ކޮވިޑް ކޭސްތައް އިތުރުވާނަމަ ސްކޫލުތަކުގައިވެސް އެޑްމިޓް ކުރަން ޖެހިދާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، ކޭސްތައް އިތުރުވާނަމަ ހޯމް އައިސޮލޭޝަނަށް ވެސް ދާން ޖެހޭނެ ކަމަށެވެ. ނަމަވެސް އަދި އެ ހާލަތު ނާންނަ ކަމަށް ވިދާޅުވިއެވެ.

ޑރ. ލަތީފް ވިދާޅުވީ، މާލޭ ސަރަހައްދުގައި ހުރި ކޮވިޑް ފެސިލިޓީތައް ފުރުމުގެ ބިރު އެބައޮތް ކަމަށާއި އޭރުން ކޮވިޑްގެ ބަލި މީހުންނަށް ސްކޫލުތައް ފަދަ ތަންތަނުގައިވެސް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިދާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ބެޑް ކެޕޭސިޓީއަކީ ހުޅުމާލޭ ހެލްތު ފެސިލިޓީގައި 290 ވަރަކަށް ބެޑް. ދެން އެހެންނަމަވެސް މިހާރު އެ ބެޑް މުޅިން އޮކިއުޕައިޑްވެއްޖެ ނަމަ އަޅުގަނޑުމެން ޖެހޭނީ ސްކޫލު ފަދަ ތަންތަންވެސް ނަގަން." ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، ހާލަތު މެނޭޖު ނުކުރެވޭ ކަމަށް ވަންޏާ ޕްރައިވެޓް ހޮސްޕިޓަލުތަކަށްވެސް ކޮވިޑްގެ ކަންކަމުގައި އެހީތެރިވުމަށް އެދޭނެ ކަމަށެވެ. އަދި ކޭސްތައް އިންތިހާއަށް އިތުރުވެ ގިނަ ބަޔަކު އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ ހުޅުމާލޭ ފެސިލިޓީގައިވެސް ކައިރިކައިރީގައި އެނދުތައް ޖަހަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައިޖީއެމްއެޗުގައިވެސް ވޯޑް ހަދާފައި އެޑްމިޓް ކުރަން ޖެހޭނީ ކޮވިޑްގެ ކޭސްތައް. ހުޅުމާލޭ ހޮސްޕިޓަލްގައިވެސް. އެހާ ހިސާބަށް ދިޔައީމަ ވަރަޑް އެކްޓްރީމް ޑިސިސަންތައް ނަގަން ޖެހޭނީ،" ޑރ. ލަތީފް ވިދާޅުވިއެވެ.

ޑރ. ލަތީފް މިހެން ވިދާޅުވި އިރު، ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ 60 އިންސައްތަ މިހާރު ވަނީ ފުރިފައެވެ. އަދި މިހާރުގެ ނަންބަރުތަކަށް ބަލާއިރު އެ ފެސިލިޓީ ވަރަށް އަވަހަށް ފުރޭނެ ކަމަށް ޑޮކްޓަރުން ލަފާކުރެއެވެ.