މާސްކު ނާޅައި އުޅުނު އިތުރު 41 މީހަކު ޖޫރިމަނާކޮށް، މަނާ ގަޑީގައި ބޭރުގައި އުޅުނު 60 މީހަކު ޖޫރިމަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާސްކް ނާޅައިގެން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 21 މީހަކަށް ނަސޭހަތްދީ، 41 މީހެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު 147 މީހަކަށް ނަސޭހަތްދީ، 60 މީހެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މާސްކު ނާޅައިގެން މިހާތަނަށް 2444 މީހަކަށް ނަސޭހަތްދީ، 874 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން 2418 މީހަކަށް ނަސޭހަތްދީ، 951 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ނަމަވެސް ކޮވިޑް ކޭސްތައް އަދިވެސް އިތުރުވަމުން އަންނާތީ މާދަމާ ރެއިން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ވަނީ ނިންމައިފަ އެވެ.

އެވަގުތުތަކުގައި ބޭރުގައި އުޅުމަށް ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އާއި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ މީހުން ހިމެނެ އެވެ. އަދި ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުންނާއި އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކަށް ވެސް މަނާ ވަގުތު ބޭރުގައި އުޅެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.