ބާސެލޯނާ އަދި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑީނިއޯގެ އިންސްޓާގްރާމްގައި އެކަން އިއުލާން ކޮށްފައިވާއިރު، ރޮނާލްޑީނިއޯ މިވަގުތު ހުރީ ބްރެޒިލްގެ ބެލޯ ހޮރިޒެންޓޭގައި ކަރަންޓީނު ވެގެންނެވެ. ރޮނާލްޑީނިއޯ އެ ސިޓީއަށް ގޮސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.
"އަހަރެން ކޮވިޑް 19ގެ ޓެސްޓް ހެދިއިރު ޕޮޒިޓިވް. އަހަރެންގެ ހާލު ރަނގަޅު. އެއްވެސް އަލާމާތެއް ނެތް. ކުރިއަށް އޮތް އިވެންޓަށް ދިޔުމުގައި ލަސްތަކެއް ދިމާވެދާނެ. އެކަމަކު ހުއްޓުމެއް ނާންނާނެ،" 1999 އިން 2013 ވަނަ އަހަރާ ދެމެދު ބްރެޒިލްއަށް 97 މެޗު ކުޅެފައިވާ ރޮނާލްޑީނިއޯ ބުނެފައި ވެއެވެ.
ރޮނާލްޑީނިއޯ އާއި ބޭބެ ރޮބާޓޯ އަސިސްއަށް މިދިޔަ ދުވަސްތަކުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައި ވެއެވެ. އެ ދެމީހުން ފޭކް ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވާން އުޅުމުން އެގައުމުގައި ހައްޔަރުކޮށް، ޖަލުގައިވެސް ދުވަސްތަކެއް ހޭދަކުރަން ޖެހިފައި ވެއެވެ. އެ މައްސަލައިގައި 32 ދުވަހު ޖަލުގައި ހޭދަކުރުމަށް ރޮނާލްޑީނިއޯ ގޭ ބަންދަށް ބަދަލުކުރީ އޭޕްރީލް މަހުގެ ތެރޭގައެވެ.
ރޮނާލްޑީނިއޯއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ތާރީހީ އެއް ޝަހުސިއްޔަތެވެ. 17 އަހަރު ދުވަހުގެ ކެރިއަރުގައި އޭނާ ވަނީ ގައުމީ ޓީމުގެ އިތުރުން ކްލަބު ލެވެލްގައިވެސް ތަފާތު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ބާސާގެ އިތުރުން ގްރެމިއޯ، ޕީއެސްޖީ، އޭސީ މިލާން، ފްލެމިންގޯގެ އިތުރުން ބްރެޒިލްގެ އިތުރު ކްލަބުތައް ކަމަށްވާ އެތުލެޓިކޯ މިނޭރޯ އަދި ފްލުމިނެންސް އަށްވެސް ރޮނާލްޑީނިއޯ ކުޅެފައި ވެއެވެ.
ރޮނާލްޑީނިއޯ ވަނީ ސްޕެއިން އާއި އިޓަލީގައި ލީގު ކާމިޔާބު ކޮށް، 2005-06 ވަނަ އަހަރުގެ ސީޒަންގައި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. ގައުމީ ޓީމާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، ރޮނާލްޑީނިއޯ ވަނީ ކޮޕާ އެމެރިކާގެ އިތުރުން ކޮންފެޑެރޭޝަން ކަޕް އަދި އޮލިމްޕިކް ބްރޯންޒް މެޑަލް ބްރެޒިލްއާއެކު ހޯދައިފައެވެ.
ދެ ފަހަރަށް ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑީނިއޯއަށް ވަނީ 2005 ވަނަ އަހަރުގެ ބެލޮންޑިއޯވެސް ލިބިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު