މާލޭ އަބަދަށްފެހި މަގުގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހިގެން ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ފަރާތްތަކަށް އިތުރު ތިން މަހަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގައި އަލިފާން ރޯވީ އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައެވެ. އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރި އެކަމުގެ ސަބަބުން އެތައް ބަޔަކާއި އެތައް މުދަލަކަށް ގެއްލުން ލިބިފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފައިވަނީ ހ. ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީހިޔާ ފޯރުކޮށް ދެމުންގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާ ކަމަށެވެ.
ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އެފަރާތްތަކަށް އިތުރު ތިން މަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެންޑީއޭއެމްއުން ބުނެއެވެ.
މީގެ އިތުރުން އެ އޮތޯރިޓީން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް ގޭބިސީއެއްގެ 29 މީހުންނަށް ގާކޮށީގެ ފްލެޓްތަކުން ވަގުތީ ހިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން 786 މީހަކަށް ސީދާގޮތުން އަސަރުކޮށްފައިވާ އިރު، އެ ހާދިސާގައި ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު