މިމަހު 18 ވަނަ ދުވަހު ސޮނޭވާ ޖާނީގައި ބާއްވަން ތާވަލުކޮށްފައިވާ ފުޓުބޯޅަ ކޭމްޕަށް ބްރެޒިލްގެ ލެޖެންޑް، ރޮނާލްޑީނިއޯ ރާއްޖެ އަތުވެއްޖެއެވެ.

ރޮނާލްޑީނިއޯގެ އިންސްޓާގްރާމް ސްޓޯރީއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާއްސަ މަރުހަބާއަކާއެކު، ސަގާފީ ހަދިޔާއެއް ރޮނާލްޑީނިއޯއަށް އަރުވާ މަންޒަރުގެ އިތުރުން މިނިސްޓަރު އަހުމަދު މަހުލޫފާ ބައްދަލުކޮށް، ޖާޒީއެއް ހަދިޔާ ކޮށްފައިވާ މަންޒަރުވެސް ލައްވާފައިވެއެވެ.

މިމަހުގެ 18 ވަނަ ދުވަހު ސޮނޭވާ ޖާނީގައި ރޮނާލްޑީނިއޯގެ ކޭމްޕެއް އިއުލާން ކޮށްފައިވާއިރު، އެ ކޭމްޕް ކުރިއަށްދާނީ ރޮނާލްޑީނިއޯއާއެކު 90 މިނެޓުގެ ވަގުތު ކޮޅަކަށެވެ. ކޭމްޕްގައި ރޮނާލްޑީނިއޯއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ދޭ އިރު، ރޮނާލްޑީނިއޯ ސޮއި ކޮށްފައިވާ ޖާޒީއެއް ކޮންމެ ކުއްޖަކަށްވެސް ލިބޭނެއެވެ.

ކޭމްޕް ބޮޑަށް ކުދިންނަށް އަމާޒުކޮށްފައިވާއިރު، ކޭމްޕުގައި ބައިވެރިވެވޭ ފީއަކީ 1500 ޑޮލަރެވެ. ކުދިން ކޭމްޕްގައި ބައިވެރިވާ ފީ އެއްކޮށް އެހީގެ ގޮތުގައި ހޭދަކުރަން ސޮނޭވާ ޖާނީން ވަނީ ނިންމާފައަވެ.

ދުނިޔެ ދުށް އެންމެ ޝައުގުވެރި ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯއަކީ ކާމިޔާބު ކެރިއަރެއް ނިންމާލާފައިވާ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށްވެސް 97 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ބްރެޒިލާއެކު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ގައުމީ ޓީމާއެކު ކޮޕާ އެމެރިކާ އަދި އޮލިމްޕިކް ރަން މެޑަލް އާއި ކޮންފެޑެރޭޝަންސް ކަޕްވެސް ކާމިޔާބު ކޮށްފައިވާ ރޮނާލްޑީނިއޯ ވަނީ ކްލަބު ފުޓުބޯޅައިގައިވެސް ވިދާލައިފާއެވެ.

ބާސެލޯނާއާ އެކު ސްޕެނިޝް ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ރޮނާލްޑީނިއޯ ހޯދާފައިވާއިރު، ރޮނާލްޑީނިއޯއަށް ވަނީ 2005 ވަނަ އަހަރު ބެލޮންޑިއޯވެސް ލިބިފައެވެ. ރޮނާލްޑީނިއޯގެ ކާމިޔާބު ކެރިއަރު ނިމިގެންދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. ފުޓުބޯޅައިގެ ބޭރުން ބައެއް މައްސަލަތައް ޖެހި ދާދި ފަހުން ޕާސްޕޯޓެއްގެ މައްސަލައިގައި ރޮނާލްޑީނިއޯ ވަނީ ޕެރަގުއޭ ޖަލަށްވެސް ލައިފައެވެ. އެފަހަރު ޖަލުން ނުކުމެ ރޮނާލްޑީނިއޯ ވަނީ މައާފަށް އެދި ކަންކަން އަނެއްކާވެސް ރަނގަޅު ކޮށްފައެވެ.