މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަށް ޕީޕީއީ ހަދިޔާކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ ޔަމަހާ ޕްރޮޑަކްޓްސް އަދި މެރިން ބަޔަކީ ގިނައިން ބޯޓިން އެސޯސިއޭޝަންގެ ފަރާތްތަކާ ވިޔަފާރި ކުރާ ބައެއް ކަމަށާއި އެހެންކަމުން އެމީހުންގެ ރައްކާތެރިކަމާއި ސަލާމަތަށް އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ކުންފުނިން ބޯޓިން އެސޯސިއޭޝަނަށް ޕީޕީއީ ހަދިޔާ ކޮށްފައިވަނީ ކޮވިޑް 19ގެ މި ބަލިމަޑުކަމުގެ ތެރޭ ސަފާރީ އޮޕަރޭޓަރުން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އެމްޓީސީސީން ހަދިޔާ ކުރި ޕީޕީއީގެ އެހީގައި ސަފާރީތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ސަފާރީގައި މަސައްކަތް ކުރާ ބިދޭސީންނާ ދެމެދު ކޮންޓެކްޓުވާ މިންވަރު މަދުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިއީ ރައްކާތެރިކަމާއެކު ފަތުރުވެރިން ކޮވިޑަށް ޓެސްޓު ކުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.