މިހާރު މިދާ ގޮތަށް ބަލި ފެތުރެމުންދާ ނަމަ ހުރިހާ އުމުރެއްގެ އެތައް ބައެއްގެ ފުރާނަ ހިނގައިދާނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑަށް ފަރުވާ ދިނުމަށް ހިއުމަން ކެޕޭސިޓީ (ޑޮކްޓަރުންނާއި ނަރުހުން) ރާއްޖޭގައި މަދު ކަމަށެވެ.
ކޮވިޑްގެ ހާލަތާއެކު ނަރުހުންވެސް އުޅެނީ ވަރަށް ބުރަކޮށްކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، ގިނަ ނަރުހުން މިހާރު ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ކެޕޭސިޓީ ވަރަށް ބޮޑަށް އެބަ ފުލްވޭ. ހާއްސަކޮށް އަޅުގަނޑުމެންގެ ނަރުހުން ވަރަށް ބޮޑަށް ވަރުބަލިވެފައި މިތިބީ. ބައެއް މީހުންގެ މިހާރު ފަސް ކިލޯ ލުއިވެއްޖެ. މީގެ ކުރިން ހޮސްޕިޓަލުގައި އެޑްމިޓްވެފައި ތިބޭއިރު ގިނަ ފަހަރު ހަމަ ރިލޭޓިވްއާ އެކީގައި ތިބެނީ. އުމުރުން ދުވަސްވީ މީހުންވެސް ވަރަށް ބަލިވެ އުޅެނީ. އެހެންކަމުން އެކަހަލަ ހާލަތުގައި ނަރުހުންނަށްވެސް އަޅާނުލެވި ހިނގައިދާނެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް ޖެހިގެން ރާއްޖެއިން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އަދި ކޮވިޑް ޖެހިގެން ހާލަތު ގޯސްވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިސްނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެކި އުމުރުފުރާތަކުގެ މީހުންނަށްވެސް ކޮވިޑްގެ ނުރައްކާ އެބައޮތް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނޭ ބޮޑަށް ކޮމްޕްލިކޭޓެޑް ވަނީ. އަޅުގަނޑުމެންގެ ސިސްޓަމް އޯވާލޯޑްވަމުންދިޔަ ވަރަކަށް ހަމަ މި ސޭމް ނަރުހުންނާއި ޑޮކްޓަރުން ތިބީ ނަން ކޮވިޑަށްވެސް. ހާޓް އެޓޭކެއް ޖެހިގެން އަންނަ މީހާއަށްވެސް ފަރުވާދޭން މިތިބީ އެއްބައެއް. އެހެންކަމުން އަޅުގަނޑުމެން ވަރަށް މުހިންމު އަޅުގަނޑުމެންގެ ކެޕޭސިޓީގައި ހިފެހެއްޓުން،" ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ސިއްހީ ކެޕޭސިޓީއަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވެއްޖެނަމަ ފަރުވާ ނުދެވި ގިނަ ބައެއްގެ ހާލަތު ގޯސްވެގެންދާނެ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު