ސިއްހީ ހިދުމަތްތެރިން ހަމައެކަނި ކޮވިޑް މެނޭޖްމަންޓަށް ހުސްވެވެން ނެތް ކަމަށާއި އާންމުންގެ ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގެ ފަރާތުން ޑރ. މުރާދު ވިދާޅުވީ ކޮވިޑް ފެތުރެން ފެށުމާއެކު ބަލި ކޮންޓްރޯލްކުރުމަށް ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރެވެމުންދިޔަ ކަމަށާއި ނަމަވެސް އެންމެ މުހިންމީ އިންސާނީ ވަސީލަތްތައް ކަމަށެވެ.

"އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަކީ އެއް މަހުން ދެ މަހުން ކުރެވޭނެ ކަމެއް ވެސް ނޫން. ކޭސްތައް އިތުރުވަމުންދާ ނަމަ، މިހާރު ތިބި މީހުންނަށް އެކަމުގެ ބުރަ ބޮޑުވެގެންދާނެ. ޕެންޑަމިކް މެނޭޖުކުރަމުންދާ އިރު، އަޅުގަނޑުމެން ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ކޮވިޑް މެނޭޖްމަންޓަށް ނުވަތަ ކޮވިޑުގެ ބަލި މީހުންނަށް ހުސްވެވޭކަށް ވެސް ނެތް. އެއް ބަޔަކު އެބަ ތިބެންޖެހޭ އެހެން ބަލި ބަލީގެ ބަލި މީހުންނަށް ފަރުވާދޭން ވެސް،" އޭނާ ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ ފެސިލިޓީތައް ހެދި ސާމާނުތައް ހޯދި ނަމަވެސް، އެ އެއްޗެހި ބޭނުންކުރަން ނުވަތަ ބަލިމީހާއަށް ފަރުވާދޭން ސިއްހީ އެހީތެރިން ނެތްކަމުގައިވަންޏާ އެ އެއްޗެހި އެތަނުގައި ހުރުމަކުން ބޭނުމެއް ނުފުދޭނެ ކަމަށެވެ. އަދި ބަލި ކޮންޓްރޯލުކުރުމަށް އާންމުންގެ ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.