ދުނިޔެ ދުށް އެންމެ ހުނަރިވެރި އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ބްރެޒިލްގެ ރޮނާލްޑީނިއޯގެ ހާއްސަ ފުޓުބޯޅަ ކޭމްޕެއް ސޮނޭވާ ޖާނީގައި ބާއްވަން އިއުލާން ކޮށްފިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ސޮނޭވާ ޖާނީގައި ރޮނާލްޑީނިއޯގެ ކޭމްޕެއް އިއުލާން ކޮށްފައިވާއިރު، އެ ކޭމްޕް ކުރިއަށްދާނީ ރޮނާލްޑީނިއޯއާއެކު 90 މިނެޓުގެ ވަގުތު ކޮޅަކަށެވެ. ކޭމްޕްގައި ރޮނާލްޑީނިއޯއާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ދޭނެ އިރު، ރޮނާލްޑީނިއޯ ސޮއި ކޮށްފައިވާ ޖާޒީއެއް ކޮންމެ ކުއްޖަކަށްވެސް ލިބޭނެއެވެ.

ކޭމްޕް ބޮޑަށް ކުދިންނަށް އަމާޒުކޮށްފައިވާއިރު، ކޭމްޕުގައި ބައިވެރިވާ ފީއަކީ 1500 ޑޮލަރެވެ. ކުދިން ކޭމްޕްގައި ބައިވެރިވާ ފީ އެއްކޮށް އެހީގެ ގޮތުގައި ހޭދަކުރަން ސޮނޭވާ ޖާނީން ވަނީ ނިންމާފައަވެ.

ދުނިޔެ ދުށް އެންމެ ޝައުގުވެރި ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯއަކީ ކާމިޔާބު ކެރިއަރެއް ނިންމާާލާފައިވާ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށްވެސް 97 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ބްރެޒިލާއެކު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ގައުމީ ޓީމާއެކު ކޮޕާ އެމެރިކާ އަދި އޮލިމްޕިކް ރަން މެޑަލްއާއި ކޮންފެޑެރޭޝަންސް ކަޕްވެސް ކާމިޔާބު ކޮށްފައިވާ ރޮނާލްޑީނިއޯ ވަނީ ކްލަބު ފުޓުބޯޅައިގައިވެސް ވިދާލައިފާއެވެ.

ބާސެލޯނާއާ އެކު ސްޕެނިޝް ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ރޮނާލްޑީނިއޯ ހޯދާފައިވާއިރު، ރޮނާލްޑީނިއޯއަށް ވަނީ 2005 ވަނަ އަހަރު ބެލޮންޑިއޯވެސް ލިބިފައެވެ. ރޮނާލްޑީނިއޯގެ ކާމިޔާބު ކެރިއަރު ނިމިގެންދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. ފުޓުބޯޅައިގެ ބޭރުން ބައެއް މައްސަލަތައް ޖެހި ދާދި ފަހުން ޕާސްޕޯޓެއްގެ މައްސަލައިގައި ރޮނާލްޑީނިއޯ ވަނީ ޕެރަގުއޭ ޖަލަށްވެސް ލައިފައެވެ. އެފަހަރު ޖަލުން ނުކުމެ ރޮނާލްޑީނިއޯ ވަނީ މައާފަށް އެދި ކަންކަން އަނެއްކާވެސް ރަނގަޅު ކޮށްފައެވެ.