހު މީހަކު ފެންނާން ނެތްކަން ކަށަވަރުވުމުން އެކުއްޖާބޮޑުވާން ފަށައިފިއެވެ. ބޮޑުވަމުން ބޮޑުވަމުން ގޮސް، މޫނުވީ ހިސާބެއް ނޭނގެންދެން ބޮޑުވެފައި ގަސްތަކާއި ރުއްތަކުގެމަތީން ގުދުވާން ފަށައިފިއެވެ. މިގޮތަށް ގުދުވެގެންގޮސް ރަންޖިހިގަނޑުވަރާ ދިމާގައި ހުރި ކަރުގޮހޮރުފުނި ކާލައިގެން ތެދުވެ ހިންދަމާލާފައި އައިކޮޅަށް ހިނގައިގެންފިއެވެ. تبريزގެފާނު، ކޮއިމަލާރަސްގެފާނު ގޮވައިގެން އޭތީގެ ކުރިމައްޗަށް ނުކުންނެވީ، މިހާރު ހަތަރު އަވަށުގައި އޮތް ބޮޑުމަގާ ހަމައިންނެވެ. ކުއްލިއަކަށް އެކަލޭގެފާނު އެންގެވީ އެއެތި ބޮޑުވުމަށެވެ. އެސޮރުހަމަ އެވަގުތުގެ އަމުރުކުރީ، އެކަލޭގެފާނު ބޮޑުވުމަށެވެ. އަދިވަރަށް ރުޅި އައިސްފައި އެކަލޭގެފާނާ ދިމާއަށް ބުންޏެވެ. މީހަކު ހަމަ ފެންނަ އިރަށް ބޮޑުވާށޭ ކިޔާފައި ހަޅޭއްލަވައި ގަތުމަކީ މިރަށުގައި އޮންނަ ގާނޫނެއްހެއްޔެވެ. މީގެ ދެމީހުން މިޒުވާބުގައި އެތައް އިރަކު ދެމިތިބެއްޖެއެވެ. تبريزގެފާނަކީ، އަބަދުވެސް ޖިންނިއެއް ގެންގުޅުއްވާ ބޭކަލެކެވެ. އެހެންކަމުން މިފަހަރު ކުރިމަތީގައި ހުރި ފުރޭތަ ބޮޑުނުވާންވެގެން ގަދަދައްކަން ފެށީމައި، އެކަލޭގެފާނު ގެންގުޅުއްވާ ޖިންނިއަށް ބޮޑުވުމަށް އެންގެވިއެވެ. ޖިންނި ބޮޑުވާތަން ފެނުމުން، ފުރޭތައަށް ހިސާބަކަށް ޖިންނި ކާލާފާނެކަމުގެ ބިރުވެރިކަން ލިބިއްޖެއެވެ. މިހާރު ޖިންނިއާ އެކު ފުރޭތަވެސް ބޮޑުވަނީ އެވެ. ދެން تبريزގެފާނު ފުރޭތައަށް އެންގެވީ ކުޑަވުމަށެވެ. ފުރޭތަ ކުޑަވަމުންގޮސް އިހަށްހުރި އިސްކޮޅަށް އައިސްފައި، ދެން ނުވާނެއޭ ދަންނަވައިފިއެވެ. تبريزގެފާނު ކޯފާއިސްވެފައި އަދިވެސް ކުޑަވާށޭ އެންގެވުމުން ނުވަރޭ ފެނުތެރޭގެ ކުއްޖަކާ އެއްވަރުވެފައި އަނެއްކާވެސް ނުވާނެއޭ ދަންނަވައިފިއެވެ. تبريزގެފާނު އަދިވެސް ކަލެއަށް ކުޑަވެވޭނެއޭ ވިދާޅުވުމުން، ފަންޏަކަށް ވެއްޖެއެވެ. އެވަގުތު އެކަލޭގެފާނު ނަރުފުޅިއެއްދައްކަވާފައި، އެއަށްވަނުމަށް އަމުރުކުރައްވައިފިއެވެ. އެސޮރު، ޖިންނިއަށް ބިރުން ފުޅިގެތެރެއަށް ވަދެފައި އެ ކަލޭގެފާނަށް ދެންނެވިއެވެ.”މީ އަޅުގަނޑުގެ މަތިމަތިފުށުން އައި ރަސްކަމެކެވެ. އެހެންވެ އަޅުގަޑުވެސް މިރަސްކަމުގެ ދާނަށް މަހަކު އެއްރޭ އަންނަނީއެވެ. ނަމަވެސް މިއަދު އަޅުގަނޑުގެ އަތުން، ރަސްކަން އަތުލައްވައިފީމުއެވެ. ވީމާ ކަލޭގެފާނު މިރަސްކަމުގައި ނެތި އެންމެ ދުވަހެއް ވީނަމަވެސް އަޅުގަނޑަށް އަންގަވަންވާނެއެވެ. އެދުވަހަކުން އަޅުގަނޑު މިރަސްކަމަށް އެބުރި އަންނާނަމެވެ." އެކަލޭގެފާނުގެ ދެއަތްޕުޅުން ފިނދުކިބަފުޅުގައި ލަވައެއް ޖައްސަވާލައްވާފައި ބުނުއްވިއެވެ. ތިންރޭވަންދެން މިއަޑު ނުއިވުނުނަމަ ކަލޯ އެރިޔަސް އެންމެރަނގަޅެވެ. މިހެން އަންގަވާފައި އެ ސޮރުލާފައިވާ ފުޅި ރަނގަޅަށް ބަންދުކުރެއްވުމަށްފަހު ފެއްތެވީ ކުމެރީގެކައިރި އަށެވެ. ކުމެރީދޮށް އެހާގަދަކުރެއްވީ އެސޮރު އެތަނަށް ފެއްތެވުމަށްފަހުގައެވެ. މިކަންކުރައްވާފައި تبريزގެފާނު އެންގެވީ ރަސްގެފާނު އިސްލާމްވެވަޑައިގަތުމަށެވެ. ކޮންމެ އަކަސް މިފަހަރު ހަމައެވަގުތުމެ ރަސްގެފާނު އިސްލާމްވެވަޑައިގެންފިއެވެ. ރަސްގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އިސްލާމްކުރެއްވީ ބޮޑުވަޒީރެވެ. ދެން އެކަލޭގެފާނުގެ އިރުޝާދުގެ މަތީން ރަސްކަމުގެ ބޮޑުންގެ ތެރެއިން ރެއަކު މީހެއް އިސްލާމްކުރެއްވީއެވެ. އެންމެފަހުން ހުރިހާ ރައްޔިތުންވެސް ދީނަށް ވަދެ މުޅި ރާއްޖެ އިސްލާމްވެއްޖެއެވެ. މިކަން ހިނގީ ކޮއިމަލާ ރަސްގެފާނު ޣައިރުދީނަށް ރަސްކަންކުރައްވާތާ 15 އަހަރު ވީފަހުންނެވެ. މިރަސްގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު ރާއްޖެއަށް މަޝްހޫރުވީ ދަރުމަވަންތަ ރަސްގެފާނުންގެ ނަންފުޅުންނެވެ. ލަސްތަކެއްނުވެ ހުރިހާބުދުކޯލުތައް ތަޅައި، މިސްކިތްތައް އިމާރާތްކުރަންފަށައިފިއެވެ. ގަނޑުވަރުތެރޭގައިހުރި އެތެރޭ ބުދުކޯލު ހުރިތާގައިވެސް މިސްކިތެއް އިމާރާތް ކުރެވުނެވެ. تبريزގެފާނު ހުންނެވީ ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގައެވެ. ދަރުމަވަންތަ ރަދުން ރަސްކަން ހިންގަވަނީ އެކަލޭގެފާނުގެ ފުރިހަމަ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. تبريزގެފާނު މާލޭގައި އަވަހާރަވީ ރަޖަބު މަހެއްގެ 6 ވަނަ ދުވަހުއެވެ. އެކަލޭގެފާނު تبريزى ގައި އަވަހާރަވީ އެމަހު 9 ވަނަ ދުވަހުއެވެ."

އިސްވެ ބަޔާންކުރެވުނު ބުރާރަކޮއިގެ ވާހަކައިގައި ކިޔާ ފުރޭތައަށް މިވާހަކަ ކިޔާ އެހެން ބައެއް މީހުން ރަންނަމާރިއޭވެސް ކިޔައިއުޅެއެވެ. އެގޮތުން ކަނޑުން އަރާ ރަންނަމާރިއޭ ކިޔުނު ފުރޭތައެއްގެ ވާހަކައަކީ މިފަހަކާ ޖެހޭންދެން ދިވެހީންގެ ތެރޭގައި މަޝްހޫރު ވާހަކައެވެ. ދިވެހިރާއްޖެ އިސްލާމީ ގޮތުގެ މައްޗަށް ކުރިން ދެންނެވުނު ފަދައިން މީލާދީން 20 ވަނަ ގަރުނާ ޖެހޭންދެން ކިޔަމުން އައި ވާހަކަތައް ހުރީ މިފަދައިންނެވެ. ކަނޑުން އަރާ ފުރޭތައަކާ ގުޅިގެން އީރާނު/އަޒަރުބައިޖާން ސަރަހައްދުގައި އޮންނަ ތަބްރީޒޭ ކިޔުނު ރަށަކުން ވަޑައިގެންނެވި ވަލީވެރި ބޭކަލަކު ދެއްކެވި ކަރާމާތްތަކެއްގެ ސަބަބުން އޭރު ދިވެހިރާއްޖޭގެ ތަޚުތުގައި ވޮޑިގެން އިންނެވި ރަދުން އިސްލާމްވެވަޑައިގެން މުޅި ދިވެހިރާއްޖެއަށް އިސްލާމްދީން ފެތުރުއްވެވި ވާހަކައެވެ. މިދެންނެވި ތަބްރޭޒުގެފާނާއި ގުޅޭ އެހެންނިހެން ވާހަކަތައްވެސް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔައެވެ. މިގޮތުން ކެންދޫއަށާއި އަލިފުއްޓަށްވެސް އެކަލޭގެފާނު ވަޑައިގެންނެވި ކަމަށް އެރަށްރަށުގައި ކިޔައެވެ. އަދި ހަމަ އެހެންމެ އެ ދެރަށުގައިވެސް އެކަލޭގެފާނު އަޅުކަންކުރައްވަން އިންނެވި ތަނުގައި އެކަލޭގެފާނަށް ޚާއްސަ މަގާންފުޅެއް އަދިއަދަށް ދާންދެންވެސް އެބަހުއްޓެވެ. އޭގެ އިތުރުން ދެކުނުން ހުވަދުއަތޮޅުގެ ބައެއް ރަށްރަށުގައިވެސް ތަބްރޭޒުގެފާނެއްގެ ވާހަކަ ދައްކައެވެ. އަދި އެނޫންވެސް އަތޮޅުތަކުގައި އެކަލޭގެފާނުންގެ ވާހަކަ ދައްކައެވެ.

ދިވެހިރާއްޖެ އިސްލާމްވީކަމުގެ ވާހަކައާއި އިސްލާމްކުރެއްވި ބޭކަލެއްގެ މައްޗަށް ލިބޭ އެހެނިހެން ލިޔެކިޔުމުގެ ހެކިތަކަށް ބަލާއިރު ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި މާލޭ ހުކުރު މިސްކިތް ބާވެގެން އެތަނުގައި އައްސުލްތާނު އަހުމަދު ޝިހާބުއްދީން (1340-1348 މ.) ބިނާކުރެއްވި މިސްކިތުގައި ބެހެއްޓެވި ފިލަޔަކީ އޭގެ އެންމެ ދުވަސްވީ ލިޔުމެވެ. އެފިލާ މިހާރުވެސް ގައުމީ ދާރުލްއާސާރުގައި ފެންނަން އެބައޮތެވެ. އައްސުލްތާނު އަހުމަދު ޝިހާބުއްދީން ބިނާކުރެއްވި ހުކުރު މިސްކިތް ބާވެގެން އައްސުލްތާނު އިބްރާހީމް އިސްކަންދަރު (1648-1687 މ.) އެ މިސްކިތް އަލުން ބިނާކުރެއްވިއިރު އިސްވެ ދެންނެވުނު ޝިހާބުއްދީނު ރަސްގެފާނުގެ ފިލައިގެ ބަދަލުގައި އެފިލައިގައި ހުރި ލިޔުންތައް އެހެން ފިލަޔަކަށް ނަކަލުކުރެއްވުމަށްފަހު ހުކުރު މިސްކިތުގައި ބެހެއްޓެވިއެވެ. އެފިލާ މިހާރުވެސް ހުކުރު މިސްކިތުގައި ފެންނަން އެބަހުއްޓެވެ. މައުލޫގެ މައްޗަށް ހެކިލިބޭ އަނެއް ދުވަސްވީ ލިޔުމަކީވެސް ހަމަ އިސްކަންދަރު ރަސްގެފާނަށް ނިސްބަތްވާ ލިޔުމެކެވެ. އާދެ، އެއީ އައްޑުއަތޮޅު ގަމުގެ ހުކުރު މިސްކިތަށް ލިޔެދެއްވި ބޯގަ ފިލާފަތްކޮޅެވެ. މިދެންނެވި ފިލާފަތްކޮޅުވެސް ގައުމީ ދާރުލްއާސާރުގައި ފެންނަން އެބައޮތެވެ. އިސްވެ ބަޔާންކުރެވުނު ހުރިހާ ފިލައެއްގައި ހުރި ލިޔުމެއްވެސް ދިވެހީން ކިޔައި ރާއްޖެ އިސްލާމްކުރެއްވިކަމުގެ ޝަރަފު ދެއްވަމުން އައީ އައްޝައިޚް ޔޫސުފް ޝަމްސުއްދީނުއް ތަބްރޭޒީގެފާނަށެވެ. އެހެންކަމުން 20 ވަނަ ގަރުނުގެ ކުރީކޮޅާ ޖެހޭންދެން ދިވެހީންގެ ފާތިހާފޮތްތަކުގައްޔާއި ހާޖީ އިމާދުންދީނުގެ ދިވެހި ތާރީޚް ފޮތުގައްޔާއި އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (2) ގެ ދުވަސްވަރުގެ ގިނަ ލިޔެކިޔުންތަކުގައްޔާއި މިފަދަ އެންމެހައި ލިޔެކިޔުމެއްގައި ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަމަކަށް ލިޔެ އުޅުނީ ތަބްރޭޒީގެފާނުންގެ ނަންފުޅެވެ. މިގޮތުން އައްސުލްތާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި މާލޭ މެދުޒިޔާރަތް މަރާމަތުކުރެވުނުއިރު ގުއްބުކޮޅުގެ މަތީގައި ހުރި ދަނޑިކޮޅުގެ ކޮޅުގައި ހަރުކޮށްފައި ހުންނަ ތުއްރަވާހުގައިވެސް އެކަލޭގެފާނުގެ ނަންފުޅަކަށް ޖައްސަވާފައި އޮތީ ޔޫސުފް ޝަމްސުއްދީނުއް ތަބްރޭޒީއެވެ.

ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ޝަރަފު ތަބްރޭޒުގެފާނަށް ދިވެހީން ދީގެން އުޅެނިކޮށް އެބޭކަލަކީ މަޣްރިބްކަރައިގެ ބަރްބަރީއެއްކަމަށް ކިޔެންފެށުނީ އިސްވެ ދެންނެވުނު ޝިހާބުއްދީން ރަސްގެފާނުންގެ އުޚުތު އައްސުލްތާނާ ރެހެންދި ޚަދީޖާގެ ރަސްކަމުގައި މާލެ ވަޑައިގެން މާލޭގައި ފަނޑިޔާރުކަންވެސް ކުރެއްވި މަޣްރިބުކަރައިގެން ސައްޔާހު އިބްނުބަތޫތާގެ ދަތުރުނާމާގެ ލިޔުންތައް ދިވެހީންނާ ހަމަޔަށް ތިލަވެގެން އައި ހިސާބުންނެވެ. އެކަމެއް ހިނގީ ދިވެހިތާރީޚު ދިރާސާކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި އެޗް.ސީ.ޕީ ބެލްގެ މަސައްކަތްތަކުގެ ތެރެއިންނެވެ. ކޮންމެއަކަސް ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަމާއި މެދު ކުރެވޭ ބަހުސަކީ މިދެންނެވި ދުވަސްވަރުއްސުރެ ދިވެހި ތާރީޚު ލިޔާ މީހުންގެ މެދުގައި ކުރެވެމުން އަންނަ ބަހުސެކެވެ. އަޅުގަނޑު ގަސްދުކުރަނީ ދެން އަންނަ ދުވަހަކު އެމައުލޫއަށް އިިންސާފުކުރާށެވެ. އެއް ދުވަހަކުން އެއްލިޔުމެއް މާ ދިގުވެއްޖެނަމަ ކިޔާ ބަޔަކު ފޫހިވެސް ވެދާނެއެވެ. އެހެންކަމުން މިއަދަށް މިހާހިސާބަށް ކުރުކޮށްލީއެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.