ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ މީހުންގެ ތެރެއިން މި ސަރުކާރުން އިއުލާންކުރާ ލިސްޓުން ނަން އުނިކޮށްފައިވާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް އިކުއިޓީ ޗެމްބާޒް އިން ބުނެފިއެވެ.
އިކުއިޓީ ޗެމްބާޒް އަކީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވެސް ހިމެނިވަޑައިގަންނަވާ ލޯ ފާމެކެވެ.
އެ ލޯ ފާމުން މިއަދު ކުރި އިއުލާނެއްގައި ބުނީ "ހިޔާ" މަޝްރޫއުގެ ފްލެޓުތަކަށް ޝަރުތު ހަމަވެ، ފްލެޓު ލިބުނުކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކާއި ފްލެޓް ލިބުނުކަމަށް ޝަރުތު ހަމަވެ، ނަން ގެޒެޓުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ބޭއިންސާފުން އެ ލިސްޓުތަކުން އުނިކުރާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް އެ ލޯފާމުގެ ފަރާތުން ހިލޭ ސާބަހަށް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލްކުރުން އެދޭ ކަމަށެވެ.
ހިޔާ މަޝްރޫއުގެ މައްސަލަ ބަލާ ފްލެޓް ކޮމިޓީން ބުނީ، ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންއަށް ޝަރުތު ހަމަވާ ފަރާތްތަކަކީ 50 ޕަސެންޓް މާކްސް ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ކަމަށެވެ. އެގޮތުން އެ ކޮމިޓީން ވަނީ ޝަރުތު ހަމަނުވާ 111 މީހަކު ޑިސްކޮލިފައި ކުރުމަށް ފަހު ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު