މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށް ބަލި ފެތުރިފައިވާ ކަމަށާއި އެންމެ ގިނައީ މާފަންނުގައި ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ، މާލޭގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއްގައި ކޮވިޑް ފެތުރިފައިވާ ކަމަށާއި ވަކިން ހާއްސަކޮށް މާފަންނުން ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

"މާފަންނު ސަރަހައްދުން ކޭސްތައް ފެންނަލެއް ނުވަތަ ބަލި ފެތުރިފައިވާ މިންވަރު އިތުރު،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، ޖުލައި މަހާ އަޅާ ބަލާއިރު މިމަހުގެ ތެރޭގައި ކޮވިޑްގެ ކޭސްތައް ފެންނަ ނިސްބަތް މަތި ކަމަށެވެ. އަދި ހުޅުމާލޭގެ ބޮޑު ސަރަހައްދަކަށްވެސް ކޮވިޑް ފެތުރިފައިވާ ކަމަށާއި ނަމަވެސް ވިލިމާލެއިން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އުޅެނީ ތަންކޮޅެއް ދަށްކޮށް ކަމަށް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު، ޑރ. ޝަހީދު ވިދާޅުވީ އެއް ގެއެއްގެ ތެރެއިން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރުވެސް އިތުރުވަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.