ފިޔަވަޅު އަޅަނީ ކަންކަމަށް ބަލާފައި ކަމަށާއި ހަމަ ހުރެފައި ފިޔަވަޅުތަކެއް އަޅާނީއެއް ނޫން ކަމަށް ވިދާޅުވެ އެކަމަށް އެއްބާރުލުން ދިނުމަށް ޑރ. އަލީ ލަތީފު އިލްތިމާސްކުރައްވައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރަން އަޅަންޖެހޭ މާބޮޑު ތަފާތު ފިޔަވަޅުތަކެއް ނެތް ކަމަށެވެ. އަދި މިއަދު ބައެއް ފިޔަވަޅުތައް އެޅުމުން ބައެއް މީހުން އެކަމާ ނުރުހުންވި ނަމަވެސް މިއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ސަބަބަކީ ކޭސްތައް އިތުރުވަމުން ދާވަރުން. އަޅުގަނޑުމެން ފިޔަވަޅު އަޅަނީ ހަމަ ހުރެލާފައެއް ނޫން. ވަކި މިންގަނޑުތަކަކަށް ބަލާފައި އަޅުގަނޑުމެން ފިޔަވަޅުތައް މި އަޅަނީ. އަޅުގަނޑުމެން ކޮންމެ ހަފުތާއަކު އެބަ ބަލަން ފާއިތުވި ހަފުތާގައި ކިހިނެއްތޯ ކޭސަސްތައް ހުރީ. އެ ބަލާފަ އެ މިންގަނޑުތަކަށް ފެތޭތޯ ބަލާފަ މި ފިޔަވަޅުތައް މި އަޅަނީ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފިޔަވަޅުތައް އަޅަން ނިންމުމުގައި މައިގަނޑު ހަ މިންގަނޑަކަށް ބަލަމުން އަންނަ ކަމަށެވެ. އެއީ ފްލޫ ކުލިނިކުން ޕޮޒިޓިވްވާ މީހުންގެ އަދަދަށާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދަށާއި ކޮވިޑް ކޭސްތައް ޑަބަލް ވެގެންދާ އަދަދަށާއި އެއްވެސް ކޭސްއަކާ ނުގުޅި ޕޮޒިޓިވްވާ މީހުންގެ އަދަދުގެ އިތުރުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްވެފައި ތިބޭ މީހުންގެ އަދަދު އަދި ހޮސްޕިޓަލުގައި އެނދު ހުރި މިންވަރަށެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ، މިހާރު ކޮންމެ ހަފުތާއަކަށް ބަލައިލި ކަމުގައި ވިޔަސް ފެންނަނީ ކޭސްތައް އިތުރުވަމުން އަންނަތަން ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓް އަދި އޮފީސްތަކާއި ސްކޫލުތައް ބަންދުކުރަން ޖެހިދާނެ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެންމެ ފަހުގެ މަރުހަލާގައި ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ނުދަންނަވަން މިއަދު ލޮކްޑައުންއަކަށް ދާންޖެހެއެކޭ. ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވިއްޖެއްޔާ ލޮކްޑައުންއަކަށް ވެސް ދާންޖެހޭނެ. ލޮކްޑައުންއަކަށް ދާން މިޖެހެނީ ބަލި ކޮންޓްރޯލް ކުރަން. ދިވެހިންގެ ފުރާނަ ސަލާމަތްކުރަން ވެގެން. މިގޮތަށް އެކްޝަން ނަގައިފިއްޔާ ލޮކްޑައުން އަކަށް ނުގޮސް ފަރުޖެހިދާނެ ކަމަށް ލަފާކުރެވެނީ،" ޑޮކްޓަރު ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފު އިތުރަށް ވިދާޅުވީ، ފާއިތުވި ތަނުގައި ލޮކްޑައުންއަކަށް ދިއުމުން ދިމާވި އުނދަގޫތައް އަދިވެސް ހަނދާނުގައި ހުންނާނެ ކަމަށާއި އެހެންކަމުން އެޗްޕީއޭ އިން ދަންނަވާ ދެންނެވުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.
"އެކްޝަން ނެގުމަކީ މީހަކަށް އުނދަގޫ ކުރާކަށް މިކަހަލަ ކަމެއް ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން. މިގޮތަށް އެކްޝަންތައް ނެގީމަ އަޅުގަނޑުމެން އެންމެންނަށް ވެސް އޭގެ އުނދަގޫ ލިބޭނެ. އަޅުގަނޑުމެންގެ އާއިލާއަށް ވެސް ލިބޭނެ. އެހެންކަމުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް މިގޮތަށް ރިސްޓްރިކްޝަން ހެދީމަ އެގޮތަށް އުޅުއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް،" ޑރ. ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު