މިގޮތަށް ކޭސްތައް އިތުރުވަމުންދާ ނަމަ، ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ވިދާޅުވެ، އެ ހާލަތަށް ދިޔަ ނިދުމަށް ޑރ. އަލީ ލަތީފް އިލްތިމާސްކުރައްވައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމަށް މިއަދު ބައެއް ފިޔަވަޅުތައް އެޅުމުން ބައެއް މީހުން އެކަމާ ނުރުހުންވި ނަމަވެސް މިއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މި ފިޔަވަޅުތަކަކީ ހަމަ ހުރެލާފައި އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށާއި އެއީ ވަކި މިންގަނޑުތަކަކަށް ބެލިގެން އަޅާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.
މިހާރު ކޮންމެ ހަފުތާއަކު ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި ޑރ. އަލީ ލަތީފު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓް އަދި އޮފީސްތަކާއި ސްކޫލުތައް ބަންދުކުރަން ޖެހިދާނެ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެންމެ ފަހުގެ މަރުހަލާގައި ލޮކްޑައުންއަކަށް ވެސް ދާންޖެހިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ނުދަންނަވަން މިއަދު ލޮކްޑައުންއަކަށް ދާންޖެހެއެކޭ. ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވިއްޖެއްޔާ ލޮކްޑައުންއަކަށް ވެސް ދާންޖެހޭނެ. ލޮކްޑައުންއަކަށް ދާން މިޖެހެނީ ބަލި ކޮންޓްރޯލް ކުރަން. ދިވެހިންގެ ފުރާނަ ސަލާމަތްކުރަން ވެގެން. މިގޮތަށް އެކްޝަން ނަގައިފިއްޔާ ލޮކްޑައުންއަކަށް ނުގޮސް ފަރުޖެހިދާނެ ކަމަށް ލަފާކުރެވެނީ،" ޑޮކްޓަރު ވިދާޅުވިއެވެ.
ފާއިތުވި ތަނުގައި ލޮކްޑައުންއަކަށް ދިއުމުން ދިމާވި އުނދަގޫތައް އަދިވެސް ހަނދާނުގައި ހުންނާނެކަން ފާހަގަކުރައްވައި ޑރ. އަލީ ލަތީފު އިތުރަށް ވަނީ އެ ހާލަތަށް ނުދިއުމަށް އެޗްޕީއޭ އިން ދަންނަވާ ދެންނެވުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު