އެޗްއީއޯސީ

ކޮވިޑްގެ ހާލަތު އޮތީ ލެވެލް ނުވައެއްގައި، ދިހައަކަށް އަރައިފިނަމަ ލޮކްޑައުން ކުރަން ޖެހިދާނެ: ޑރ. ޝަހީދު

އަލީ ޔާމިން

ކޮވިޑް 19 ރާއްޖޭގެ ލެވެލް މިދިޔަ ހަފުތާގައި އޮތީ ނުވަ ވަނައިގައި ކަމަށާއި ދިހައަކަށް އަކަށް އަރައިފިނަމަ، ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަނީ ވަކި ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ސްކޯރިން ސިސްޓަމަކަށް ބަލައިގެން ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި ވަރަށް ބޮޑަށް އިތުރުވި ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ މިދިޔަ ހަފުތާގައި އޮތީ ލެވެލް ނުވައެއްގައި ކަމަށާއި ލެވެލް ދިހައަކަށް އެރުމުން ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ލޮކްޑައުނެއް ގެންނަން ޖެހިދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ ސްކޯރިން ސިސްޓަމުން ވެއްޖިއްޔާ ދިހައަކަށް އަރައިފިއްޔާ އޭގެ މާނައަކީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއޭ. އޭގެ ތެރޭގައި ލޮކްޑައުންއެއް ވެސް ގެންނަން ޖެހިދާނެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހާލަތު ވަރަށް ގޯހޭ. މިދިޔަ ހަފުތާގެ ސްކޯ މި އޮތީ ނުވައެއްގައި." ޝަހީދު ވިދާޅުވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ، ސްކޯ ލެވެލް ކަނޑައެޅުމުގައި ބަލާނީ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވް ވާ މީހުންގެ ނިސްބަތާއި ހޮސްޕިޓަލްތަކުގައި އެޑްމިިޓް ކޮށްގެން ފަރުވާ ދޭން އެނދުތައް ބޭނުން ކުރެވޭ އަދަދާއި ޕޮޒިޓިވް ވާ ޖުމްލަ އަދަދު ދެ ގުނައަށް އިތުރުވާން ނަގާ މުއްދަތުގެ އިތުރުން އެއްވެސް ކްލަސްޓާއަކާ ގުޅުން ނެތް ކޭސްތަކާއި މަރުވާ މީހުންގެ އަދަދަށް ކަމަށެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، ލޮކްޑައުން އެއީ އެންމެ ފަހުގެ ފިޔަވަޅުކަމަށާއި ނަމަވެސް ލޮކްޑައުނަކަށް ނުގޮސްވޭތޯ ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.

ކޮވިޑް 19އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު އިތުރުވެ، 7،000 ފަހަނަ އަޅައި ގޮސްފައިވާއިރު އެ ބަލީގައި މަރުވި މީިހުންގެ އަދަދު ވެސް 28 އަށް ވަނީ އަރައިފަ އެވެ.