ދ. ރިނބުދޫއިން އެއް މަހުގެ ކުއްޖަކާއެކު އާއިލާއެއްގެ ފަސް މެންބަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ފަސް މެންބަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާތިމް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ފިރިހެނެކާއި އަންހެން ދެކުދިންގެ އިތުރުން ދެ އަންހެނުން ކަމަށެވެ. އޭގެ ތެރޭގައި އެއް މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހާތިމް ވިދާޅުވީ، އެމީހުން ކަރަންޓީން ކޮށްފައި ތިބީ ކައުންސިލްގެ ފެސިލިޓީއެއްގައި ކަމަށާއި އެހެންކަމުން ރަށުގެ އެހެން ބަޔަކާ އެމީހުން ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ.

އެ ފަސް މީހުންގެ ސާމްޕަލްއާއެކު އެމީހުންނާ އެއް ފެސިލިޓީއެއްގައި ކަރަންޓީންވެގެން ތިބި އެ އާއިލާގެ އިތުރު ދެ އަންހެނުންގެ ސާމްޕަލްވެސް ނެގި ކަމަށާއި ނަމަވެސް އެމީހުންގެ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.

ދ. ރިނބުދޫއިން އެއް މަހުގެ ކުއްޖަކާއެކު އާއިލާއެއްގެ ފަސް މެންބަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ކ. ގުޅީގައި ދެ މަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.