ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް، ކޮމިޓީން މަޖިލީހަށް ހުށަހެޅި މައްސަލަ އަލުން ބެލުމަށް ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހީ މައުސޫމުގެ ހުވަޔާ މެދު ސުވާލު އުފައްދައި އެ މައްސަލަ އިތުރަށް ބެލުމަށް ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމެވުމަށްފަހު އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ. އަދި މައުސޫމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ މިމަހުގެ ނުވަނަ ދުވަހުއެވެ.
ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.
އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީ ސްކޫލް އޮފް ޕަބްލިސިޓީން ޑޮކްޓަރު އޮފް ފިލޯސޮފީ ފުރިހަމަކުރެއްވި މައުސޫމަކީ ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ދިވެއްސެވެ. އޭގެ އިތުރުން ހޮޓެލް މެނޭޖްމަންޓު ދާއިރާ އިން މާސްޓާސް ވެސް އޭނާ ހައްދަވާފައިވާ އިރު، މައުސޫމް ވަނީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.
މައުސޫމް އެންމެ ފަހުން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ކޮމަންވެލްތު އޮފް އޮސްޓްރޭލިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި ނިއުޒިލޭންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން މައުސޫމް ވަނީ އެ މަގާމުތަކުން ވަކިކުރައްވައިފައެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް