ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑެތި ތުހުމަތަކެއް ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ރައީސް މައުމޫންގެ ދަރިކަލުން އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންގެ ލޭ ކެކި، ރައީސް ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

ދެ ރައީސުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ފަށާފައި މިވަނީ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކަނޑައަޅަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ނަމަވެސް ޖާބިރުގެ އެ ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވައި ރައީސް މައުމޫނު ޓުވީޓު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްތަކުން ނިންމަވާފައިވަނީ ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށާއި އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް 2007 ވަނަ އަހަރު ނެގި ވޯޓް ވެސް ރައީސް މައުމޫން އޮޅުވާލެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމައެކަނި އޮޅުވައި ނުލަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިހާބެއް އޮޅުވާލި އިރު 2008ގެ އިންތިހާބު އޮޅުވައިނުލެވުނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވުމަށް އެދިވަޑައިގެން ރައީސް މައުމޫން ވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ރައީސް ނަޝީދު ބައްލަވާތީ ދެރަފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

ބައްޕާފުޅަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ރައީސް ނަޝީދަށް ރައްދު ދެއްވައި ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދޮގު ހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލެއް ނުކުރާނެ ކަމަށެވެ.

"ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އަނެއްކޮޅުން އޮޅުވާލީ ކަމަށް. އިސްތިއުފާ ދީފަ ބަޣާވާތެއް ކަމަށް. ވެރިކަން، މަޖިލިސް ހުރިހާ ބާރެއް ލިބި ނުހިންގުނީމަ ކުރީ ސަރުކާރު ނޫނީ ކޯލިޝަން. ދޮގު ހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލެއް ނުކުރާނެ،" ޣައްސާން ވިދާޅުވި އެވެ.