ދުނިޔެއިން މިހައިތަނަށް ފެނުނު އެންމެ ބޮޑު ޓިއުމަރު އިންޑިއާގެ ޑޮކްޓަރުން ނަގައިފިއެވެ.

ބަރުދަނުގައި 54 ކިލޯ ހުރި މި ޓިއުމަރު ނަގާފައިވަނީ ގާތްގަނޑަކަށް 4 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހުގައެވެ.

52 އަހަރުގެ އަންހެނެއްގެ ބަނޑުން މި ޓިއުމަރު ނަގާފައިވަނީ އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ކުރި އޮޕަރޭޝަނެއްގައެވެ.

އެ ޓީމުގައި ހިމެނޭ ޑޮކްޓަރަކު ވަނީ އޭނާ ޑޮކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 30 އަހަރުވެފައިވާ ކަމަށާއި މިއީ އޭނާއަށް ކުރެވުނު ވަރަށް އާދަޔާ ހިލާފު ތަޖުރިބާއެއް ކަމުގައި ބުނެފައެވެ. އެ ޑޮކްޓަރުވަނީ ބަލިމީހާގެ ބަރުދަނާ އެއްވަރުގެ ޓިއުމަރެއް ނަގައި އޮޕަރޭޝަން ކާމިޔާބު ވުމުން ވަރަށްވެސް އުފާވާ ކަމަށް ބުނެފައެވެ.

އިންޑިއާގެ ދިއްލީ އަށް ނިސްބަތް ވާ އެ މީހާގެ ބަރުދަން ކުއްލިޔަކަށް އިތުރުވެ މަދު މަސްތަކެއް ތެރޭގައި 106 ކިލޯ އަށް އަރައިފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އޭނާއަށް ނޭވާލުމުގައި އުނދަގޫ ވެ ހެލިފެލިވެ އުޅުމަށްވެސް އުނދަގޫ ވުމުން އޮޕަރޭޝަން ކުރުމަށް ނިންމީ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ޑޮކްޓަރުންގެ ޓީމުން ކުރި އޮޕަރޭޝަންގައި ހާއްސަ ރޮބޮޓެއް ވެސް ވަނީ ބޭނުންކޮށްފައެވެ.