ކޮވިޑަށް ޕޮޒިޓިވް ނުވަ މީހަކު އައިސީޔޫގައި ކަމަށާއި ފަސް މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ކޮވިޑަށް ޕޮޒިޓިވް 173 މީހަކު ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.
"މިވަގުތު 173 ފަރާތެއް ވަނީ ހޮސްޕިޓަލައިޒް ވެފައި. މީގެ ތެރޭގައި ނުވަ މީހަކީ އައިސީޔޫގައިވާ ފަރާތްތަކެއް. އަދި އޭގެ ތެރެއިން ވެސް ފަސް މީހަކު މިވަނީ ވެންޓިލޭޓަރާ ގުޅާފައި،" އޭނާ ވިދާޅުވިއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 135 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 7047 އަށް އަރައިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 109 ދިވެއްސަކާއި ބަންގުލަދޭޝްގެ 15 މީހަކާއި އިންޑިއާގެ އަށް މީހަކާއި މިސްރުގެ ދެ މީހަކާއި ނޭޕާލުގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 142 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 4439 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2580 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހަކު ވަނީ މަރުވެފައެވެ. އެއީ 22 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު