"އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސް" އުފައްދައި، އެތަނުންދޭ ލައިސަންސެއް އޮވެގެންނޫނީ، އޮޑިޓް ނުކުރެވޭ ގޮތަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލަކީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގައި ބުނެފައި ވަނީ މިއީ ރާއްޖޭގެ އެކައުންޓެންސީގެ ފަންނާ ގުޅޭ ކަންކަން ބައިނަލް އަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ތަންޒީމުކޮށް ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީގެ ފަންނެއް ގާއިމްކޮށް އެ ފަންނު ކުރިއެެރުވުމަށް މަގުފަހި ކުރުމަށް "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ގާނޫނީ ޝަހުސެއް އުފެއްދުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.

މި ބިލުން އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި އެކި ގިންތީގެ މެންބަރުންގެ ޝަރުތު ތަކާއި އެ މެންބަރުން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި ހަމަތަކާއި އެނޫންވެސް ކަންކަމާގުޅޭ އުސޫލުތައް ކަނޑައަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގެ މަގުސަދެއް ކަމަށް ބުނެފައި ވަނީ އެކައުންޓެންސީ ފަންނު ރެގިއުލޭޓް ކޮށް ކުރިއަރުވަން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ. އަދި އެކަމާ ގުޅޭ ހުރިހާ ކަމެއް ބިލުގައި ހިިމަނާފައި ވެއެވެ.

ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސް ގެ ހިދުމަތް ދިނުމަށްޓަކައި ދޫކުރަން ޖެހޭ ހުއްދަތައް ދޫކުރެވޭނެ އިންތިޒާމު އިންސްޓިޓިއުޓުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި އިންސްޓިޓިއުޓުން އެކަމުގެ ހުއްދަތައް ދޫކުރަން ފެށުމަށްފަހު އެ ހުއްދައާ ނުލައި ރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސްގެ ހިދުމަތް ދީގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ބިލުގައި ބުނެފައި ވަނީ މިގާނޫނުގެ ދަށުން ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސްގެ ހިދުމަތް ދޭ ފަރާތްތަކަށް ކިޔާނީ ލައިސަންސް އޮޑިޓަރުން ކަމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް އިންސްޓިޓިއުޓްގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ފަރާތެއް އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނަމަ، ނުވަތަ ގިންތި ކޮށްފައި ވާނަމަ އެ ތާރީހުން ފެށިގެން އެފަދަ ރަޖިސްޓްރީ ކުރުމެއް ބާތިލުވާނެއެވެ. އަދި އެ މުއްދަތަށްފަހު އޮޑިޓާ ޖެނެރަލްގެ ފަރާތުން ދޫކޮށްފައިވާ އޮޑިޓްގެ މަސައްކަތް ކުރުމުގެ ހުއްދަ ވެސް ބާތިލްވާނެއެވެ.

"އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ހިންގުމަށް ނުވަ މެންބަރުން ހިމެނޭ ކައުންސިލެއް އުފެއްދުމަށް ވެސް ބިލުގައި ހިމަނާފައި ވެއެވެ.

މި ކައުންސިލްގައި ހިމެނޭނީ އިންސްޓިޓިއުޓްގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންނާއި އޮޑިޓާ ޖެނެރަލް އާއި ފައިނޭޝަލް ކޮންޓްރޯލާ އެވެ.

މި ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް ހޮވާނީ ކައުންސިލް މެންބަރުންގެ ތެރެއިން އެ މަގާމުތަކަށް ވާދަކުރާ މެންބަރުގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.