ރޮނާލްޑީނިއޯ

ވަގު ޕާސްޕޯޓުގެ މައްސަލައަށްފަހު ރޮނާލްޑީނިއޯއަށް އެނބުރި ބްރެޒިލަށް ދިއުމުގެ ހުއްދަ ދީފި

ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވާން މަސައްކަތްކުރި މައްސަލައަށްފަހު ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑީނިއޯއަށް އެނބުރި ގައުމަށް ދާން ހުއްދަ ދީފިއެވެ.

ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވާން މަސައްކަތްކުރި މައްސަލައިގައި އުމުރުން 40 އަހަރުގެ ރޮނާލްޑޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

އެ މައްސަލައިގައި ރޮނާލްޑޯ އާއި އޭނާގެ ބޭބެ ވަނީ 32 ދުވަސް ޖަލުގައި ހޭދަކޮށްފައެވެ. ނަމަވެސް 1.6 މިލިއަން ޑޮލަރު ދެއްކުމުން އެމީހުން ވަނީ ޖަލުން ދޫކޮށްލައިފައެވެ. އަދި ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމުން މިދިޔަ ދުވަސްތަކުގައި އެމީހުން ތިބީ ގޭބަންދުގައެވެ. އެމީހުން ގޭބަންދުގައި ހުރީ ހޮޓަލެއްގައެވެ.

އެ މައްސަލަ ކޯޓުން ސާބިތުވި ނަމަ، ރޮނާލްޑޯ އާއި އޭނާގެ ބޭބެއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް އެމީހުން ކުށަށް އިއުތިރާފުވެ، އެއްބަސްވުމެއްގެ ދަށުން ޖޫރިމަނާ ފައިސާ ދެއްކުމުން ލުއި ދޭން ވަނީ ނިންމައިފައެވެ.

ރޮނާލްޑީނިއޯގެ ބޭބެއަށް ކުށެއްގެ ގޮތުގައި ދެ އަހަރު ދުވަހަށް ބްރެޒިލުން ބޭރަށް ދަތުރުކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ. ނަމަވެސް ކަމާބަހޭ އިދާރާތަކަށް އެންގުމަށްފަހު ރޮނާލްޑީނިއޯއަށް އެހެން ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި ބުނީ އެ ދެ މީހުންގެ އަތުގައި އޮތީ ވަގު ޕާސްޕޯޓެއްކަން އެމީހުންނަށް ނޭނގޭ ކަމަށާއި ވަގު ޕާސްޕޯޓުގެ މައްސަލަ ތަހުގީގުކުރުމަށް އިދާރާތަކަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި ޖަލުގައި ހޭދަކުރަން ޖެހުނީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ރޮނާލްޑޯ ވަނީ ޖަލުގައި ބޭއްވި ފުޓުބޯޅަ މުބާރާތެއްގައި ވެސް ބައިވެރިވެފައެވެ. އެ މުބާރާތުގެ މެޗުތަކުގައި ރޮނާލްޑޯ ދެއްކި ކުޅުމުގެ ބައެއް ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ކުޅުމަށްފަހު ރޮނާލްޑޯގެ ފުޓުބޯޅަ ކެރިޔަރުގައި އެންމެ ބޮޑަށް ވިދާލީ 2003 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާއާ ގުޅުނު ފަހުންނެވެ. ރޮނާލްޑީނިއޯ 2008 ވަނަ އަހަރު އިޓަލީގެ އޭސީ މިލާނާ ގުޅުމުގެ ކުރިން އޭނާ ވަނީ ބާސާގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ރޮނާލްޑީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް ވެސް މޮޅު ކުޅުމެއް ދައްކައި، 2002ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2004 އަދި 2005 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ. އޭނާގެ ފުޓުބޯޅަ ކެރިޔަރު ނިންމައިލީ 2015 ވަނަ އަހަރު ބްރެޒިލްގެ ކްލަބު ފްލުމިނޭސް އިންނެވެ.