އިސްލާމިކް މިނިސްޓްރީ

ޙިޖާޒުގެ ޤާފިލާ 108

އަބްދުﷲ ފާރޫގް ހަސަން

3

(24 އޯގަސްޓުގެ އަދަދާ ގުޅޭ)

"އާދޭހެވެ. އޭނާގެ އަރިހުގައި ވިދާޅުވާށެވެ. އަޅުގަނޑު އޭނާއާ ރުޅިޔެއް ނޫނެވެ." ޒަރުބަޚުތު އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ޖެހިގެންއައި ދުވަހުގެ ކުޑަ މެންދުރެއްހައިއިރުވީއިރު ماه بانو އާއި يـاسمـين އާ ދެބޭފުޅުން ތިއްބެވީ ބޭރަށް ނުކުމެވަޑައިގެން މަގުމަތީގައެވެ. ޒަރުބަޚުތުގެ ޚަބަރެއް ލިބިވަޑައިގަންނަވާތޯ ބެއްލެވުމަށްޓަކައެވެ. ހާސްކަމާއި ހައިރާންކަމުގައި ކޮޅުކޮޅަށްދުވާ މީހުންގެ ހަޅޭފަޅޭކާއި ވަށައިގެންހުރި ގޭގެއިން އިވޭ މީހުން މަރުވުމުން ރޯކަހަލަ ރުއިމުގެ އަޑުގެ ސަބަބުންވަނީ މުސްލިމުންނާ ޙަމަލަދިން ލަޝްކަރު ބަލިވެގެން އެނބުރި އަތުވެއްޖެކަން ކަށަވަރުވެފައެވެ. ޒަރުބަޚުތުގެ ޚަބަރު އޮޅުންފިލުއްވަން އެބޭފުޅުންވަނީ ކާއޫސު ފޮނުއްވައިފައެވެ. ގަޑިޔެއްހައިއިރު އިންތިޒާރު ކުރެއްވުމަށްފަހު އޭނާ ލަސްވުމުން އެހެން ނޯކަރަކުވެސް ވަނީ ފޮނުއްވައިފައެވެ. ގިނައިރުވަމުން ދާވަރަކަށް އެބޭފުޅުންގެ ކަންބޮޑުވެވަޑައިގެންނެވުން ދިޔައީ އިތުރުވަމުންނެވެ. މަގުމަތީން ކޮޅުކޮޅުމައްޗަށް ދުވާ މީހުނާ ވާހަކަ ދެއްކެވޭތޯވެސް ماه بانو އެތައްފަހަރަކު މަސައްކަތް ކުރައްވައިފިއެވެ. އެކަމަކު އެއިން އެކަކުވެސް ސިކުންތަކަށްވެސް ހުއްޓޭކަށެއް ގަބޫލެއް ނުވެއެވެ.

ސަވާރުންގެ ބަޔަކު އަންނަތަން ފެނިވަޑައިގެންފިއެވެ. ماه بانو ދުވެވަޑައިގެންފައި މަގުގެ މެދަށް ނުކުމެވަޑައިގެން ދެއަތްޕުޅު މައްޗަށް ނަންގަވައި އެމީހުން ހުއްޓުވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަމަކު އެބައިމީހުން ހާސްވެފައިތިބިވަރުން ماه بانو އާ ލައިގަންނަ ހިސާބަށް ކައިރިވިއިރުވެސް އަސް މަޑުކޮށެއް ނުލައެވެ. ماه بانو އަށް އެމީހުނާ މުޑިއަރައިފާނެހެން ހީފުޅުވުމުން ކުއްލިޔަކަށް އެއްފަރާތަށް އެނބުރިވަޑައިގެން ދުވެވަޑައިގެންފައި މަގުގެ އެއްކައިރިޔަކަށް ޖެހިވަޑައިގެންނެވިއެވެ. އެވަގުތު އޭނާއާ يـاسمـين އާ ދެބޭފުޅުން މުޑިއަރައި ދެބޭފުޅުން އެކުގައި މަގުގެ އަރިމައްޗަށް ވެއްޓިވަޑައިގެންފިއެވެ. ދެބޭފުޅުން ތެދުވެވަޑައިގެން ހެދުންކޮޅުން ވެލިފޮޅުއްވަނިކޮށް ސަވާރުންގެ ތެރެއިން އެކަކު އަސް އަނބުރައިލައިފައި އަތުވެއްޖެއެވެ. އޭނާ ބުންޏެވެ. "ތިޔަބޭފުޅުން ބައްލަވައިގެން އުޅުއްވާށެވެ. އަނެއްކާ ބޮޑު ހާނީއްކަފުޅެއް ލިބިވަޑައެއް ނުގަންނަވާތޯއެވެ؟ މަގުމަތީން ސިފައިންނަށް ހުރަސް އެޅުއްވުމަކީ ކުށެކެވެ."

ماه بانو ނުގަބޫލުފުޅުވެވަޑައިގެންފައި ވިދާޅުވިއެވެ. "ތިޔަބައިމީހުން މިމަގަކީވެސް ހަނގުރާމައިގެ މައިދާނެއްކަމުގައި ހީކުރާނެކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. އަހަރެން ބޭނުމީ އަހަރެންގެ ބޭބޭފުޅުގެ ޚަބަރު އޮޅުންފިލުވާށެވެ."

ސަވާރު އެއްވެސް ޖަވާބެއްނުދީ އަސް އަނބުރައިލައިފިއެވެ. ماه بانو އަވަސްއަވަހަށް ކުރިޔަށްވަޑައިގެން ހަޅޭފުޅުލައްވަވާން ފައްޓަވައިފިއެވެ. "މަޑުކޮށްބަލާށެވެ! އަހަންނަކީ ޒަރުބަޚުތުގެ ކޮއްކޮއެވެ." ނަމަވެސް އެސަވާރު ހުއްޓުމުގެ ނުވަތަ އެނބުރި ބަލައިލުމުގެ ބަދަލުގައި އަހުގެ ދުވެލި ބާރުކޮށްލައިފިއެވެ.

މަގުގެ ކައިރީގައި ހައެއްކަ ހަތެއްކަ މީހުން އެދެބޭފުޅުންނާ ދިމާޔަށް ބަލަބަލައި ތިއްބެވެ. އޭގެތެރެއިން އެކަކީ އިސްކޮޅު ދިގު ބިޔަ މީހެކެވެ. ކަޅު މީހެކެވެ. އޭނާގެ ލޮލުން ވަޙުޝީކަން ފާޅުވޭވެ ހުއްޓެވެ. އޭނާ އެބޭފުޅުންގެ އަރިހަށް އައިސް ماه بانو އާ މުޚާޠަބު ކުރިއެވެ. "ކަމަނާއަކީ ފުރޭބުރުޒުގެ މާފަދަރިކަނބަލުންތޯއެވެ؟"

ماه بانو ހުންނެވީ އޭނާގެ ސިފައާއި ހެދުން ފެނިވަޑައިގަތުމުންވެސް ފޫހިފުޅުވެފައެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އެމީހާ يـاسمـين އާ ދިމާޔަށް އެނބުރިއްޖެއެވެ. "ފުރޭބުރުޒުގެ މާފަދަރިކަނބަލަކީ ކަމަނާއެވެ."

يـاسمـين ވެސް ޖަވާބެއް ނުދެއްވިއެވެ. އޭނާ ماه بانو އާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އެހައިތަނުން އެހެން އެތައްބަޔަކުވެސް މަގު ހުރަސްކޮށްފައި އެބޭފުޅުންގެ އަރިހަށް ޖަމާވެއްޖެއެވެ. އެބޭފުޅުންނާ ދިމާޔަށް ލޯބޮޑުކޮށްގެން ބަލާންފަށައިފިއެވެ. އެބޭފުޅުން ކަންބޮޑުވެވަޑައިގެން ދޮރޯއްޓާ ކައިރިޔަށް ޖެހިވަޑައިގެންފިއެވެ. ހަތިޔާރުއެޅި ތިން ނޯކަރުން އެބޭފުޅުންނާއި އެމީހުންތަކާ ދެމެދަށް ހުރަސްއަޅައިފިއެވެ. އޭގެތެރެއިން އެއް ނޯކަރެއް ރުޅިއައިސްފައި އެމީހުނާ ސުވާލުކުރިއެވެ.

"ކަލެޔަކީ ކާކުހެއްޔެވެ؟ ތިޔަ އުޅެނީ ކީއްކުރަންހެއްޔެވެ؟"

ކަޅުމީހާ ޖަވާބުދިނެވެ. "އަޅުގަނޑުމެންނަކީ ކުލީ މީހުންނެވެ. އަޅުގަނޑުމެން ހީކުރީ ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ބޭނުންފުޅުވާނެ ކަމުގައެވެ. ރަށް ހުސްވަނީއެވެ. ތިޔަބޭފުޅުން އެއެއްޗެހިކޮޅު ކޯރުގެ އައްސޭރިޔަށް ގެންދަވަން އަޅުގަނޑު ވިހިމީހުން ހޯދައިދީފާނަމެވެ."

ماه بانو ހަޅޭފުޅު ލައްވައިގެންނެވިއެވެ. "މިތަނުން ދާންއުޅޭށެވެ. އަހަރެމެން ތިޔަބައިމީހުންނަކަށް ބޭނުމެއް ނޫނެވެ."

ކަޅުމީހާ އޭނާގެ މީހުންނަށް އިޝާރަތް ކޮށްލިއެވެ. އެމީހުން ދުރަށް ހިނގައްޖެއެވެ.

ޚާދިމުންކުރެ އެކެއް ފަހަތަށް އެނބުރިފައި يـاسمـين އާއި ماه بانو އާ ދިމާޔަށް ބަލައިލައިފައި ދެންނެވިއެވެ. ތިޔަބޭފުޅުން މިތާނގައި ތިއްބެވުން ރައްކާތެރިޔެއް ނޫނެވެ. ގޭތެރެޔަށް ވެދެވަޑައިގަންނަވާށެވެ."

"އެކަމަކު އެއީ ކާކުބާވައެވެ؟"

"އަޅުގަނޑަކަށްވެސް ނޭނގެއެވެ. މީގެ ކުރިޔަކުން އަޅުގަނޑުވެސް އޭނާއެއް ނުދެކެމެވެ."

"އެ ކަޅުމީހާގެ ސިފަ ކިހައި ބިރުވެރިހެއްޔެވެ؟ ހީވަނީ އެއީ ސިކުނޑި ހަމަނޫން މީހަކުހެންނެވެ. އެކަމަކު މިއީ يـاسمـين ގެ މާފާފުޅުގެ ގެކަން އޭނާޔަށް އެނގެއެވެ."

ދެވަނަ ނޯކަރު ބުންޏެވެ. "ކާއޫސު އެބައާދެއެވެ."

ދެބޭފުޅުން މަގުމަތި ބައްލަވަން ފައްޓަވައިފިއެވެ. ކާއޫސު މާނޭވާލަމުން އެބޭފުޅުންގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ މަޑުކޮށްލުމެއްނެތި ވާހަކަދައްކާން ފަށައިފިއެވެ. "ޒަރުބަޚުތަކާ ބައްދަލެއް ނުވިއެވެ. މިހާރު ރަށުގެ ދޮރުވަނީ ބަންދުކޮށްފައެވެ. ޢަސްކަރީ މަރުކަޒު ހުސްކުރަމުން އެބަދެއެވެ. ފާޖު މަދާއިނަށް (އިރުމަތީ މަދާއިނަށް) ދަނީއެވެ."

"އަޅުގަނޑު ޢަސްކަރީ މަރުކަޒަށް ދިޔައިރު އެތާނގައި ތިބީ ޒަޚަމުވެފައިތިބި މަދު ބައެކެވެ. ދެންތިބި މީހުންވަނީ ކޯރުގެ އަނެއްފަރާތަށް ގެންގޮސްފައެވެ. އޮފިސަރަކު އަޅުގަނޑު ގާތުގައި ވިދާޅުވިގޮތުގައި ޒަޚަމީންގެ ތެރެއިން ޢަސްކަރީ މަރުކަޒަށް ގެނެވުނީ އާއްމު ސިފައިންނެވެ. އޮފިސަރުންގެ ތެރެއިން ޒަޚަމުވެވަޑައިގެންނެވި ބޭފުޅުން ގެންދެވުނީ ކިއްލާއަށެވެ. އަޅުގަނޑަށް ކިއްލާއާ ހަމަޔަށް ދެވުނުއިރު ކިއްލާގެ ދޮރުވެސް ހުރީ ބަންދުކޮށްފައެވެ. ކިއްލާގެ ބުރުޖުގައި ހުރި ފާރަވެރިޔަކު ބުނިގޮތުގައި ކިއްލާއާއި ބެހެރާޝޭރުގެ ޝާހީ ގަނޑުވަރު މިހާރުވަނީ ހުސްކޮށްފައެވެ. އެތަނަށް ގެންދެވުނު ޒަޚަމީން މިހާރުވަނީ މަދާއިނަށް (އިރުމަތީ މަދާއިނަށް) ގެންގޮސްފައެވެ.

ދަރިފުޅާއެވެ. ބޭބޭފުޅުވާނީ ޒަޚަމުވެވަޑައިގެންނެވީ ކަމުގައެވެ. މިހާރު ވާނީ މަދާއިނުގައެވެ. ތިޔަބޭފުޅުން ހިތްވަރު ކުރައްވާށެވެ."

يـاسمـين ވިދާޅުވިއެވެ. "އޭނާ ސަވާރުންނާއެކު ވަޑައިގެންނެވީކަމުގައި ވެދާނެއެވެ. ކާއޫސު ބޭބެއަށް ފެނިނުލެއްވީއެވެ."

ماه بانو ކަރުނަ ފޮއްސަވަމުން ވިދާޅުވިއެވެ. "އެއްވެސްމީހަކު އަޅުގަނޑަށް ޚަބަރެއް ނުފޮނުވީ ކީއްވެގެންބާވައެވެ. އަޅުގަނޑުގެ ބޭބެ ޒަޚަމުވެވަޑައިނުގެން ސަލާމަތުން ހުންނެވިނަމަ މިހާއިރުވާއިރު ވަޑައިނުގަންނަވައެއް ނުހުންނަވާނެއެވެ."

"ދަރިފުޅާއެވެ. ރަށް ހުސްކުރަނީއެވެ. ފާޖު ހިނގައްޖެއެވެ. މިކަހަލަ ހާސްކަމެއްގެ ތެރޭގައި އެކަކު އަނެކަކާ ދޭތެރެޔަކު ވިސްނައެއް ނުލެވޭނެއެވެ. ކޯރުގެ ފާލަންމަތީގައިވެސް މީހުން ގިނަކަމުން ތުއްތުކުދީންނާއި މުސްކުޅީންގެވެސް އެތައްބަޔަކުވަނީ މީހުންގެ ފައިދަށުވެ މަރުވެފައެވެ. އަޅުގަނޑު މިއައިއިރު ކޮލިކަލޭގެ އިޢުލާނު އެބަކުރެއެވެ. އިރުއޮއްސުމުގެ ކުރީން މުޅި ރަށް ހުސްކުރާށެވެ. މިއީ ޝަހެންޝާހުގެ އަމުރުފުޅެވެ. އެކަމަކު މިޙާލަތުގައި ތިޔަބޭފުޅުންނަކަށް ފާލަމާ ހަމަޔަކަށް ވަޑައެއް ނުގެންނެވޭނެއެވެ."

"ދަރިފުޅާއެވެ. ގޭތެރެޔަށް ހިންގަވާށެވެ. ދުޢާކުރައްވަމުން ގެންދަވާށެވެ. އަޅުގަނޑު މިދަނީ މަދާއިނަށެވެ. އޭނާ މަދާއިނަށް ގެންދެވުނުކަމުގައިވާނަމަ އަޅުގަނޑު އޭނާ ހޯދާކަށެއް ގިނައިރެއް ނުކުރާނަމެވެ. ފާލަންމަތީގައި މީހުން މާގިނަކަމުގައިވާނަމަ އަޅުގަނޑު ފަތައިފައިވެސް ކޯރު ހުރަސްކޮށްފާނަމެވެ."

"ވަރަށް ރަނގަޅެވެ. ބޮޑުބޭބެ އަހެއް ގެންދާށެވެ. ވީހައިވެސް އަވަހަކަށް އެނބުރި އާދެވޭތޯ މަސައްކަތް ކުރާށެވެ."

"ދަރިފުޅާއެވެ. މިހައި މީހުން ގިނައިރަކު އަހުގެ ބޭނުމެއް ނުކުރެވޭނެއެވެ."

+ + + + +

ماه بانو އާއި يـاسمـين އާ ދެބޭފުޅުން އެއްގަޑިއިރުފަހުން އަނެއްކާވެސް ތިއްބެވީ ދޮރޯށީގެ ހާމަ ފުރާޅުމަތީގައެވެ. އެބޭފުޅުން މަގުމަތި ބައްލަވަނީއެވެ. ދޮރާށީގައި ޚާދިމެއް ހުއްޓެވެ. ވަރަށްބާރަށް އަންނަ އަސްވާރެއްގެ އަހުގެ ފިޔަވަޅުގެ އަޑުއިވޭން ފަށައިފިއެވެ. ޚާދިމު ވަރަށްބާރަށް ގޮވައިލިއެވެ. "ދަރިފުޅާއެވެ! އާދުމާނު އެބަވަޑައިގަންނަވައެވެ."

