ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް، ކުރިމިނަލް ކޯޓުން ބާތިލުކުރުމުން ހައިކޯޓުގައި އިސްތިއުނާފުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކުގައި ދެ ދައުވާއަކާ ގުޅިގެން ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އަދީބަށް 10 ދުވަސް ދިނުމަށްފަހު އަޑުއެހުން ނިންމާލައިފިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ތިން ފަނޑީޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑީޔާރު މުހައްމަދު ނިޔާޒެވެ.

ޝަރީއަތުގެ އަޑުއެހުން ފައްޓަވަމުން ފަނޑިޔާރު ވިދާޅުވީ، އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް މައްސަލައިގެ ތެރެއިން މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މައްސަލައަކާ ބެހޭ އަޑުއެހުން ކަމަށެވެ. އެއީ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު މުހައްމަދު ނިޔާޒު ބައްލަވަމުންގެންދަވާ ދެ މައްސަލަ ކަމުގައިވާ، މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމާ ބެހޭ ދެ މައްސަލައެވެ.

ރިޔާސަތުން ވާހަކަދައްކަވަމުން ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް ދައުވާގެ ތެރެއިން ދެ މައްސަލައެއް އޭނާ ކުރިއަށްގެންދަވާ އިރު، އޭގެ ތެރޭގައި ހިމެނޭ ހިޔާނާތްތެރިވުމުގައި ބައިވެރިވުމާއި، މަނީ ލޯންޑަރިންގެ މައްސަލަ ބައްލަވާނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ކަމަށެވެ. ދެން އޮތް ތިން ދައުވާ ކަމަށްވާ ހިޔާނާތްތެރިވުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަލީ ލޯންޑާ ކުރުމުގެ މައްސަލަ ކުރިއަށްގެންދަވާނީ ފަނޑިޔާރު ހުސައިން މަޒީދު ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތް ފެއްޓެވުމަށްފަހު، އަދީބުގެ ވަކީލާ ބެހޭގޮތުން ރިޔާސަތުން ސުވާލުކުރެއްވިއެވެ.

އެކަމާ ގުޅިގެން އަދީބު ވިދާޅުވީ ބަންދުގައި އޮތީ މާފުށީ ޖަލުގައި ކަމަށާއި މިހާރު ގަވައިދު އޮންނަގޮތުން ކޮވިޑް ނުޖެހޭ ރަށަކުން ވަކީލަކު ގޮސްގެން ނޫނީ ބައްދަލުނުކުރެވޭ ކަމަށެވެ. މާލެއިން ވަކީލަކު ހަމަޖައްސައިފިނަމަ، ބައްދަލުވުމުގެ ފުރުސަތު ލިބެނީ ފޯނުންނާއި، ވީޑިއޯ ކޯލުން ކަމަށްވާތީ މައްސަލައިގެ ވާހަކަ ވަކީލާ ނުދެއްކާ ކެމަށްވެސް ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން އަމުރު ނެރުނު ޝަރީއަތުގެ އަޑުއެހުމަށް ވަކީލަކު ހޯދީ ދެގަޑިއިރަށް ކަމަށާއި އެއަށްފަހު އެ ވަކިލާ ވެސް މައްސަލައަކާ ބެހޭގޮތުން ވާހަކަ ނުދެއްކޭތީ ވަކީލަކު ހަމަޖެއްސިފައިނުވާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބުގެ ޖަވާބާ ގުޅިގެން، ބަންދުގައި ތިބޭ މީހުން ވަކީލުންނާ ބައްދަލުކުރުމުގެ ކަންތައް ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން ޕީޖީގެ ވަކީލުންނާ ފަނޑީޔާރު ސުވާލުކުރެއްވިއެވެ.

އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިހާރު އަމަލުކުރަމުންދާ ހާއްސަ އުސޫލަކީ ބަންދުކޮށްފައިވާ ފަރާތްތަކަށް ވަކީލުންނާ ފިޒިކަލީ ބައްދަލު ނުކުރުމުގެ އުސޫލު ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްސަލައިގައިވެސް ވަކީލުންނާ ބައްދަލު ނުކުރެވުނު މައްސަލަ ދިމާވުމުން، ހައިކޯޓުގެ އެންގުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް ކަރެކްޝަންސްއާ ވާހަކަދައްކައިގެން ހާއްސަ އުސޫލެއްގެ ދަށުން ރައީސް ޔާމީނާ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ ކޮވިޑްގެ މިހާލަތުގައިވެސް، އެކަމަށް ހާއްސަ ކޮޓަރިއެއްގައި ނަމަވެސް ވަކިލާއި މުވައްކިލާ މިނިވަންކަމާއެކު ބައްދަލުކުރެވޭނެ ގޮތް ހަދައިދޭން ޖެހޭނެ ކަމަށެވެ. ޝަރިއަތްތައް އަވަސް ކުރެވޭނީ އޭރުން ކަަމަށާއި ގާނޫއަސާސީގައި ބަޔާންކުރާ ހައްގުތައް ދިފާއުކުރަން ބައެއް މައްސަލަތަކުގައި ވަރަށް ބޮޑަށް މަސައްކަތްކުރާތަން ފެންނަ އިރު، ހުރިހާ މައްސަލަތަކެއްގައި ވެސް ޕީޖީ އޮފީހުން އެގޮތަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައާ އެއްގޮތަށް ކޯޓުން އެދިވަޑައިގަންނަވާނަަމަ އަދީބުގެ މައްސަލައިގައި ވެސް ފިޒިކަލީ އަދީބަށް ވަކީލުންނާ ބައްދަލުކުރުމުގެ އިންތިޒާމު ހަަމޖައްސައިދިނުމަށް ކަރެކްޝަންސްއަށް އަންގާނެ ކަމަށެވެ.

ފަނޑިޔާރަކު ހަމަޖެއްސުމުގެ ކަންތަކަށް ކިހާ ދުވަހެއް ބޭނުންވޭތޯ ފަނޑިޔާރު، އަދީބާ ސުވާލުކުރެއްވުމުން އަދީބު ވިދާޅުވީ އެކަމަށް 10 ވަރަކަށް ދުވަސް ބޭނުންވާ ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ވިދާޅުވީ، ވަކީލަކު ހަަމަޖައްސަން އެއީ ވަަރަށް ގިނަދުވަސް ކަމަށާއި ނަމަވެސް ބަންދުގައި ހުރީ އަދީބު ކަމުން އެކަމުގައި ފަނޑިޔާރުގެ މައްސަލައެއް ނެތް ކަމަށެވެ. އަދި އެކަމުގައި ޕަބްލިކް ޕްރޮސިކިއުޓާގެ މައްސަލައެއް އެބައޮތްތޯ، ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގައިވެސް ދެވޭނީ 10 ދުވަސް ކަމުން އެކަމަށް އިއުތިރާޒެއް ނެތް ކަމަށެވެ.

އެހެންކަމުން 10 ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސައި އެންގުމަށް އަދީބަށް އަންގައި، އެއަށްފަހު ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ ކަަމަށް ވިދާޅުވެ، ފަނޑިޔާރު ޝަރީއަތުގެ މަޖިލިސް ނިންމަވައިލެއްވިއެވެ.

ފަނޑިޔާރާ ބައްދަލުކުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކޯޓުން އަންގަވާ އިރު، އަދީބުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެ އެންގުމުގައި ހިމަނައި ދިނުމަށްވެސް އަދީބު ވަނީ ފަނޑިޔާރުގެ ކިބައިން އެދިފައެވެ.