ރ. ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 81 އަހަރުގެ ފިރިހެނަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެމީހާގެ އިތުރުން ދުވާފަރުން މިއަދު ވަނީ ތިން އަހަރުގެ ފިރިހެން ކުއްޖަކާއި 55 އަހަރުގެ އަންހެނެއް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދު ވަނީ އަތޮޅުތަކުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ލ. ގަމުން އަށް އަހަރުގެ ފިރިހެން ކުއްޖަކާއި ތ. އޮމަދޫ އިން 11 އަހަރާއި ދެ އަހަރުގެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރ. ކިނޮޅަހުން 53 އަހަރުގެ ފިލިޕިންސް މީހަކާއި ކ. ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުން ދޫކޮށްލުމަށް ސާމްޕަލް ނެގި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް އަދި ސ. ހިތަދޫއިން 24 އަހަރުގެ ފިރިހެނަކު ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ބ. އޭދަފުށިން 48 އަހަރުގެ ފިރިހެނަކާއި ދ. ރިނބުދޫއިން އެއް މަހުގެ ކުއްޖަކާއެކު ފިރިހެނެކާއި ހަ އަހަރުގެ އަންހެން ކުއްޖަކާއި ދެ އަންހެނުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ފ. ދަރަނބޫދޫ އިން އިންޑިއާ މީހަކާއި ތ، އޮމަދޫއިން 28 އަހަރުގެ ފިރިހެނަކާއި އައްޑޫ ސިޓީން ތިން މީހެއްގެ އިތުރުން ފ. ބިލެއްދޫ އިން 11 އަހަރުގެ ފިރިހެން ކުއްޖެއް އަދި ކ. މާފުށިން 26 އަހަރުގެ އަންހެނަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މި ހުރިހާ މީހުންނަކީވެސް އެ ރަށްރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަރާތްތައް ކަމަށް އެޗްޕީއޭއިން ބުންޏެވެ.