ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު ފެއިލިއާއަކީ ލީޑަޝިޕާއި އެޑްމިނިސްޓްރޭޝަންގެ އެއްވެސް ކަންފުޅެއް ނެތް ބަޔަކަށްވުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށް ރުހުން ހޯދުމަށް ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް ނާހައި ކޮމިޓީއަށް އަނބުރާ ފޮނުވާލައިފައިވާ އިރު، އެކަމާ ގުޅިގެން އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރަށް ކޮވިޑްގެ ހާލަތު މެނޭޖު ނުކުރެވުނީވެސް އެޑްމިނިސްޓްރޭޝަނާއި ލީޑާޝިޕް ފެއިލްވުމުން ކަމަށެވެ. އަދި މިނިސްޓަރަކު އައްޔަނުކުރާއިރު ބަލަން ޖެހޭ ކަންކަމަށް މި ސަރުކާރުން ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިސްޓަރަކު އައްޔަނުކުރާއިރު ބަލަންވާ ވަރަށް ނުބަލާ! އެންމެ ފަހުން މިނިސްޓަރު ކަމުގައި ނިންމި ނިންމުންތަކަށް ވާނީ ކިހިނެއް؟،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ ސަރުކާރު މަސްއުލިއްޔަތު އަދާ ކުރާ ކޮމިޓީން ދިރާސާކޮށް ފާސްކޮށްފައިވަނީ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރުމަށް ރުހުން ދޭން ފެންނަ ކަމަށެވެ. މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް ނާހައި މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ މަގާމުގެ ހުވާ ކުރެއްވި އިރު، ޓްރާސްމީޑިއާ ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި އޭނާ ހުންނެވުމުންނެވެ. އެހެންކަމުން މައުސޫމްގެ ހުވާގެ ސައްހަމަކާ މެދު ބައެއް މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެން ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ބައިވެރިވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާ އަދާކޮށްގެން ނުވާނެއެވެ.

މީގެ އިތުރުން ދައުލަތުގެ ބިން ގަނެ ކުއްޔަށް ހިފުމާއި އެހެން ފަރާތަކާ ކުރެވޭ މުއާމަލާތެއްގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މާލީ މަސްލަހަތު ބާއްވައިގެން ނުވާނެ ކަމަށްވެސް ގާނޫނުގައިވެއެވެ.