އުރީދޫ މޯލްޑިވްސް އާއި ސްރީލަންކާގެ ޓެލެމެޑެސިން ޕްލެޓްފޯމް، އޯޑޮކްގެ ޕާޓްނާޝިޕް މިއަދު އިއުލާނުކޮށްފިއެވެ.
ސްރީލަންކާ ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ މި ޕްލެޓްފޯމަކީ ޕޭޝަންޓުންނާއި ޑޮކްޓަރުން، ވީޑިއޯ އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވައިލަދޭ އޮންލައިން ޕްލެޓްފޯމްއެކެވެ. އުރީދޫން ބުނީ މި ޕާޓްނާޝިޕް ގާއިމުކުރެވިފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތަކާ ދިވެހި ރައްޔިތުން (ރާއްޖޭގައި ތިބެގެން) ގުޅުވައިލަދިނުމުގެ މަގްސަދުގައި ކަމަށެވެ.
މި ޕާޓްނާޝިޕްގެ ދަށުން އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއެކު ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސްއިން ފައިސާ ދައްކައިލެވޭނެއެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ، އޯޑޮކްއާއެކު ގާއިމުކުރެވުނު ޕާޓްނާޝިޕްގެ ދަށުން އުރީދޫގެ ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ޑޮކްޓަރަށް ދައްކަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.
"އޯޑޮކް އަކީ ޕޭޝަންޓުން ގޭގައި ތިބެގެންވެސް ޑޮކްޓަރުންނާއި ގުޅުވައިލަދީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާ ގުޅުވައިލަދޭ ވަރަށް ފުރިހަމަ ޕްލެޓްފޯމެއް. ދުނިޔެ މިއަދު އޮތް ހާލަތުގައި އޯޑޮކް ފަދަ ޓެލެމެޑިސިން ޕްލެޓްފޯމްތައް މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައި. ގޭގައި ތިއްބަވައިގެން ސްރީލަންކާގެ ފުންނާބު އުސް ޑޮކްޓަރުންނާ އޯޑޮކް މެދުވެރިކޮށް ގުޅާލެވޭ އިރު، ދަތުރުގެ ހަރަދު އަދި ލަންކާގައި ތިބުމުގެ ހަރަދު ކުރަންނުޖެހި ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދިއުމަކީ އަޅަގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ނަޖީބް ހާން ވިދާޅުވިއެވެ.
އޯޑޮކް ވާޗުއަލް ކްލިނިކް މެދުވެރިކޮށް ސްރީލަންކާގެ 450 އަށްވުރެ ގިނަ ޑޮކްޓަރުންގެ ހިދުމަތް ލިބިގަތުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ ތެރޭގައި ސްރީލަންކާ އަދި ރާއްޖޭގެ އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން އަދި ނަފުސާނީ ބަލީގެ ޑޮކްޓަރުންވެސް ހިމެނެއެވެ.
އުރީދޫން ބުނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޑޮކްޓަރުންވެސް އޯޑޮކް ޕްލެޓްފޯމް ބޭނުންކޮށްގެން ބަލި މީހުން ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އޯޑޮކް ޕްލެޓްފޯމްގެ ހުރިހާ ޑޮކްޓަރުންނަކީވެސް ޑޮކްޓަރެއްގެ ގޮތުގައި ރެޖިސްޓާވެ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރުން ކަމުގައި އެ ޕްލެޓްފޯމްއިން ޔަގީންކޮށްދޭ ކަމަށާއި އެ ޕްލެޓްފޯމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ސޮއި އަދި ސްޓޭމްޕާއެކު ބޭސް ސިޓީ ފޯނަށް ފޮނުވާލައިދެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
މީގެ އިތުރުން އުރީދޫން ބުނީ، އަވަސް އަދި ފެންވަރު ރަނގަޅު ހިދުމަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ގުޅުވާލައިދެވޭ މި ޒަމާނުގައި ޓެލެމެޑިސިންގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުން އަންނަ ކަމަށާއި މިގޮތުން އޯޑޮކް ވެސް ވަނީ ސްރީލަންކާގައި މަގުބޫލުކަން ހޯދައި، 200،000 އަށްވުރެ ގިނަ މީހުންގެ އިތުބާރު ހޯދާފައި ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް އަދި އޯޑޮކް އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް: http://ore.do/odoc
ޚަބަރު
ޚަބަރު
ޚަބަރު