ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ހެލްތު މިނިސްޓްރީން ހިންގާފައިވާ މުއާމަލާތްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ފާހަގަ ކޮށްފައިވާތީ، އެ މައްސަލަތައް ބެލުމަށް، ހެލްތު މިނިސްޓްރީގެ އިސް ފަރާތްތައްް ހާޒިރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބާއްވަން އޮތް ބައްދަލަލުވުން މާދަމާއަށް ފަސްކޮށް، ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާމަން އާއި، ފައިނޭންޝަލް ޑައިރެކްޓަރު ކޮމިޓީއަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެން ކޮމިޓީން ނިންމައިފިއެވެ.

ކޮމިީގެ ބައްދަލުވުން މާދަމާއަށް ފަސްކޮށްފައި ވަނީ، އެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އާއެކު ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ 11 ބޭފޫޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބިޑް ކޮމެޓީގެ ޗެއާމަން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނިޝާމާ މުހައްމަދާއި، ޑައިރެކްޓާ ފައިނޭންޝަން އެގްޒެކްޓިވް އަހުމަދު އަސްލަމް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންފައިނުވާތީއެވެ.

ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން، ކޮމިޓީއަށް އެދެބޭފުޅުން ވަޑައިނުގަންނަވާކަމަށް މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވުމުން، އެ ދެބޭފުޅުން ވަޑަިނުގެންވީ ކީއްވެގެންތޯ މެންބަރުން ސުވާލު ކުރެއްވިއެވެ.

އެ މެންބަރުންނަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ތަހުގީގީ އިދާރާތަކުން މައްސަލަ ބަލަމުންދާތީ، ވަކީލުންގެ ލަފާގެ މަތިން، އެ ދެބޭފުޅުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވީކަމަށެވެ.

ނަމަވެސް އެ ދެބޭފުޅުންނަކީ، ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ ބޭފުޅުންނެވެ.

އެހެންކަމުން ކޮމިޓީގެ ގިނަ މެންބަރުން ވިދާޅުވީ އެ ދެބޭފުޅުން ކޮމިޓީއަށް ހާޒިރު ނުކޮށް ބައްދަލުވުން ކުރިއަށް ގެންދެވުމަށް އެބޭފުޅުން ދެކޮޅު ހެއްދެވިއެވެ.

އެހެނަކަމުން އެ ދެބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމުގެ އަމުރެއްނެރުމަށް ބައެއް މެނއްބަރުން ހުށަހެޅުއްވިއެވެ. އަދި އެ ހުށަހެޅުއްވުމަށް ބައެއް ބޭފުޅުން ތާއީދުވެސް ކުރެއްވިއެވެ.

އެހެންކަމުން މާދަމާ 2:00 ގައި އެ ދެބޭފުޅުންނާއެެކު ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދެވުމަށް މުގައްރިރު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވައިލެއްްވިއެވެ.