ރާއްޖޭގެ ބިންތައް ޕްލޭންކޮށް ތަރައްގީ ކުރުމަށް، ކަނޑަ އަޅައި ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން އެކުލަވާލާފައިވާ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މެންބަރު އަފީފު ވިދާޅުވީ މި ބިލުގެ ބޭނުމަކީ ރާއްޖޭގެ ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް މަގުފަހި ކުރުމަށްޓަކައި، ރާއްޖޭގައި ބިމުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގަައި، ޕްލޭންކޮށް ތަރައްގީ ކުރުމުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ތަރައްގީ ކުރުމަށް މަގުފަހިވާނެ ގޮތަށް، ސިޓީ އާއި ރަށްރަށުގެ ބިނާވެށި، ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތަކާއި ހާއްސަ ސިނާއީ މަސައްކަތްތަކާ ގުޅޭގޮތުން ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ގާނޫނަކުން ކަނަޑައެޅުން ކަމަށެވެ.
ބިނާވެއްޓާ ގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ހިންގައި ބިން ބޭނުން ކުރާނެގޮތުގެ ޕްލޭންތައް އެކުލަވައިލުމާއި، ބިން ތަރައްގީ ކުރުމުގެ ހުއްދަ ދޫކުރުމާއި އެފަދަ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ބިން ތަރައްގީ ކުރާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުންވެސް ހިމެނެއެވެ.
މި ބިލުގައިވާގޮތުން މިގާނޫނަށް އަމަކު ކުރަން ފެށުމާއެކު ރާއްޖޭގެ ހުރިހާ ބިމެއް ތަރައްގީކުރާނެ ގޮތް ހިމެނޭ ބިނާވެށި ޕްލޭންކުރުމާއި ހިންގުމާއި ގައުމީ ސިޔާސަތުތައް ތަންފީޒު ކުރުމާއި މި ގާނޫނު ތަންފީޒުކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ނެޝަނަލް ޕްލޭނިން އޮތޯރިޓީ އުފެދުނީއެވެ.
އެ އޮތޯރިޓީގެ މަގުސަދަކީ ރާއްޖޭގައި އިގުތިސޯދީ އިޖުތިމާއީ، އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބިން ޕްލޭންކޮށް ތަރައްގީކޮށް، ބެލެހެއްޓޭނެ ފަދައަކުން ބިނާވެށި ޕްލޭން ކުރުމަށް މަގުފަހި ކުރުމެވެ.
ބިނާވެށި ޕްލޭން ކޮށް ހިންގުމާބެހޭ ކަންކަމާގުޅޭގޮތުން އެ އޮތޯރިޓީއަށް ލަފާދިނުމަށް ޕްލޭނިން އެސެސްމެންޓް ކޮމިޓީއެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި އެކުލަވައިލަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި ބިލުގައިވާގޮތުން ރާއްޖޭގައި ބިމެއް ތަރައްގީ ކުރެވޭނީ ހުއްދަ ހޯދުމަށްފަހުގައެވެ. އެ ހުއްދައަށް އެދި ހުށަހަޅާނީ ސިޓީއެއްގައި ނަމަ ސިޓީކައުންސިލަށް، ރަށެއްގައިނަމަ އެ ރަށެއް ނިސްބަތްވާ ރަށު ކައުންސިލަށް ކަމަށްވެސް ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް