ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފިއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޑިޕާޓްމަންޓުން ވަކި ގޮތެއް އަންގަންދެން ފޯމު ބަލައިގަތުން މިހާރު ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.

އޮންލައިންކޮށް ރެކޯޑު ސާފުކުރުމަށް ފޯމު ހުށަހަޅާ އިރު، މައުލޫމާތުތައް އަދި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށް ވެސް ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

  • ރެކޯޑު ސާފުކުރާ ފޯމު (ފޯމު ފުރިހަމަކުރާއިރު ދާއިމީ އެޑްރެހަށް އައިސްފައިވާ އެންމެހައި ބަދަލުތައް އަދި ދަފުތަރު، ފުލެޓު ނުވަތަ ހުޅުމާލޭގެ އެޑްރެހުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމަށްވާނަމަ އެ އެޑްރެހަކަށް ބަދަލުވުމުގެ ކުރީގެ ދާއިމީ އެޑްރެސް އެނގޭނެހެން ފުރިހަމަކުރުން).
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
  • ދިވެހި ރައްޔިތެއް ނޫންނަމަ ޕާސްޕޯޓުގެ ސާފު ކޮޕީއެއް.
  • ކޮމްޕެނީއެއްގެ ރެކޯޑު ސާފުކުރާނަމަ ކޮމްޕެނީގެ ރަޖިސްޓަރީގެ ކޮޕީއެއް.
  • ފޯމުގެ ވެރިފަރާތާ ގުޅޭނެ ފޯނު ނަންބަރު.
  • ފޯމު ފޮނުވާފައިވާ މެއިލް އެޑްރެސް ނޫން އެހެން މެއިލް އެޑްރެހަކަށް ޖަވާބު ފޮނުވަން ބޭނުންވާނަމަ އެ މެއިލް އެޑްރެސް ފޮނުވުން.

ޑީޖޭއޭ އިން ބުނީ އެ މައުލޫމާތު ހިމަނައިގެން ޕީޑީއެފް ކޮޕީއެއް [email protected] އަށް އީމެއިލްކުރުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެފަރާތަކަށް ޖަވާބު ފޮނުވޭނެ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ، 3340811/3340812 ނަންބަރު ފޯނާ ގުޅުމަށް ވެސް ޑީޖޭއޭ އިން އެދެއެވެ.

ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މީގެ ކުރިން ވެސް ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭ ގޮތަށް ޑީޖޭއޭ އިން ހަމަޖެއްސިއެވެ. ނަމަވެސް އާ އާންމު ހާލަތުގައި އޮފީސްތައް ހުޅުވުމާއެކު، ޑީޖޭއޭއަށް ގޮސް އެ ހިދުމަތަށް އެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.