މިހާރު މިދާ ގޮތަށް ޕޮޒިޓިވް ކޭސްތައް އިތުރު ވަމުންދާ ނަމަ، އަޅުގަނޑުމެންނަށް ހާލަތު މެނޭޖެއް ނުކުރެވޭނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ރާއްޖޭގައި މިހާރު އެވްރެޖްކޮށް ދުވާލަކު 140 މީހުން ޕޮޒިޓިވްވަމުން އަންނައިރު މިއީ ރާއްޖެ ކަހަލަ ކުޑަ ގައުމަކާ ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

"ފާއިތުވެދިޔަ އެއް ހަފުތާއަށް ބަލާއިރު ގާތްގަނޑަކަށް 980 ޕޭޝަންޓުން ވަނީ ޕޮޒިޓިވްވެފައި. މިކަހަލަ އަދަދެއް ޕޮޒިޓިވްވެގެން ދަންޏާ އަޅުގަނޑުމެންނަކަށް މެނޭޖެއް ނުކުރެވޭނެ. ދުވާލަކަށް 200 ނުވަތަ 300 ކޭސް ޕޮޒިޓިވްވަމުން ދަންޏާ ހޮސްޕިޓަލުގައި ބެޑް ހުއްޓަސް އެބެޑް ކެޕޭސިޓީއަށްވުރެ މައްޗަށް ގޮސްގެން މެނޭޖެއް ނުކުރެވޭނެ. މިއީ ވަރަށް ހިތާމަވެރި ކަމެއް،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އިތުރުން އެވްރެޖްކޮށް ހޮސްޕިޓަލުގައި އެޑްމިޓްކުރާ އަދަދު ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ޑރ. އަލީ ލަތީފް ވިދާޅުވީ، މާލޭގައި ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދޭން ހުރި އެނދުގެ 60 ޕަސެންޓް ފުރިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އެހެން ބަލިތަކުގައި ބަލިވާ މީހުން ވެސް ގިނަ އިރު، އައިޖީއެމްއެޗާއި އެހެން ހޮސްޕިޓަލްތަކުގައި ހަމައެކަނި ކޮވިޑް ޕޭޝަންޓުން އެޑްމިޓެއް ނުކުރެވޭނެ ކަމަށާއި އަދި އެހެން ބަލިތަކަށް ސަމާލުކަންދީ މެނޭޖްކުރަން ވެސް ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމަށްވާނަމަ ކޮވިޑް ޖެހިގެން މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ އަދަދު ހުރި ގޮތަށް ބަލާނަމަ، އެކަން ވެސް މެނޭޖް ނުކުރެވޭނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންސާނީ ވަސީލަތަކީ ދަތި އެއްޗެއް ކަމަށާއި އަދި އެތައް މަސްތަކެއް ވަންދެން ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަންޖެހުމުން ހެލްތު ސެކްޓަރުގައި މަސައްކަތްކުރާ ގިނަ ބޭފުޅުން ވަރުބަލިވެ، އޭގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަ ކަމަށެވެ. އެހެންކަމުން ކޮވިޑް ކޭސްތައް އިތުރުވެ، އެމީހުންނަށް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ވަރަށް މަދުވެދާނެ ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.