ދެބޭފުޅުން ވަރަށް ހަލުއިކޮށް ފައިބައިވަޑައިގެން މަގުމައްޗަށް ނުކުމެވަޑައިގެންފިއެވެ. އާދުމާން އަސް މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. ކަލާގެ ބޭބޭފުޅު ކޯރުގެ އެފަރާތުގައި ކަލާއަށް އެބައިންތިޒާރު ކުރައްވައެވެ. އޭނާ ވަނީ ޒަޚަމުވެފައެވެ. އޭނާ އަހަށް ލައިގެން ކިއްލާއަށް ގެންދިޔައީ އަޅުގަނޑެވެ. އެތަނުން އަމުރު އައީ ޒަޚަމީން އަވަހަށް މަދާއިނަށް ގެންދިޔުމަށެވެ. ކަލާ ކަންބޮޑުވެވަޑައިނުގަންނަވާށެވެ. މިހާރު އޭނާ ހޭފުޅު އަރައިފިއެވެ. ބޭސްވެރީން ބުނުއްވާ ގޮތުގައި އޭނާގެ ފުރާނަފުޅަކަށް ނުރައްކަލެއް ނެތެވެ.

އޭނާ ޒަޚަމުވެވަޑައިގެންނެވުމުންވެސް ފަހަތަކަށް ޖެހިވަޑައެއް ނުގެންނެވިއެވެ. ދުނީގެ ވާރޭގެ ތެރޭގައި ވަޑައިގެންނެވީ ހައްތާވެސް ކުރިޔަށެވެ. އެކަމަކު އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން އޭނާގެ އަސް ޒަޚަމުވެގެން ވެއްޓިއްޖެއެވެ. އެއާއެކު ލިބިވަޑައިގެންނެވި ހާނީއްކައިގައި އޭނާގެ ހޭފުޅު ނެތިއްޖެއެވެ. އަޅުގަނޑު މިއައީވެސް އޭނާގެ ހާލުކޮޅު ދެކެފައެވެ.

ماه بانو ޝަކުވާގެ ރާގުގައި ވިދާޅުވިއެވެ. "ކަލާ އޭނާ ކިއްލާއަށް ގެންދެވުމުގެ ބަދަލުގައި މިގެޔަށް ނުގެންނެވީ ކީއްވެތޯއެވެ؟"

އެންމެ މޮޅު ކަނޑިފާރު ބޭސްވެރީންނާއި ޙަކީމުން ތިއްބެވީ ކިއްލާގައެވެ. ކަލާގެ ބޭބޭފުޅު ފިލައިވަޑައިގެން ވަޑައިގަތީކީ ނޫންކަމާއި ޒަޚަމުވެވަޑައިގެން ހޭފުޅުނެތިފައި އޮންނަވަނިކޮށް މައިދާނުން ނަގައިގަނެގެން ގެނެވުނީކަން ޝަހެންޝާހަށް ޔަގީންފުޅުކޮށް އެރުވުމަކީވެސް އަޅުގަނޑުގެ މަޤުޞަދެކެވެ."

"ކަލާ އަޅުގަނޑުމެންނަށް އަންގައިނުލެއްވީ ކީއްވެގެންތޯއެވެ؟"

"އޭނާ ހޭފުޅުނެތިފައި އޮންނަވަނިކޮށް ތިޔަބޭފުޅުން ފިކުރުފުޅު ބޮޑުވާނެގޮތް ހަދަން އަޅުގަނޑަށް ނުފެނުނީއެވެ. އަޅުގަނޑު ބޭނުންވީ އެންމެފުރަތަމަ އޭނާގެ ހާލުކޮޅާމެދު ހިތްހަމަޖެހުން ލިބިގަތުމަށެވެ. އަނެއްކޮޅުން ކިއްލާގެ ދޮރުވެސް ހުރީ ބޭރުމީހުނަށް ބަންދުކޮށްފައެވެ. އެއްވެސް ޒަޚަމީއެއްގެ ގާތްތިމާގެފުޅު ބޭފުޅުންނަކަށް އެތެރެޔަށް ވެދެވަޑައިގެންނެވުމުގެ ހުއްދައެއް ނެތެވެ. އޭނާ އިރުކޮޅަކަށް ހޭފުޅު އެރިއެވެ. އެކަމަކު އޭނާގެ ޒަޚަމު ފިއްސުމުން ދެވަނަފަހަރަށް ހޭފުޅުނެތިއްޖެއެވެ. އެހައިތަނުން ޝަހެންޝާހުގެ އަމުރުފުޅު އައީ ޒަޚަމީން މަދާއިނަށް ބަދަލުކުރުމަށެވެ.

(ނުނިމޭ)