ފްރަންޓްލައިނުގައި މަސައްކަތްކުރާ 121 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގެ ފަރާތުން ޑރ. މުރާދު ވިދާޅުވީ ސިއްހީ ހިދުމަތްދޭ، ސިއްހީ ހިދުމަތްތެރީންގެ ތެރެއިން ވެސް ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތަކެއް ވެސް ފާހަގަކުރެވެމުންދާ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތުގައި 121 ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތެއް މިހާރުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވޭ. އެހެންވީމާ ސިއްހީ ހިދުމަތްތެރިން ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން އެމީހުން އެކަހެރިކުރަން އެބަޖެހޭ. އެހެންވީމާ އެތަން ފޫބައްދަން އަނެއްކާވެސް އެހެން ބަޔަކު އެތަނަށް ގެންނަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ ކޮވިޑް 19ގެ ބަލި މީހުން މާލެ ސަރަހައްދުން ފެންނަން ފެށި ހިސާބުން ފެސިލިޓީތަކުގައި ވަރަށް ގިނަ ސިއްހީ ހިދުމަތްތެރިންތަކެއް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެއް ދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވަމުންދާ އިރު، ގިނަ ބަޔަކު ފެސިލިޓީތަކުގައި އެޑްމިޓްވަމުންދާ ކަމަށެވެ. އެހެންވުމުން އެތަންތަނުގައި ހިދުމަތް ދޭން ތިބި މީހުންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ނުވަތަ ވަރަށް ބޮޑު އުނދަގޫ ހާލަތްތަކަކަށް ވެގެންދާ ކަމަށް ވިދާޅުވިއެވެ.

"ސިއްހީ އެހީތެރިން ވެސް ޑޮކްޓަރުންނާއި ނަރުހުން ވެސް އެބަޖެހޭ ވަކި ކަންތައްތަކެއް ފޮލޯ ކުރަން މިކަހަލަ ބަލި މީހުން ކައިރީ މަސައްކަތްކުރާއިރު. ޕީޕީއީ އަޅައިގެން މަސައްކަތްކުރަން މި ޖެހެނީ. ޕީޕީއީ އަޅައިގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ، ސިއްހީ އެހީތެރިންނަށް ވެސް ވަރަށް އުނދަގޫ ކަމަކަށްވޭ އެ އެއްޗެހިތައް ލައިގެން ތިބެ ބަލި މީހުންނަށް ހިދުމަތްދިނުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން. އެހެންވީމާ ޑިއުޓީގައި އުޅޭ އިރުގައިވެސް ވަރަށް ފަސޭހައިން އެމީހުން ވެސް ވަރުބަލިވޭ. އަދި ޕީޕީއީ އަޅައިގެން ހުންނަ އިރުގައި އެއްވެސް އެއްޗެއް ނުކައި ނުވަތަ ފެން ފޮދެއް ވެސް ނުބޮވި ނުވަތަ ފާހަނާ ކުރާނެ ކަހަލަ ފަސޭހަ ގޮތެއް ވެސް ނެތި ވަރަށް ދަތި، އުނދަގޫ ގޮތަކަށް އެމީހުންގެ ޑިއުޓީތައް މި ހުންނަނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުރާދު އިތުރަށް ވިދާޅުވީ ކޭސްތަކެއް ގިނަވެގެންދާ އިރު، އެތަންތަނުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން ގިނަ ދުވަހެއް އެކަމުގެ ތެރޭގައި ވާން ވެއްޖެ ކަމަށް ވާނަމަ، ސިއްހީ އެހީތެރިން ވަރުބަލިވެ، އެކަމަށް ހުސްކުރަން ޖެހޭ ސިއްހީ އެހީތެރިންގެ ނަންބަރުތައް މަދުވަމުން ހިނގައިދާނެ ކަމަށެވެ.